ފަލަސްތީނުން ފިލާވަޅެއް!

25 Jul 2020 | 13:37

ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބިންނެވެ. އަދި، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މިއަދަދަށް ބަދަލު އަންނަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ދެމެދުގައި ބަހާލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މިބުނީ، ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައް ކުރަން ނިންމާލެވުނީތީއެވެ.

މަތީގައި މިނަންގަތް އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސިން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވުމުން، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސިން ނެރުނު ބެލްފޯރގެ ވައުދުގެ ނަމުން މަޝްހޫރުވީ އިއުލާނުގެ ސަބަބުންނެވެ. އެ ވައުދަކީ އިނގިރޭސިން ޔޫރަޕްގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ 'ގައުމީ ގެއެއް'، އާދެ ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް އެހީވެދިނުމުގެ ވައުދެވެ.

ދެން، 1920ގައި ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުގައި، އިނގިރޭސިން ފަލަސްތީނުގެ މައްޗަށް ވެރިވިއެވެ. އަދި، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު ހުޅުވާލިއެވެ. މައިގަނޑު ގޮތެއްގައި ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވާލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީން ކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު ދެބައިކުރެވި، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދެވި، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރެވުނެވެ.

ފަލަސްތީނުގައި ޔޫރަޕްގެ ޔަހޫދީން ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށުނެވެ. އަދި ވިހިވަނަ ގަރުނަށް އެޅުނު މިމަސައްކަތަށް އިތުރު ހަލުވި ކަމެއް ލިބުނެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައިވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ހަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑު ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެމީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިއުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނުތަނާހެން، 1948 މިކަން ހަގީގަތަކަށް ވެގެންދިޔައެވެ.

މިހުރިހާ ރޭވުމަކާ ތައްޔާރީތަކެއް ވަމުން ދިޔައިރު، އަރަބިން ކޮބާ ހެއްޔެވެ؟ އެމީހުންގެ ގިނަބަޔަކު ތިބީ ނިދާފައެވެ. ދުނިޔޭގައި އެމީހުންނާ އިދިކޮޅަށް ރޭވެމުންދިޔަ ރޭވެމުންތައް ފާޅުގައި ރޭވެމުން ދިޔަ ކަމުގައި ވިޔަސް، އެކަން އެމީހުންނަށް އެނގޭ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން، އެމީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަން ކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތި ކަމުގައެވެ. އެހެންވެ، މިމީހުންގެ ދަހިވެތިކަމުގެ ބޭނުން އިނގިރޭސިން ވަރަށް ރަނގަޅަށް ހިފިއެވެ. އެމީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެމީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، އަރަބި ދުނިޔެއިން އެމީހުން ބޭރުކޮށްލައި، ފަލަސްތީނު އިނގިރޭސިންގެ އަތް ދަށަށް ގެނެސް، އެމީހުން ބޭނުންވި ގޮތަށް ޔަހޫދީން ދައުލަތެއް ގާއިމުކުރުމުގެ މަގު ފަހިކޮށް ދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެސަބަބު ކަމުގައި އާންމުންގެ ހޭލުންތެރިކަން ނެތުމާއި ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ހަގީގީ މަގުސަދު އޮޅުން ނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސިން ފަލަސްތީނަށް އައިސް، އެމީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރުހުޅުވާލުމުން، އަރަބިންނަށް ވާނުވާ ސާފުވިއެވެ. އަދި އެހިސާބުން، އެކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މިހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައިއިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރި ވެފައި އޮތް ވެސް މެއެވެ. އިނގިރޭސީންނާއި އަރަބިންނާއި ދެމެދު ކުރެވުނު އެންމެ ފަހުގެ 'ހުދު ކަރުދާހުގެ' އެއްބަސްވުމުގެ މަތިންނެވެ. ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށި، އަދި، އިނގިރޭސިންގެ އެދުމުގެ މަތިން، އަރަބީންގެ ބައެއް ލީޑަރުން ބުނެގެން ފަލަސްތީނު މީހުން ހަތިޔާރު ބެހެއްޓުމުގެ ސަބަބުން، ދެންމެ މިނަންގަތް ހުދުކަރުދާހަށް އަމަލު ކުރެވޭ ގޮތް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމަ ނިމި، ދުނިޔާގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި އެމެރިކާވިއެވެ. ނަތީޖާއަކަށްވީ 1948ގައި ފަލަސްތީނު ބައިވެ، ޔަހޫދީ ދައުލަތެއް ފަލަސްތީނުގައި ގާއިމު ވުމެވެ. އަދި، އަރަބިންނާއި އިޒްރޭލާއި ހަނގުރާމަތަކެއް ކުރެވުނެވެ. މީގެ ތެރެއިން 1948 ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އ.ދ. އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތްބައިން ވެސް ބޮޑު ބައެއް ގެއްލުނީއެވެ. މިކަން އޮތީ މާކުރިން ރޭވިފައެވެ. ފަލަސްތީނުގެ އަރަބިންގެ ބަޔަށް ޔަހޫދީން ވެރިވުމުގެ ޕުލޭން އޮތީ ކުރިން ކުރެވިފައިކަން ޔަހުދީން ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ 'ހަނދާންތައް' (މެމުއާރސް)، މިފޮތުން ފެންނަން އޮންނާނެއެވެ. މިއަދާ ހަމައަށް އާދެވުނު އިރު، ފަލަސްތީނު މީހުންނަށް އޮތީ ހަމައެކަނި ޣައްޒާއެވެ. އެހެން ހުރިހާ އަރަބި ބިންތަކެއް އޮތީ އިޒްރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަތަނެކެވެ. 

Advertisement

ކޮމެންޓް

Advertisement