ޖޯޖް ފްލޮއިޑް މަރާލިކަމުގެ ކުށް ޑެރެކް ޝައުވިންގެ މައްޗަށް ސާބިތުވެއްޖެ

21 Apr 2021 | 13:02

އެމެރިކާގެ މިނިއަޕޮލިސް ޝަަހަރުގައި، ފުލުހުންގެ ވަޒީފާގައި ހުރެ ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑްގެ ކަރަށް އަރައި އޭނާ މަރާލި ޑެރެކް ޝައުވިންގެ މައްޗަށް އެ މައްސަލައިގައި އުފުލި ދަޢުވާތައް ސާބިތުވެއްޖެއެވެ.

ޑެރެކް ޝައުވިންގެ މައްޗަށް ވަނީ ތިން ދަޢުވާއެއް އުފުލާފައެވެ. އެއީ ސެކަންޑް ޑިގްރީ އަންއިންޓެންޝަނަލް މަރޑަރ، ތަރޑް ޑިގްރީ މަރޑަރ އަދި ސެކަންޑް ޑިގްރީ މޭންސްލޯޓަރއެވެ. މި ހުރިހާ ދަޢުވާއެއްވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް، މި މައްސަލައިގައި ގޮތެއް ކަނޑައެޅި 12 މެންބަރުން ހިމެނޭ ޖޫރީންގެ ޓީމުން ވަނީ ނިންމާފައެވެ.

މި ނިންމުމަށް އެ ޖޫރީން ވާސިލުވެފައިވަނީ 10 ވަރަކަށް ގަޑިއިރު ވަންދެން މަޝްވަރާކުރުމަށް ފަހުގައެވެ. އެމެރިކާގައި ފުލުހެއްގެ މައްޗަށް މީހަކު މަރާލި މައްސަލަތައް ސާބިތުވަނީ ވަރަށްވެސް މަދު ފަހަރެއްގައެވެ.

މިދިޔަ އަހަރުގެ މެއިމަހުގައި ޖޯޖް ފްލޮއިޑް މަރުވެފައިވަނީ 9.5 މިނެޓް ވަންދެން އޭނާގެ ކަރުގައި ޑެރެކް ޝައުވިން ކަކޫޖައްސައިގެން އިށީނދެގެން އިނުމުން ނޭވާލާން އުނދަގޫވެގެންކަމަށް މެޑިކަލް ރިޕޯޓްތަކުން ވަނީ ދައްކާފައެވެ. މި ހާދިސާގެ ވީޑިޔޯތައް މީސް މީޑިޔާގައި ވައިރަލްވެގެން ދިޔައިރު، ޖޯޖް ފްލޮއިޑް އޭނާއަށް ނޭވާނުލެވޭކަން ބުނަމުންދިޔަކަން ފާހަގަވެގެންދެއެވެ.

މި ހާދިސާއަށްފަހު އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްލެކް ލައިވްސް މެޓަރ ހަރަކާތުގެ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އަދި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަތައް އިޖުތިމާއީ އަދި ޢިލްމީ ސިފައެއްގައި ދެކެވޭ މިންވަރުވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.

މި ދަޢުވާތައް ސާބިތުވުމާއި ގުޅިގެން ޑެރެކް ޝައުވިންގެ މައްޗަށް އަންނާނެ އަދަބު އެނގިގެންދާނީ ފަހުގެ ތާރީޚެއްގައެވެ.

Advertisement

ކޮމެންޓް