އަދީބު ހުރީ މި ރާއްޖެއަށްޓަކައި ހުރިހާ ވާހަކައެއް ދައްކަން: ހަލީމް

15 Oct 2020 | 12:23

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވީ މި ރާއްޖެއަށްޓަކައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ހުރިހާ ވާހަކައެއް ދައްކަވަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނުހައްގުން މުއްސަނދިކަން ހޯދުން ކުށަކަށް ހެދުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ހަލީމް ވިދާޅުވީ މިއަދު ކުރީގެ ނައިބު ރައީސް ތަހުގީގަށް އެއްބާރުލުން ދެއްވާ ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި، އެބޭފުޅާ ގޭގައި ބަަހައްޓާ ބޭސްފަރުވާކޮށް ފުރާނަ ސަލާމަތްކޮށްދީގެން ނަމަވެސް ހުރިހާ ވާހަކަތަކެއް ނެރެން ޖެހޭކަމަށެވެ. އަދި އަދީބު ހުންނެވީ މި ރާއްޖެއަަށްޓަކައި ހުރިހާ ވާހަކަތަކެއް ކިޔައިދޭންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އުފުލުނު 7 ދައުވާ ސާބިތުވެ، އެބޭފުޅާ ޖުމްލަ 20 އަހަރަށް ޖަލަށްލުމަށް ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ.

މި 7 ދައުވާތަކުގެ ތަފްސީލްތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް