އެމްޓީސީސީގެ އިސްވެރިންނާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް، ގިނަ ޝަކުވާތަކެއް!

17 Mar 2021 | 18:52

ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްވެރިންނާއި ބެހޭގޮތުން މީސް މީޑިޔާގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިގޮތުން އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އެއް ފަރާތަކީ އެކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް އާޒިމެވެ. އާޒިމްގެ މައްޗަށް ކުރެވިފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަޝްރޫޢުތަކަށް ބިޑްކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެފަދަ ގޮތަކަށް އަމަލުކުރެއްވުމެވެ.

"އާޒިމް އައުޓް" ނަމުގައި އުފައްދާފައިވާ ފޭސްބުކް ޕޭޖެއްގައިވާ ގޮތުގައި ގއ.ކޮނޑޭ، ގދ.ރަތަފަންދޫ އަދި ލ.މުންޑޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޤާއިމުކުރުމުގެ މަޝްރޫޢުއަށް އެމްޓީސީސީ އަދި ފެނަކަ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރއަކުން ވަނީ ކުރިމަތިލާފައެވެ. ހަމަ އެ މަޝްރޫޢުތަކަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރްސީސީ)އިންވެސް ވަނީ ކުރިމަތިލައި، އެއަށްވުރެ ކުޑަ އަގު ހުށައަޅާފައެވެ. މިއީ އިއްތިފާގެއްގެ ގޮތުގައި ގަބޫލުކުރަން ދަތިކަމެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާރްސީސީއަކީ އާޒިމްގެ އާއިލީ މަސްލަހަތު ވަރަށް ބޮޑަށް އޮތް ކުންފުންޏެވެ.

މީގެއިތުރުން އާޒިމްގެ މައްޗަށް ވަނީ އެބޭފުޅާއާއި ގާތް ފަރާތްތަކެއް އެމްޓީސީސީގެ އިސް މަޤާމުތަކަށް ގެނައުމަށް ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައިކަމުގެ ތުހުމަތުވެސް ކުރެވިފައެވެ. މި ފަރާތްތަކަކީ އާޒިމްއާ އެކު ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލާގައި ވޮއިސްގެ ފަރާތުން އާޒިމްގެ ބަހެއް ހޯދުމަށް ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފައިކަން ފާހަގަކޮށްލަމެވެ. އަދި އެމްޓީސީސީގެ މީޑިއާއިންވެސް މިކަމަށް އެއްޗެކޭ ބުނެފައިނުވެއެވެ.

މިފަދަ ބޮޑެތި ތުހުމަތުތަކެއް އެމްޓީސީސީގެ އެންމެ އިސް ފަރާތުގެ މައްޗަށް ކުރެވިފައިވުމުގެ ނަތީޖާއަކީ، ކުންފުނީގެ ހިންގުމާއި ނަޒާހަތްތެރިކަމާ މެދުގައިވެސް ވަރަށް ބޮޑަށް ސުވާލު އުފެދިފައިވުމެވެ. އެމްޓީސީސީ ނޫނަސް ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވި ޝަކުވާތަކެއް ވަނީ އުފުލިފައެވެ. އެހެނަސް އެކަންކަމާ މެދު ފިޔަވަޅެއް އެޅޭނެތޯ އެއީ މިއަދު ސުވާލު އުފެދިފައިވާ ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement