ފުލެޓު ލިބުނު މީހުންގެ ތެރޭގައި ބޯހިޔާވަހިކަމެއް ނުވަތަ ބިމެއް އޮތް 200 މީހުން އެބަތިބި: އަސްލަމް

07 Apr 2021 | 08:57

ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބުނު ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި، ބޯހިޔާވަހިކަން ލިބިފައިވާ 200އެއްހާ މީހުން އެބަތިބި ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީއިން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހިޔާ ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ބަދަލު އައުމަކީ ގާތްކަމެއް ކަމަށް އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފައެވެެ. ލިސްޓަށް ބަދަލު އަތުވެދާނެ ބައެއް ސަބަބުތައް ހިއްސާ ކުރައްވައި، މިނިސްޓަރު އަސްލަމް ވިދާޅުވީ، ފުލެޓު ކޮމިޓީން ނެރުނު ދާއިމީ ލިސްޓުގައި ފުލެޓު ޙައްޤު ކަމަށް އެބޭފުޅުންނަށް ފެންނަ ފަރާތްތަކެއް ހިމަނައި، ފްލޭނިން މިނިސްޓްރީއަށް އަށް ކަމެއް ކުރުމަށް އެދިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ކޮންޓްރެކްޓެއް މީހަކާއިއެކު ހަދާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، އެމީހަކަށް ތަނެއް ލިބިފައި ހުރިތޯ ޔަގީން ކުރުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރެކޯޑްތައް ބަލައި، ބޯހިޔާވަހިކަމެއް ނުވަތަ ބިންކޮޅެއް ވިޔަސް، ލިބިފައި ހުރި މީހުންނަށް ސިޓީ ފޮނުވައި، އެކަންކަން އިތުރަށް ސާފު ކުރާނެ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު، އޭނަ ބަލާ ކަމަށް އެެބުނާ މީހާ އަކީ، ބައެއް ފަހަރު އެބަހުރި މަންމައާއި ބައްޕަވެސް ވަކިން ފޯމުލާފައި، ތިމަންނައޭ ބަލަނީ ކިޔާފައި. މިކަހަލަ ކަންކަން ޔަގީން ކުރަން ޖެހޭ." އަސްލަމް ވިދާޅުވިއެެވެ.

Advertisement

ކޮމެންޓް