އީރާނާއި މެދު ސައުދީ ވަލީއަހުދުގެ ބަސްމަގު ބަދަލުވެއްޖެ؟

28 Apr 2021 | 17:34

ސަޢުދީ ޢަރަބިޔާއިން އެޤައުމާއި ސަރަޙައްދީ ސުލްހަމަސަލަސްކަމުގެ ބޮޑު ޢަދުއްވެއްގެ ގޮތުގައި ދެކެމުންދިޔަ އީރާނާއި ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތަކަށް ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

އެގޮތުން މިވަގުތު ސަޢުދީ ޢަރަބިޔާގައި ހުރި އެންމެ ބާރުގަދަ އެއް ފަރާތްކަމަށްވާ އެޤައުމުގެ ވަލީއަހުދު އަދި އަސްކަރީ ވަޒީރު މުޙައްމަދު ބިން ސަލްމާން ވަނީ، ސަޢުދީން އީރާނާއި އެކު ސުލްޙަވެދާނެކަމަށް ބެލެވޭފަދަ ވާހަކަތަކެއް ދައްކަވާފައެވެ. ސަޢުދީ އަރަބިއްޔާއަށް ނިސްބަތްވާ މިޑްލް އީސްޓް ބްރޯޑްކާސްޓިންގ ސެންޓަރަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެބޭފުޅާ ވިދާޅުވީ، އީރާނަކީ އަވައްޓެރި ޤައުމެއްކަމަށާއި އެޤައުމާއި އެކު ރަނގަޅު އަދި ޚާއްޞަ ގުޅުމެއް އޮތުމަށް ހުރިހާ ފަރާތްތަކުންވެސް ބޭނުންވާކަމަށެވެ.

އެގޮތުން ވަލީއަހުދު މުޙައްމަދު ވިދާޅުވީ އީރާނުގެ ހާލަތު ދަތިވުމަށް ސަޢުދީ ޢަރަބިޔާއިން ނޭދޭކަމަށާއި، އޭގެ ބަދަލުގައި އެދެނީ އެޤައުމު ތަރައްޤީވެ ކުރިއަރައިދާންކަމަށެވެ. އަދި އެކަމުގެ ސަބަބުން މެދު އިރުމަތީގެ ސަރަޙައްދާއި މުޅި ދުނިޔެވެސް ކުރިއަރާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ އީރާނުން ކުރަމުންދާ ބައެއް ނޭދެވޭ ކަންތައްތަކަށް ހައްލު ހޯދުމަށް ސަރަޙައްދީ އަދި ބައިނަލްއަގްވާމީ އެކުވެރިންނާއި އެކު ސަޢުދީ ޢަރަބިޔާއިން މަސައްކަތްކުރަމުންދާކަމަށްވެސް ފާހަގަކުރައްވާފައެވެ.

އަދި އެ އުނދަގޫތަކުން އަރައިގަނެ، އެންމެންނަަށް ފައިދާވާނެ ފަދައިން އީރާނާއި އެކު ރަނގަޅު އަދި ފައްސި ގުޅުމެއް ޤާއިމުކުރުމަށް ސަޢުދީން އުންމީދުކުރާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އީރާނާ ސަޢުދީ ޢަރަބިޔާއާއި ދެމެދު މާބޮޑު ރަސްމީ ގުޅުންތައް ބާއްވާފައެއް ނުވެއެވެ. އެއީ ސަޢުދީއިން މަޝްހޫރު ޝީޢީ ޢިލްމުވެރިއަކު މެރުމުން، އެކަމާއި ދެކޮޅަށް އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ތެހެރާންގައި ހުރި ސަޢުދީ އެމްބަސީއަށް މީހުން ވަނުމުންނެވެ. މިކަމުގެ ފަހަތުގައި ވަނީ އީރާނުގެ ސަރުކާރުކަމަށް ސަޢުދީ ޢަރަބިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެއަށްފަހު މިދެޤައުމުން ދަނީ ޔަމަނުގައި "ޕްެރޮކްސީ" ހަނގުރާމައެއް ކުރަމުންނެވެ. އެގޮތުން ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންނަކީ އީރާނުގެ މަދަދާއި އެކު ހަރަކާތްތެރިވާ ބައެއްކަމަށް ބައިނަލްއަގްވާމީ ގިނަ ފަރާތްތަކުން ވަނީ ވަނީ ބުނެފައެވެ. މި ހޫތީ ހަނގުރާމަވެރިން ބަލިކުރުމަށްޓަކައި އުފައްދާފައިވާ އިސްލާމީ ދެޤައުމުތަކުގެ ކޯލިޝަންގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ ސަޢުދީ ޢަރަބިޔާއެވެ. މި ހަނގުރާމައިގެ ސަަބަބުން ޔަމަނުގެ އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހި، ބޮޑު އިންސާނީ ކާރިސާއެއް އެދެޤައުމުގައި ވަނީ އުފެދިފައެވެ.

Advertisement

ކޮމެންޓް