އާސެނަލް އަތުން ބަލިވެ ޔުނައިޓެޑް ރެލިގޭޝަން ޒޯނާ ގާތަށް

02 Nov 2020 | 00:11

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް ވާދަ ކުރި މެޗް 1-0 ކުން އާސެނަލް ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނުނު ހަމައެކަނި ގޯލް ލިބުނު ޕެނަލްޓީއަކުން 69 ވަނަ މިނެޓުގައި އާސެނަލްއަށް ޖަހައިދިނީ ކެޕްޓަން އޯބާމެޔާންގްއެވެ. މި ޕެނަލްޓީއަކީ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޕޮގްބާ އާސެނަލްގެ ފުލްބެކް ބެލެރިންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އާސެނަލްއަށް ލިބުނު ޕެނަލްޓީއެވެ.

މިއީ 2006 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑުގެ ދަނޑު އޯލްޑް ޓްރެފޯޑްގައި އާސެނަލް ލީގު މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ޖުމްލަ 12 ޕޮއިންޓާއެކު އާސެނަލް ވަނީ ތާވަލުގެ 8 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑް އޮތީ 6 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.

ޗެންޕިއަންސް ލީގުގައި ޔުނައިޓެޑުން މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިސްފަވިނަމަވެސް ލީގުގައި އެޓީމުން ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން މެނޭޖަރ އޮލެ ގުނަ ސޯލްޝާގެ ކުރިމަގާމެދު ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.  

Advertisement

ކޮމެންޓް

Advertisement