ރައީސް އިބްރާހިމް ނާސިރު ދިވެހި ރައްޔިތުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީފުޅު

27 Dec 2020 | 13:23

ތިރީގައި މިވާ ބަސްކޮޅަކީ 1971ވަނަ އަހަރުގެ ޖުލައިމަހުގެ 16ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާޢި، ދިވެހި ރައްޔިތުންނަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އަލްމަރުހޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ފޮނުއްވާފައިވާ މުހިންމު ސިޓީއެއްގައިވާ ބައިތަކެވެ. މި ސިޓީއަކީ އެމަނިކުފާނު ރައީސްކަމުން ވަކިވާން ގަސްދުކުރައްވާކަން ރަަސްމީކޮށް ހާމަކުރެއްވި ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ.

އެހެނަސް 1972ވަނަ އަހަރު ވަނީ އޭރުގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ވެރިކަމުގެ ދައުރުގެ މުއްދަތު ފަސް އަހަރަށް ހަދައި ބޮޑުވަަޒީރުކަމުގެ މަގާމު ތައާރަފްކޮށްފައެވެ. އޭގެ ޖެހިގެން އައި 1973 އަހަރު އޮތް ރިޔާސީ އިންތިޚާބުގައި މަޖިލީހުން ނަން ފާސްކޮށް، ރައްޔިތުންގެ ވޯޓް ލިބުނީ ހަމަ ރައީސް އިބްރާހިމް ނާސިރަށެވެ. 

މި ހިސާބުން 1971ވަނަ އަހަރުގައި ރައީސް ނާސިރު މަޖިލީހަށް ފޮނުއްވި ސިޓީ ގެނެސްދޭނަމެވެ.



ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލެ، ދިވެހިރާއްޖެ

އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ލޮބުވެތި ރައްޔިތުންނަށް ހެޔޮ އެދުންތަކައި އިޚްލާސްތެރިކަމާއި އެކު ދަންނަވަމެވެ.

އަޅުގަނޑު ދިވެހި ޤައުމުގެ ރައީސް ކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން ގެންދާތާ މިހާރު ތިން އަހަރު ވަނީއެވެ. ރައީސް ކަމުގެ މަޤާމު ނޫން ނަމަވެސް ވަޒީރުލްއައުޘަމް ކަމުން ފެށިގެން ދައުލަތް ހިންގުމުގެ މަޤާމުގައި އުޅޭތާ 13 އަހަރު ވެއްޖެއެވެ. ރާއްޖޭގެ އަމަންއަމާން ކަން ބެލެހެއްޓުމުގެ ގޮތުންނާއި އެފަދަ އެހެނިހެން ގޮތްގޮތުން ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އަޅުގަނޑުގެ ބޮލުގައި އަޅައިގެން އުޅޭތާ 17 އަހަރު ވެއްޖެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއްވެސް މީހަކު މިހާދިގު މުއްދަތަކަށް މިމަޤާމުގައި ހުރުމަކީ މިޒަމާނާއި އެކަށީގެންވާ ކަމެއް ނޫނެވެ.

ތިޔަ އިއްޒަތްތެރި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނާއި، ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. 1972މ. ވަނަ އަހަރުގެ މެދެއްހާތާގައި ޤައުމުގެ ރައީސްކަމުގެ މަޤާމުން ވަކިވުމަށް އަޅުގަނޑު ޤަސްދުކޮށްފީމެވެ. މިފުރުސަތުގައި ވޭތުވެދިޔަ ރައީސްކަމުގެ މުއްދަތުގެ ތެރޭގައި އެނޫންވެސް އެކި މަޤާމްތަކުގައި އަޅުގަނޑު ދައުލަތް ހިންގަވަމުން ގެންދިޔައިރު އާއި، އެކިއެކި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލިސްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އޮފީސްތަކުގެ ވެރިންނާއި، އެފަދަ ފަރާތްޕުޅުތަކުން އަޅުގަނޑަށް ވެދެއްވި އެހީފުޅުތަކަށް ޝުކުރު ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުން އަޅުގަނޑަށް ބެހެއްޓެވި އިޚްލާސްތެރިކަމަށްވެސް ޝުކުރު ރައްދުކުރަމެވެ. އަދި އަޅުގަނޑުގެ ފަހަށް ދިވެހި ޤައުމުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނޭ ބޭފުޅަކަށްވެސް ހަމަ އެ އެހީފުޅާއި އިޚްލާސްތެރިކަން ބެހެއްޓެވުން އެދެމެވެ.

އަޅުގަނޑު އެދެނީ މިހާރުއްސުރެ ފެށިގެން ވިސްނަވައި، ވާހަކަ ދައްކަވައިގެން ޤާނޫނު ތަންދޭގޮތުގެ މަތިން ޤަޢުމުގެ ރައީސްކަށް ހޮވޭނެ ބޭފުޅަކާއި ދޭތެރޭގައި ނިންމަވައިގެން ތިއްބެވުމަށެވެ. ވަރަށް ބޮޑަށް ހަމަޖެހިލައިގެން ވިސްނުންތެރިކަމާއި އެކު އެކަން ނިންމަވައިގެން ތިއްބެވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކެވެ. ކަމަކީ ރާއްޖޭގެ ކޮންމެ މީހަކުވެސް ތެދުވެރިވާންޖެހޭނޭ އެންމެ ބޮޑު ކަމެވެ. އެންމެ މުޙިންމު ކަމެވެ. ރާއްޖޭގައި އޮތް އެންމެ ޚާއްސަ އަދި އެންމެ ރައްކާތެރި ވާންވީ ކަންތަކެވެ. އެއީ ޤައުމުގެ ރައީސަކަށް ހުންނަވާނޭ ބޭފުޅަކު ކަނޑައެޅުމެވެ.

ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ. އަޅުގަނޑު ރައީސްކަމުން ވަކިކި ކަމުގައި ވިޔަސް ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެވުނު ޚިދުމަތެއް ކުރުމަށް އަބަދުވެސް ހުންނާނީ ތައްޔާރުގައެވެ.

ޝައްކެއްނެތެވެ. އެއްވެސް މީހަކީ ދުނިޔޭގައި އަބަދު ހުންނާނޭ މީހެއް ނޫނެވެ. އަދި އެއެްވެސް މަޤާމަކީ އަބަދަކު އެކަމަށްޓަކައި ކަނޑައެޅިފައި އޮންނާނޭ މަޤާމެއްވެސް ނޫނެވެ.

ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެދެނީ ހުރިހާވެސް ހެވެކެވެ. ދިވެހި ޤައުމާއި، ޤައުމުގެ މިނިވަންކަމަށް އަޅުގަނޑު އެދެނީ ބާއްޖަވެރި ދާއިމީ އަމުރެކެވެ.

ސޮއި: އިބްރާހިމް ނާސިރު

ރައީސުލްޖުމްހޫރިއްޔާ

އެޑިޓަރުގެ ނޯޓް: މި ސިޓީ ލިޔެފައިވަނީ ދިވެހި އާކައިވުން ހޯދުނު ނަކަލެއްގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ.

Advertisement

ކޮމެންޓް