Advertisement

ޓޮޓެންހަމް ބަލިކޮށް އެވަޓަން ފެށުން ރަނގަޅުކޮށްފި

14 Sep 2020 | 05:45

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަދި އެވަޓަން ބައްދަލުކުރި މެޗް 1-0 ކުން އެވަޓަން ކާމިޔާބުކޮށްފިއެވެ.

ޓޮޓެންހަމް އަދި އެވަޓަންގެ ވާދަވެރިކަމަށްވުރެ މޮރީނިއޯ އަދި އަންޗެލޯޓީގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު މި މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖެހީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކަލްވެޓް ލުވިންއެވެ. ލުވިން މި ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުން ލޫކަސް ޑީނިއޭ ނަގައިދިން ރީތި ހުރަހަކުން ބޯޅަ ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

އެވަޓަން ކާމިޔާބު ކުރި ގޯލުގެ އިތުރުންވެސް އެޓީމަށްވަނީ މެޗުގެ ކުރީ ކޮޅު ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ކީޕަރު ކަޓުވާލުމަށް ފަހު ރިޗާލިސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މުޅި މެޗުގައިވެސް އެވަޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ޓޮޓެންހަމް ފެނިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެވަޓަން ވަނީ އެޓީމުގެ މެދުތެރެ ވަރުގަދަ ކުރުމުގެ ގޮތުން ނަޕޯލީގެ އެލަން، ވޮޓްފޯޑުގެ ޑޮކޫރޭ، އަދި ރެއާލް މެޑްރިޑުގެ ތަރި ހަމޭސް ރޮޑްރިގޭޒް ގަނެފައެވެ. މި ތިން ކުޅުންތެރިވެސް ވަނީ މި މެޗުން ފެނިގެންގޮސްފައެވެ. އޭގެތެރެއިން ހަމޭސް ރޮޑިރޭޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ބުނީ ކުޅުންތެރިންގެ ފަރާތުން އުންމީދު ކުރިވަރުގެ ކުޅުމެއް ނުފެނުން ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ މެޗް އޮފިޝަލުންނާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެވަޓަން ކާމިޔާބު ކުރި ގޯލް ޖެހުމަށް މެދުވެރިވި ހިލޭ ޖެހުން ހުރަސްކުރީ ރަނގަޅު ތަނުންތޯއާމެދު ސުވާލު އުފައްދާފައެވެ.

އެވަޓަންގެ މެނޭޖަރ އަންޗެލޯޓީ ބުނީ އޭނާގެ ޓީމް ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށައި މި ގޮތުގައި ހިފަހައްޓާލެވިއްޖިއްޔާ ކޮންމެ ޓީމަކާ އިދިކޮށް ކުޅެން ޖެހުނަސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމުގައެވެ.

ލީގުގައި ދެން ކުޅުނު މެޗުގައި ޕްރޮމޯޓްވެ އަލުން ލީގައި ގުޅުނު ވެސްޓް ބްރޮމްގެ މައްޗަށް ލެސްޓާ ވަނީ ފަސޭހަކަމާއެކު 3-0 ކުން ކުރި ހޯދާފައެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، އާސެނަލް ފެށުން ރަނގަޅު ކޮށްފައިވާއިރު ޗެންޕިއަން ލިވަޕޫލްވެސް ވަނީ އުނދަގޫ މެޗަކަށް ފަހު 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. ލިވަޕޫލްއައި ދެކޮޅަށް ކުޅެ 4-3 ކުން ބަލިވި ކަމުގައިވި ނަމަވެސް ލީޑްސް ޔުނައިޓެޑްގެ ފަރާތުން މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ފެންނާނެކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އުންމީދު ކުރެއެވެ. 

Advertisement

ކޮމެންޓް