އެމްޑީޕީގެ މަޖިލިސް މެންބަރުން މިނިސްޓަރ އިމްރާންގެ ދިފާއުގައި!

23 Nov 2020 | 13:40

ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން އިސްވެ އޮވެ ހުށައަޅާފައިވާ މައްސަލައިގެ ބަހުސްގައި އެބޭފުޅާ ވަރަށް ބޮޑަށް ދިފާއުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

މި ކޯލިޝަންގެ މެންބަރުން އިމްރާން ވަކިކުރަން ހުށައަޅާފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ އަދި/ނުވަތަ ރޭޕްކުރަން އުޅުނު މައްސަލައާއި ގުޅިގެން ރޭޑިއޯ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.

މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅޭގޮތުން މޭޑޭގައި ދެއްކި ލިޔުންތަކުގެ ވާހަކަ ފަހުން ދެއްެކެވި ގޮތުގެ ވާހަކަވެސް ވަނީ މަޖިލީހަށް ވެއްދި އިތުބާރުނެތްކަމުގެ މައްސަލައިގައި ހިމަނާފައެވެ.

މި މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވަނީ މިނިސްޓަރ އިމްރާންގެ މައްޗަށް ތާއިދު އޮތް ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ އެ ވިސްނުން ތަކުރާރުކުރައްވާފައެވެ. އެގޮތުން އެ މެންބަރުން ވަނީ އެ މައްސަލަ އަކީ އޭގެ ފަހަތުގައި އެހެން ސަބަބުތަކެއް އޮވެގެން ހުށައެޅި މައްސަލައެއް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވީ މިއީ ސަަލަފް ޖަމްއިއްޔާ އަޑީގައި އޮވެގެން ހުށައެޅި މައްސަލައެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެހެން ފަރާތްތައް ލައްވައި ސިޔާސީ ކަންކަން ނުކުރުވައި، އަމިއްލައަށް ސިޔާސީ ޕާޓީއެއް ހެދުމަށް ހަލީމް ސަލަފް ޖަމްއިއްޔާއަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީން އަބަދުވެސް އަދާލަތު ޕާޓީއާ އެކު ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ދެ ޕާޓީ އަކީ ހަރުކަށި ފިކުރާ ދެކޮޅު އަދި ލާދީނީ ގޮތުންވެސް ހަރުކަށި ފިކުރާ ދެކޮޅު ބައެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވި ގޮތުގައި އިމްރާނާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހަގީގަތުގައި ވައްދާފައިވަނީ އެބޭފުޅާއަށް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހުށައެޅުއްވުމުން އެކަން ގަބޫލުނުކުރެއްވުމުންނެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް ފާހަގަކޮށްލެވެއެވެ. ޝަހީމް ވިދާޅުވީ ށ.ފޭދޫގައި ފުލުހުން ބައިތިއްބައި ނުދޭ މައްސަލައިގައި އޭނާއާއި އެ ދާއިރާގެ ގިނަ މެންބަރުންގެ އިތުބާރު އިމްރާނަށް ނެތްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް