އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންގެ މުޒާހަރާ ހޫނުވެ ފުލުހުންނަށް ހަމަލާދިނުމުން ގިނަ ބިދޭސީން ހައްޔަރުކޮށްފި

13 Jul 2020 | 16:18

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންގެ މުޒާހަރާ ހޫނުވެ ފުލުހުންނަށް ހަމަލާދިނުމުން ގިނަ ބިދޭސީން ހައްޔަރުކޮށްފިއެވެ.

މީސް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަގޮތުގައި، އެ ބިދޭސީން އެންމެ ފުރަތަމަ މަގުމައްޗަށް ނުކުންނަން އުޅުނު ވަގުތުގައި އެމީހުން ހުއްޓުވުމަށް މަސައްކަތްކުރި މަދު އަދަދެއްގެ ފުލުހުންނަށް ކުއްލިއަކަށް ގަލުން ހަމަލާދޭން ފެށިއެވެ. ކުއްލިއަކަށް ހުއްޓާނުލާ ބިދޭސީން ގަލުން ހަމަލާދޭން ފެށުމުން، ފުލުހުން ތިބީ ވެހިކަލްގެ ފަހަތަށް ވަދެ ނިވާ ވެގެންނެވެ.

އޭރުވެސް ފުލުހުންނާއި ފުލުހުންގެ ވެހިކަލަށް ދިޔައީ ގާ އުކަމުންނެވެ. އެނގިފައިވާ ގޮތުގައި ގާ އުކުމުގެ ސަބަބުން ބައެއް ފުލުހުންނަށް ކުދި އަނިޔާވެ، ފުލުހުންގެ ވެހިކަލަށް ވަނީ ގެއްލުން ލިބިފައެވެ. މި މުޒާހަރާގެ ބައިވެރިން ތިބީ މުސާރަދީ އަނބުރާ ގައުމަށް ފޮނުވުމަށް ގޮވާލާ ޕޯސްޓަރުތަކެއް ހިފައިގެންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 40 އެއްހާ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސް ދުވަސް ވަނީ ވެފައެވެ. އެ މީހުންނަށް މުސާރަ ނުދޭ ތަނުގައި ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ މީހުންނަށް ރަނގަޅަށް ކާން ނުލިބޭއިރު، ދަތް އުނގުޅާ ފެންވެރުމަށް ބޭނުންވާ ސާމާނުވެސް ނެތެވެ.

Advertisement

ކޮމެންޓް

Advertisement