ކޮވިޑް ބޮޑަށް ފެތުރިފައިވާ ރަށްރަށަށް ސަމާލުކަން ދިނުން ވަރަށް މުހިންމު:އާދަމް ޝަރީފު

03 Apr 2021 | 05:41

ކޮވިޑް-19 ގެ ބަލިމަޑުކަން މިހާރު އަތޮޅުތެރެއަށް ފެތުރިފައިވާ ދުވަސްވަރެއް ކަމުން ކޮވިޑް ފެތުރިފައިވާ ރަށްރަށަށް ސަމާލުކަންދީ ވަސީލަތްތައް އިތުރުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ގޮވާލައިފިއެވެ.

އޭނާ މިހެން ވިދާޅުވީ، މިހާރު ރަށްރަށުގައި ކޮވިޑުގެ ބަލިމަޑުކަން އިތުވަމުންދާތީ އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ނައިފަރު، ފެލިވަރު އަދި ހުރާ ފަދަ ކޮވިޑް-19 ފެތުރިފައިވާ ރަށްރަށަށް އިތުރަށް މީހުންނާއި ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް ޖެހިގެން ޓެސްޓުކުރުން ލަސްވުމާއި، އޭގެ ނަތީޖާ ލިބުންލަސްކަން އޭނާ ފާހަގަކުރެއްވިއެވެ.

“ޓެސްޓުކުރުން ވަރަށް ސްލޯ. ނަތީޖާ ލިބުން މާ ސްލޯ".އާދަމް ޝަރީފުގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.

އާދަމް ޝަރީފު ވިދާޅުވީ ނައިފަރު ފަދަ ތޮއްޖެހިފައި އޮންނަ ރަށްރަށުގައި ތަންފީޒުކުރަންވާނީ ކަސްޓަމައިޒް ގައިޑްލައިނެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހޭ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އަތޮޅުތެރޭގައިވެސް މިބަލިޖެހޭ މީހުން އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއާއެކު މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށްރާއްޖެއިން ކޮވިޑް ޖެހިގެން 169 މީހަކު ވަނީ ރެކޯޑުކުރެވިފައެވެ. އޭގެ ތެރޭގައި ރަށްރަށުން ޕޮޒިޓިވްވި 65 މީހަކު ހިމެނެއެވެ.


Advertisement

ކޮމެންޓް

Advertisement