Advertisement

ދިވެހިރާއްޖެ އިސްލާމްވި ޙާދިސާ

17 Nov 2020 | 13:16

ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ފޯކްލޯރ ވާހަކަތައް ހުންނަކަމަށް ވެއެވެ. އެފަދަ ވާހަކަތަކަކީ ޒަމާނުއްސުރެ ދެކެވޭ ވާހަކަތަކެއްކަން އެންމެންނަށްވެސް އެނގެއެވެ. ސަފަރުކަތްދައާއި، ސަންތި މަރިޔަނބުގެ ވާހަކައަކީ މިހާރުވެސް ކުޑަކުދިން ނުހަނު ޝައުޤުވެރިވާ އަދި އަޑުއަހާހިތްވާ އެއް ވާހަކައެވެ.ނަމަވެސް މި ވާހަކަތަކުންވެސް އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭގޮތުން ތުންތުން މަތިން ދެކެވުނު ވާހަކައެވެ.

ދިވެހިރާއްޖެ އިސްލާމް ވުމާ ގުޅޭ ގޮތުން މިހާރުވެސް ކިޔަމުން އަންނަ ރަންނަމާރި ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ކަމަކަށް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު މިހާރު ގަބޫލެއް ނުކުރެއެވެ. ސަބަބަކީ އެވާހަކައިގައި ގަބޫލު ނުކުރެވޭ ފަދަ އެތައް ކަމެއް މަސްހުނި ވެފައި އޮތް ވާހަކައަކަށް ވާތީއެވެ.

އެހެން ނަމަވެސް އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގައި އޮތް ދީނާއި ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކަންކަން ވެފައި އޮތް އެހެން ތަންތަނުގައި ހިނގާފައި ވާ ހާދިސާތަކަށް ބަލާއިރު، ރަންނަމާރި ވާހަކައާ އެ ހާދިސާތަކާ އެއްގޮތްކަމެއް ހުރި ކަން ފާހަގަ ކުރެވެއެވޭ ކަމަށް ބުނެއުޅެއެވެ. އާންމުކޮށް މިފަދަ ތާރީހީ ކޮންމެ ފުލޯކު ވާހަކައެއްގެ ވެސް އަސްލަކީ ކޮންމެވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ނޫނީ ނުވެއެވެ.

އެކިމީހުން ސިފަކުރާ ގޮތުގައި ރަންނަމާރިއަކީ ދިވެހިން ބުދު ދީނަށް އަޅުކަން ކުރި ޒަމާނެއްގައި މާލޭ ވަރުނުލާ ރާޅުގަނޑާ ދިމާ އެއްގަމުގައި ހުންނަ ބުދު ފައްޅިއަކަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ އަންނަ ފުރޭތައެކެވެ.އެހެންކަމުން އެ ރަންނަމާރިން ސަލާމަތްވުމަށް،ކޮންމެ ހަނދުމަހަކު ގުރުއަތުން ހޮވާ ކުއްޖަކު ރަންނަމާރިއަށް ވެދުމަށް ބުދުދީނުގެ އެތައް އަޅުކަމަކަށްފަހު ގެންދައެވެ. ނަމަވެސް ބައެއް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން މިވާހަކައާ މެދު ދެކޭގޮތުގައި ރަންނަމާރި ވާހަކައަކީ ޚިޔާލީ ވާހަކައެކެވެ.

ރަންނަމާރި ވާހަކައަކީ ޚިޔާލީ ވާހަކައަކަށްވި ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތް ގެނެސްދެއްވީ މަޣުރިބުކަރައިގެ (މޮރޮކޯގެ) އިލްމުވެރިއެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީކަމަށް އާންމުގޮތެއްގައި ބުނެވެއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގައެވެ. މީލާދީ ގޮތުން ބަލާއިރު 1153 ވަނަ އަހަރެވެ.

އެހެން ނަމަވެސް ދިވެހިރާއްޖެ އިސްލާމްވުމުގައި މެދުވެރިވި ބޭކަލެއްގެ ނަމާއިމެދު ޚިލާފުތަކެއްވަނީ އުފެދިފައެވެ. އެއްގޮތަކީ އަބުލްބަރަކާތުލް ބަރްބަރީ ކަމަށް އިބްނު ބަތޫތާ ވަނީ ވިދާޅުވެފައެވެ .އަނެއްގޮތަކީ އައްރިކާބް ޔޫސުފް އައް ތަބްރޭޒީއެވެ. އައްސުލްތާން މުހައްމަދު ޝިހާބުއްދީން ދުވަސްވަރު މާލޭ ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި މިހެން ލިޔެފައިވެއެވެ.

ދިވެހިރާއްޖެ އިސްލާމްވި އިރު ރަސްކަމުގެ ތަހުތުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. އަދި އިސްލާމް ވުމަށްފަހު މި ރަސްގެފާނުގެ ނަންފުޅަކަށްވީ ސުލްތާން މުޙައްމަދު ބުނި ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ދަރުމަވަންތަ މިސްކިތް ނިސްބަތް ވެގެންވަނީ މި ރަދުންނަށް ކަމަށް ތާރީޚު ހެކިދެއެވެ.

ރާއްޖެ އިސްލާމް ވެފައިވާތާ 800 ވަރަކަށް އަހަރުވެފައިވީއިރު، އިސްލާމީ ރޫހު ދިވެހިންގެ ތެރޭގައި މިއަދު އޮތީ ކިހައި މިންވަރަކަށް ކަމާމެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަންވީ ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވުމެވެ.

Advertisement

ކޮމެންޓް