މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެކަން ޔަޤީން: ރައީސް ނަޝީދު
މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް މިއަދު އައްޔަންކުރެވުނު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތަފާތު ދައްކަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސީމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް، ހިންގުންތެރި އަދި ތަޖުރިބާހުރި ބޭފުޅެއް ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ފުރިހަމަ ނިންމެވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެކަން ޔަގީންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްމަރުހޫމް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ނަސީމް ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ނަސީމް ވަނީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަސީމް ހެލްތު މިނިސްޓަރކަމުގެ މަގާމަށް އައްޔަންކުރެވުނީ އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އަމީން އެ މަގާމުން އިސްތިއުފާދެއްވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists