އެޖެންޑާ19 އަށް އެއް އަހަރު: ސުޕަމެޖޯރިޓީއާއެކު ވެސް ރައްޔިތުންނާއި ގުޅުންހުރި އެތައް ޤާނޫނެއްގެ މަސައްކަތް ނުފެށި!!

28 May 2020 | 09:12

2019ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ އެއްވެސް ބަޔަކު ހީނުކުރާނެފަދަ ބޮޑު ސުޕަރ މެޖޯރިޓީއަކާއި އެކުގައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 65 ގޮނޑި ލިބުމާއެކު އެމްޑީޕީގެ ޖަޒީރާ ރާއްޖެ ރަންފީޒް ކުރުމަށް ހުރި ހުރަސްތައް ނަައްތައިލެވި، ރޮކެޓް ސްޕީޑްގައި ތަރައްޤީއާއި ރައްޔިތުންނަށް ފައިދާކުރަނިމި އެތައް ކަންކަމެއް މަޖިލިސް 19 އިން ކުރެވިގެންދާނެކަމުގެ އުންމީދު ބޮޑުވިއެވެ.

ވެރިކަމާއި ހަވާލުމަށްފަހު ޖަޒީރާ މެނިފެސްޓޯގައި ހުރިކަންތައް ތަންފީޒުކުރެވޭނީ އެޖެންޑާ 19 އަށް ވޯޓު ދީ އެމްޑީޕީގެ މަޖިލީހެއް ހޮވައިގެންކަމަށް ރައީސް ޞާލިހް ށ. ކޮމަންޑޫއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ތަރައްގީ އާއި ބަދަލުގެ ތަފްސީލުތައް މިވަނީ އެމްޑީޕީގެ އެޖެންޑާ 19ގައި، އެއީ އަޅުގަނޑުމެން ރާއްޖެއާ ދޭތެރޭ ކުރާ އުންމީދު، އެއުންމީދު ހަގީގަތަކަށް ހަދާ ދިނުމަށް އަޅުގަނޑު ހަމަ ގައިމުވެސް މިހުރީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

އެކަންތައްތައް ހަގީގަތަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ކަންތައްތައް ކޮށްގެން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގައި އެކަަންކަމަށް އެއްބާރުލުންދޭ މެންބަރުންގެ އަގުލަބިއްޔަތެއް އިވެގެން ނޫނީ އެކަންކަން ހާސިލް ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެޖެންޑާ19 އަށް މިއަދު އެއް އަހަރު ފުރިފައިވާއިރު، އެމްޑީޕީގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ވިއްކި ވައުދުނާމާގެ ރައްޔިތުންނަށް އެތަކެއް ހައްޤެއް ކަށަވަރުކުރުމަށް ކުރާނެ ކަމަށްބުނެ ހިމަނާފައިވާ ކަންތައްތަކަށް ނަޒަރު ހިންގާލައި، އެކަންކަން ގޮސްފައިވާ ހިސާބު ބަލާލުމަކީ މުހިންމު ކަމެކެވެ.

އެޖެންޑާ ނަވާރައިގެ މައިގަނޑު ސިޔާސަތަކީ ނުވަތަ އެމްޑީޕީގެ ބަހުން ނަމަ މައިގަނޑު ވަޢުދަކީ "އިންސާފު" ހޯދައިދިނުމެވެ. ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމެވެ. މިއީ އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ މައިގަނޑު ވާހަކައެވެ.

މަޖިލިސް ނަވާރައިން އެންމެ ފުރަތަމަ އިސްލާހުކުރި ޤާނޫނުތަކުގެ ތެރޭގައި ކޯޓުތަކުގެ ޤާނޫނު ހިމެނެއެވެ. ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރި އިރު، އެ ކޯޓުގައި ޤާނޫނުގައި ބުނާ އަދަދަށް ފަނޑިޔާރުން އަދިވެސް ހަމައެއް ނުވެއެވެ. ދެހާސް ނަވާރަވަނަ އަހަރުގެ ޖުލައި މަހުގެ ތޭވިސްވަނަ ދުވަހު އަމަލުކުރަން ފެށި މި ދެންނެވި ކޯޓުތަކުގެ ޤާނޫނުގެ އިސްލާހުގައިވާ އަދަދަށް ސުޕްރީމް ކޯޓުގައ ފަނޑިޔާރުން ނެތި ދިހަ މަސް ދުވަސްވީއެވެ. މިކަމުގެ ޒިންމާ ގައިމުވެސް އުފުލުން ޖެހޭނީ ރައްޔިތުންނެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ. ރައްޔިތުންގެ މަޖިލީސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިކަމުގައި ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ.

ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ޖެހޭ ޒާތުގެ ބައެއް މައްސަލަތައް ހުރެއެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗު ހަމަ ނުވެ ދިހަ މަސް ދުވަސް ވެގެން މިދަނީ، އަމިއްލައަށް ޤާނޫނު ހަދައި، އެ ޤާނޫނު ތަސްދީޤުކޮށް އެކަމަކު އެއަށް އަމަލުނުކޮށެވެ.

މިދިޔަމި އިންތިޚާބު ކާމިޔާބުކުރުމުގައި އެމްޑީޕީން ވި އެންމެ ބޮޑު އެއް ވައުދަކީ މާލެއާއި ރަށްރަށުގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެކަށޭނެ ހައްލެއް ހޯދައިދޭން މަސައްކަތްކުރާނެކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ އަހަރުގެ އޮކްޓޯބަރު މަހުގައި ފެށޭ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ބޯހިޔާވަހިކަމުގެ ބިލްގެ މަސައްކަތް ފެށޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވި ފަދައިން އެ ބިލްގެ ބައެއް މަސައްކަތްތައް މަޖިލީހުގެ ސަބް ކޮމެޓީއަކުން ވަނީ ކޮށްފައެވެ. ނަމަވެސް އެ ބިލްގެ ދެލިކޮޕީއެއް މަޖިލީހުގެ ތަޅުމަށް މިހާތަނަށް ހުށައެޅިފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ސުޕަ މެޖޯރިޓީއާއެކު އެންމެ ގިނައިން ކޮށްފައިވާ ކަމަކީ "ގަރާރު" ހުށަހަޅައި ބަހުސްކުރުމެވެ. މަޖިލިސްއަށް ހުށަހެޅޭ ގަރާރުތަކަކީ އިލްތިމާސްއެއްގެ އިތުރަށް އެއީ އެއްޗެއް ނޫނެވެ. އެކަން އެނގެނީ ހަމަ ގަރާރުތަކުގައި ބުނާ ވާހަކަތައް ހިމަނައިގެން އެކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅޭތީ އެވެ. ބައެއް ބިލްތައް ގަރާރުތައް މަޖިލީހުގައި އޮތްވައި ވެސް ހުށަހަޅަ އެވެ. އެހެންވީއިރު އެންމެ ފުރަތަމަ ވެސް ބިލް ހުށަނާޅައި ގަރާރަށް މިހާ ވަގުތެއް މި ހޭދަ ކުރަނީ ކީއްވެތޯ ސުވާލުއުފެދެއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭ ގޮތް ހާމަކުރަން ގަރާރެއް ހުށަހެޅިދާނެ އެވެ. އެހެންކަމުން މަޖިލިސް ސުޕް މެޖޯރިޓީގައި މެންބަރުންގެ މަސައްކަތް ހުރީ މުޅިންވެސް "ހުސް އަނގަތެޅުމަށް" ކަމަށް ރައްޔިތުންގެ ގިނަބަޔަކު މީސްމީޑިއާގައި އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.

އެޖެންޑާ19 ގައިވާ ކަންކަން ހާސިލް ކުރުމަށް 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބާއެކު އެމްޑީޕީން ވަނީ އެޖެންޑާ 19 ތަންފީޒު ކުރަން ފަސް ކޮމިޓީއެއް އެކުލަވަލާފައެވެ.

އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސޯދުގެ މައްޗަށް އެކުލަވާލާފައިވާ މި ކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، ފަސް ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތައް ދެނެގަނެ އެ މަޝްރޫއުތައް ހިންގާނެ އުސޫލުތައް ދެނެގަތުން ކަމަށް އެމްޑީޕީން ބުންޏެވެ.

ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންނާއި ފަންނީ މާހިރުންހިމެނޭ މި ކޮމިޓީތަކުގެ މަސައްކަތެއް އަދި ކުރެވުނު ކަމެއްގެ އަސަރުވެސް މަޖިލިސް 19 އިން މިހާތަނަށް ފެނިފައެއް ނުވެއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަހަރު ފެބްރުއަރީގައި ހާމަކޮށްފައިވާގޮތުން މިހާރު ހިނގަމުންދާ ދައުރުގައި މަޖިލީހަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެއީ މުޅިން އަލަށް އެކުލަވާލަން ޖެހޭ 24 ބިލަކާއި އެކި ގާނޫނުތަކަށް އިސްލާހުތައް ގެނައުމުގެ 32 ބިލެކެވެ. އޭގެ ތެރެއިން 10 ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

އޭޖީން އެކުލަވާލާފައިވާ ބިލްތައް

ނަފުސާނީ ސިއްހަތުގެ ބިލް

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އިންޝުއަރެންސްއާ ބެހޭ ބިލް

ތަފާސް ހިސާބުގެ ބިލް

އެޖެންޑާ19 އަށް އެއްއަހަރުވެފައިވާއިރު އެމްޑީޕީގެ މަޖިލީހުން އެތެރޭގެ ކޯޅުން ބޮޑުވެ މަޖިލިސް ތަޅުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުން ކުރިމަތިކުރުވާ ގޮތަށް މަސައްކަތްކުރާކަން ފާހަގަވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ ސިފަކުރައްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކޯޅުން ސިފަ ކުރަނީ "ޗަރުކޭހެއް" ގޮތުގައެވެ. ސަބަބުތައް ބައިވަރެވެ. މަޖިލިސް ރައީސްއެއް ކަނޑައަޅަން އެމްޑީޕީ ދެބައިވެ ކުޅުއްވި ޗަރުކޭސް ނިމުނީ ރައީސް ނަޝީދަށް މަޖިލިސް ރައީސް ކަންދިނުމަށް ނިންމުމާއެކުއެވެ. މިއާއެކު ޕާޓީ އެތެރޭގެ ސިޔާސީ ކޯޅުން ކުޅޭތަނަކަށް މަޖިލިސް މިވަނީ ވެފައެވެ.

ރައްޔިތުންނާއި ގުޅުންހުރި އެތަކެއް މައްސަލަތަކެއްގެ ހައްލު ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހާއެވެ. ނުވަތަ އެޖެންޑާ 19 ގައެވެ. މަޖިލީހުގެ ސީރިއަސްކަން އަދި ފެންނަނީ ވަރަށް ކުޑަކޮށެވެ. މެންބަރުންގެ ޤާބިލްކަމާމެދު ސުވާލު އުފެދޭ އެތައްކަމެއް އެމްޑީޕީގެ މެންބަރުންގެ ވަހާކަތަކުން ދޭހަވެއެވެ. ކޮވިޑް-19 އާއި ގުޅިގެން މަޖިލިސް ރައީސް އާއި ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅަކީ މީގެ އެއްހެއްކެވެ.

ރާއްޖޭގެ ކަންކަން މިހާރު ހުރިގޮތުން މަޑުކުރެވޭކަށްނެތެވެ. ލަސްނުކޮށް އުޅެންވީ މަސައްކަތް ފަށައި ނަތީޖާ ނެރޭށެވެ.

Advertisement

ކޮމެންޓް