މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން ކޯޓު އަމުރެއް ނެތްކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސަން ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން އެބޭފުޅާގެ މައްޗަށް އަމުރެއް ނެރުއްވާފައިވާ ނުވާ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުމެއް ހަމަޖެއްސުމަށް ކަރެކްޝަންސްގެ އިސްނެގުމުގެ މަތިން ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ބައްދަލުވުމެއް ނުބޭއްވިގެން އުޅެނީ އެކަން ކުރައްވަން ވަކީލުން ބޭނުންފުޅު ނުވާތީ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުނުވާކަމަށް ބުނެ އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީ މެދުވެެރިކޮށް ރ.ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިނގައިދިޔަ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ފެށުން ފަސްކުރުމަށް ވަނީ ނިންމާފައެވެ.
މި މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓްގެ ގާޟީ އަހުމަދު ޝަކީލް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާކަން އެނގޭކަމަށެވެ.
އެހެންކަމުން އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުވުމުގެ ފުރުސަތު ދެއްވައި ކަރެކްޝަންސްގެ މައްޗަށް ކޯޓު އަމުރެއް ނެރުއްވާނެކަމަށް ގާޟީ ވިދާޅުވިއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ލިޔެކިޔުންތައް ހަވާލުވުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists