ލަންޑަންގައި ހާލުގައި ޖެހިފައިވާކަމަށް ބުނާ ފަރާތަށް ފްލައިޓްތައް ހުއްޓާލުމުގެ ކުރިން ރާއްޖެއަށް އަނބުރާ ދިއުމަށް ލަފާދިނިން: ޚާރިޖިއްޔާ

19 May 2020 | 23:55

އިނގިރޭސިވިލާތުގެ ލަންޑަންގައި ލޮކްޑައުންގެ ސަބަބުން ދިވެއްސަކު ހާލުގައި ޖެހިފައިވާކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ހުއްޓާލުމުގެ ކުރިން އެފަރާތަށް ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ލަފާދެވުނު ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

އޮންލައިން ނޫސް ދިޔަރެސްގައި ބުނެފައިވާ ގޮތުގައި ލަންޑަންގައި ދިވެއްސަކު ހާލުގައި ޖެހިގެން އެހީއަށް އެދުމުން، ދިވެހި ސަރުކާރުގެ ފަރާތުން އެމީހާއަށް އެހީގެ ގޮތުގައި ދެވެންއޮތީ އެންމެ 24 ޕައުންޑްކަމަށް ވަނީ ބުނެފައެވެ. ދިޔަރެސްގައި ބުނެފައިވާ ގޮތުގައި އެމީހާ ލަންޑަނަށް ގޮސްހުރީ ކެރީބިއަންއަށް ދިއުމަށެވެ. އަދި އަތުގައި އޮތް ފައިސާކޮޅު ހުސްވެ ކުލި ނުދެއްކިގެން ދިއުމާއި ގުޅިގެން ލަންޑަންގައި އޭނާ އުޅެމުންދިޔަ ތަނުންވެސް ނެރެލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް ކޮވިޑް-19 އާއިގުޅިގެން ލަންޑަންގައިވެސް ލޮކްޑައުން އިއުލާން ކުރުމުން، ކެރިބިއަންއަށްވެސް އަދި އަނބުރާ ރާއްޖެއަށްވެސް އާދެވޭނެ ގޮތެއް ނެތި ލަންޑަނުގައި އެމީހާ ތާށިވީކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އޭނާ މިހާރު ހުރީ ދިވެހި ހައިކޮމިޝަންގެ ކައިރީގައި މަގުމަތީގައިކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްގެ ފަރާތުން ވަނީ ހާލުގައި ޖެހިފައިވާ ދިވެއްސަކަށް މިހާ ކުޑަ އަދަދެއްގެ އެހީއެއް ދޭން ނިންމި ސަބަބާއި ބެހޭގޮތުން ފޮރިން މިނިސްޓްރީއާއި ސުވާލުކޮށްފައެވެ. 

މި ސުވާލަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އެ ފަރާތަކީ ސްރީލަންކާއިން ތުރުކީމަގުން ލާފައި ލަންޑަނަށް ދިޔަ ފަރާތެއްކަމަށާއި، އެއީ ކެރީބިއަންއަށް ޗުއްޓީ ހޭދަކުރަން ދިއުމުގެ ކުރިން ކުރި ޓްރާންސިޓެއް ކަމަށެވެ. މިއުވާން ވިދާޅުވީ އެފަރާތް މަޑުކުރީ ލަންޑަންގެ ބޮޑު ހޮޓާތަކުގައި ކަމަށެވެ. އަދި އެތަންތަނުގައި އިނގިރޭސިވިލާތުގެ އެންއެޗްއެސްގެ މުވައްޒަފުން ބަހައްޓަން މަސައްކަތްކުރި އިރު، ދިވެހި މީހާއަށް ހުރެވޭނެ ޖާގަ ހަމަޖައްސައިދޭންވެސް އެހީތެރިވި ކަމަށް މިއުވާން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެފަރާތް އިނގިރޭސިވިލާތަށް ދަތުރުކުރެއްވި ދުވަސްވަރަކީ ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުނުކުރާ ދުވަސްވަރަކަށް ވާތީ ވީހާވެސް އަވަހަށް އަނބުރާ ރާއްޖެއަށް ދިއުމަށް ހައިކޮމިޝަނުން ނަސޭހަތްތެރިވިކަމަށެވެ. އަދި ގަތަރު އެއާވޭޒްފަދަ ފްލައިޓްތައް އޭރު އޮތްކަންވެސް އެންގިކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަރާތް މަޑުކުރީ އަމިއްލަ ރުހުމުގައިކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އެފަރާތުން މިމަހުގެ ތެރޭގައި ސަރުކާރުގެ މާލީ އެހީއަށް އެދުމުން ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރިޓާން ޓިކެޓްފަދަ ލިޔެކިޔުންތައް ހުށައަޅަން އެދުނުކަަމަށެވެ. ނަމަވެސް އެ ލިޔެކިޔުންތައް މިހާތަނަށްވެސް ހުށައަޅާފައި ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"‎ނަމަވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގޮތްގޮތުން ހައިކޮމިޝާަނުން  ވަނީ މަސައްކަތްކޮށްފަދިވެހިދައުލަތުގެ ފައިސާއަކީ ދިވެހިރައްޔިތުންގެ ފައިސާ. އެނގިވަޑައިގަންނަވާނެ ފަދައިން އެ ފައިސާ ޚަރަދުކުރެވޭނީ ހެދިފައިވާ ގަވާއިދުތަކާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން"، މިއުވާން ވިދާޅުވިއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި ފަރާތް ޓްރާންސިޓަށް އައިސް ލަންޑަންގައި ދިރިއުޅެމުންދާތާ މިހާރު ވަނީ ދެމަސްވާން ކައިރިވެފައެވެ

Advertisement

ކޮމެންޓް

Advertisement