ޔުނައިޓެޑް ކޮޅަށް 6 ލަނޑު ޖަހާ ޓޮޓެންހަމް ފެންވަރު ދައްކާލައިފި

05 Oct 2020 | 04:44

ފަހަކަށް އައިސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑްއާ ވާދަކޮށް ޓޮޓެންހަމްއިން ބޮޑު މޮޅެއް ހާސިލްކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ދެޓީމް ވާދަކުރި މެޗް ނިމުނީ 1-6 ކުން ޓޮޓެންހަމް މޮޅުވެގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރުތަމަ ގޯލް ޖަހާ ކުރި ހޯދީ ޔުނައިޓެޑުންނެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 2 ވަނަ މިނެޓުގައި އެޓީމަށް ކުރި ހޯދަދިނީ ބްރޫނޯ ފެނާންޑެސްއެވެ. މި ގޯލަށް ގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމް ވަނީ ކައިރި ކައިރީގަ ދެގޯލް ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. 4 ވަނަ މިނެޓުގައި އެންޑޮމްބެލޭ ނަތީޖާ ހަމަހަމަ ކުރި އިރު 7 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަން އެވެ.

ޔުނައިޓެޑް ކުޅުންތެރިންގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމް އިތުރު ޕްރެޝަރަކަށް ވެއްޓުނީ ކުޅުމަށް ބައި ގަޑިއިރު ނުވަނީސް ފޯވަޑް މާޝިއަލް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ.

ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ޔުނައިޓެޑް ކޮޅަށް ދެން ގޯލްތައް ޖެހީ ސަން، ހެރީ ކޭން (ދެ ގޯލް)، އަދި ފުލްބެކް އޯރިއޭ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ މެނޭޖަރ އޮލޭ ބުނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ ގޯސް ދުވަސް ކަމަށެވެ. ނަމަވެސް މިއީ ކްލަބުގެ ތާރީހުގައި އެންމެ ގޯސް ނަތީޖާ ނުކުތް ދުވަހެއް ނޫން ކަމަށައި އެ ކްލަބަކީ ބައްޔަކަށްފަހު އަބަދުވެސް އެއަށްވުރެ ވަރުގަދަކޮށް ބައުންސްބެކް ކުރާ ކްލަބެއް ކަމަށް އޮލޭ ވަނީ ފާހަގަ ކޮށްފައެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗް އަދި ޓޮޓެންހަމްގެ މިހާރުގެ ޗޯލް ޖޯސޭ މޮރީނިއޯ މެޗަށް ފަހު ބުނީ އިދިކޮޅުން ކުޅުންތެރިޔަކު މަދުކޮށް ކުޅުން ނަމަވެސް އެގާރަ ކުޅުންތެރިން ދަނޑު މަތީގައި ތިބިއިރުވެސް އޭނާގެ ޓީމް އިދިކޮޅަށް ހިފަހައްޓާ ނުލލެވުނު ކަމަށެވެ. މޮޅުވުމުން އުފާވާ ކަމަށައި ނަމަވެސް ހަނދުގަ ޖެހޭ ވަރެއް އަދި ނުވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ނަތީޖާއަށްފަހު ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓުނުއިރު ޓޮޓެންހަމް އޮތީ ތާވަލުގެ 6 ވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement