ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ
ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް އެމްއޭސީއެލް އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އާ އިންތިޒާމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް ޓާމިނަލް 2 ޚާއްޞަކޮށްފައި ވަނީ ހަމައެކަނި އެތެރޭގެ އުދުހުންތަކަށެވެ.
ޓާމިނަލް 2 އަށް ޚިދުމަތްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ:
ޔޫއެސް-ބަންގްލާ އެއާލައިންސް
ސެންޓްރަމް އެއާ (އުޒްބެކިސްތާން)
އަޒުރު އެއާ (ރަޝިޔާ)
އެސް ސެވަން އެއާލައިންސް (ސައިބީރިއާ)
ޝިރަކް އަވިއާ (އަރުމީނިއާ)
ގުލިވް އެއާ (ބަލްގޭރިއާ)
މި އެއާލައިންތަކުން ދަތުރުކުރާ ފަސިންޖަރުން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދުރުވުމަށާއި، ފުރުމުގެ އިންތިޒާމުތައް ފަސޭހަކަމާއެކު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގަތުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި، މި ބަދަލާއެކު ފަތުރުވެރިކަމުގެ މި ހަލަބޮލި މޫސުމުގައި އެއާޕޯޓުގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް ޚިދުމަތް ދެވިގެންދާނެއެވެ. މީގެ ސަބަބުން ޖާގައިގެ ތަނަވަސްކަން ލިބި، އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މާހައުލެއް ޤާއިމުވެގެންދާނެއެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަރާތްތަކަށް ވެސް ރައްކާތެރި، އަމާން އަދި ހިތްފަސޭހަ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދީފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގެ ޑިޕާޗަރ ހޯލުގައި 47 ޗެކްއިން ކައުންޓަރާއި، އަމިއްލައަށް ޗެކްއިން ކުރެވޭ (ސެލްފް ޗެކްއިން) 6 ކިއޮސްކް ހުރެއެވެ. އަދި ޓާމިނަލް 2 ގައި 27 ޗެކްއިން ކައުންޓަރު ޤާއިމުކޮށްފައިވާއިރު، އެ ޓާމިނަލުގެ ބެގޭޖް ބެލްޓުގެ އަދަދު ވަނީ 1 އިން 3 އަށް އިތުރުކޮށްފައެވެ. މީގެއިތުރުން، އެއާލައިންތަކުގެ ޓިކެޓިންގ ކައުންޓަރުތަކަކީ ޓާމިނަލުގެ އެތެރެއިންނާއި ބޭރުން ވެސް ފަސޭހައިން ޚިދުމަތް ލިބޭނޭހެން ފަރުމާކޮށްފައިވާ ތަންތަނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް