ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އޭނާ އިއުތިރާފްވެއްޖެ

23 Nov 2020 | 22:31

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު އާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔަތުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރި ހިޔާނާތުގެ މައްސަލައަކީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލައެވެ.

މިއަދުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބައިވެރިވެވަޑައިގެންނެވި ޤާނޫނީ ވަކީލު ހާމަކުރެއްވި ގޮތުގައި ޒިޔަތާއި ދައުލަތުގެ މެދުގައި ހެދުނު އެއްބަސްވުމުގެ ދަށުން ޒިޔަތުވަނީ އޭނާގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވެފައެވެ.

އަދި މި އެއްބަސްވުން ހަދާފައިވަނީ ފުލުހުންނާއި އޭސީސީގެ އިތުރަށް ރިޔާސީ ކޮމިޝަނުގެ މަޝްވަރާއާއެކު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅިކަން ޕީޖީ އޮފީހުގެ ވަކީލާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ޙުކުމް ސުޕްރީމް ކޯޓުގައި މީގެ ކުރީގައި އިސްތިއުނާފް ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ހަމައެކަނި މާބިންހުރާ މައްސަލައަށް އިންކާރުކޮށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަން ޒިޔަތުވެސް ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލަ ޒިޔަތުގެ ފަރާތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޅ މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ޒިޔަތުގެ މައްޗަށް ކޮށްފައިވާ 8 އަހަރުގެ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށެވެ.

Advertisement

ކޮމެންޓް