ތުލުސްދޫ ކުނީގެ މައްސަލަ: ރައްޔިތުންނަށް އޮތް ތަކުލީފެއް! ލޯކަލް ޓުއަރިޒަމަށް އޮތް ހުރަހެއް!
ކ. ތުލުސްދޫއަކީ މާލެ އަތޮޅު ވެރިކަން ކުރާ ރަށެވެ. ބޮޑު މިނުގައި 66 ހެކްޓަރު ހުންނަ އެ ރަށަކީ އާބާދީ ކުޑަ ނަމަވެސް ލޯކަލް ޓުއަރިޒަމް ފުޅާކުރަމުން އަންނަ ރަށެކެވެ.
އެހެން ނަމަވެސް އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ މިއަދު ރަށުގެ ތަރައްގީއާއި، ރައްޔިތުންގެ ހިތްހަމަ ޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް ވަނީ ވެފައެވެ.
ތުލުސްދޫއަކީ އަތޮޅުތެރޭގައި އެންމެ ގިނައިން ކުނި ޖަމާވެފައިވާ 20 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ތިމާވެއްޓާއި ރައްޓެހިގޮތަށް ކުނި ނައްތާލާނެ ނިޒާމެއް އެ ރަށުގައި ގާއިމުވެފައި ނެތުމަކީ ތުލުސްދޫގައި ކުނި ޖަމާވަމުންދާ މައިގަނޑު ސަބަބެވެ.
ކުނި ނައްތާލާނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. އެއާއެކު، ރަށުގެ ކުނި ގޮނޑު ފުރި، ބަންޑުންވަމުން ދާ ދިއުމައި ގުޅިގެން ރައްޔިތުންނަށް ވަނީ އެތައް ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ.
ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ވޮއިސް" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ކުނީގެ މައްސަލައަކީ ވަރަށް ޒަމާންވެފައިވާ މައްސަލައެއްކަމަށެވެ. އެ މައްސަލައަށް ހައްލު ނުލިބި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ބޮޑު ހިތާމައަކީ މި ސަރަހައްދުގެ ރައްޔިތުންނށް ވާ އުނދަގޫ. ދޭތެރެ ދޭތެރެއިން މިތަން (ކުނިއަޅާ ސަރަހައްދު) ކޮންމެސް ބަޔަކު އައިސް ރޯކޮށްލަފާނެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އަދި ރައްޔިތުންނަށްވެސް އެތައް އުނދަގޫތަކާއި ކުރިމަތިވޭ"
ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ
ވޮއިސްއިން ތުލުސްދޫއަށް ކުރި ޒިޔާރަތުގައި ކުނި އަޅާ ސަރަހައްދު ވަނީ ބަލާފައެވެ. އެތަނަށް ގޮސް ބެލި ބެލުމުން ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން ކޮންމެވެސް ވަރަށް ތަން ރޯކޮށްލާފައިވާކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އަދި ރޯކޮށްލުމާއި ގުޅިގެން އެކި ހިސާބުތަކުން ދުން އަރަމުން ދިޔަ މަންޒަރުވެސް ވަނީ ފެނިފައެވެ. އެފަދައިން ދުން އަރަމުން ދިއުމަކީ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއްކަން ފާހަގަކުރެވުނެވެ.
ތުލުސްދޫ ކުނި ގޮނޑު----ފޮޓޯ: ވޮއިސް
ކުނީގެ މައްސަލައާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ ތުލުސްދޫއަކީ ފަތުރުވެރި ރަށަކަށް ވާއިރު، އެރަށުގައި ކުނި ޖަމާވެ، އެކަން ހައްލު ނުވެ އޮތުމުގެ ސަބަބުން އެރަށަށް ޒިޔާރާތްކުރާ ފަތުރުވެރިން ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ބުރޫއަރާކަން ފާހަގަކުރެވިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ތުލުސްދޫއަކީ ޚާއްސަކޮށް ފަތުރުވެރިންގެ ރަށަކަށް ވީތީ، ކުނީގެ މައްސަަލަ ހައްލު ނުވެ އޮތުމުގެ ސަބަބުން ވިޔަފާރިތަކަށް އަސަރުކުރޭ"
ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ
ރާއްޖެ އަންނަ ފަތުރުވެރިން ރަށްރަށަށް ޒިޔާރަތްކުރަނީ ހިތްހަމަޖެހޭ މާހައުލެއްގައި ތިބެގެން ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލުމަށެވެ. ނަމަވެސް މިހާތަނަށްވެސް ރަށުގައި ކުނި މެނޭޖްކުރާނެ ވަސީލަތެއް ޤާއިމްކުރެވިފައެއްނުވެއެވެ.
ތުލުސްދޫ ކައުންސިލުން ބުނީ އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް، ގިނަ ދޮރުތަކުގައި ޓަކި ޖެހިއްޖެކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
"މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރުމަންޓު މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބާއްވައިފިން. ނަމަވެސް މިހާ ހިސާބަށް އައިރު ހައްލެއް ނުހޯދި މި އޮތީ. އާ ކައުންސިލާއި ހަވާލުވިތާ ދެމަސް ތެރޭގައި (ކުނީގެ މައްސަލަ ހައްލުކުރުމަށް) އެމް.އޯ.ޔޫ އެއްގައި ސޮއިވެސް ކުރެވުނު، އެހެން ނަމަވެސް އެފަހުންވެސް މައްސަލައަކަށް ހައްލެއް ނުލިބުނު"
ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ
އޭގެ އިތުރުން އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ތުލުސްދޫ ކައުންސިލުން ވަނީ މިއަހަރުގެ ޖޫން މަހުގެ 5 ގައި ސީދާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކޮށްފައެވެ. އަދި ކުނި ނައްތާލާނާލެ ނިޒާމެއް ނެތުމުން ރައްޔިތުންނަށް ސިއްހީ ގޮތުންނައި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތަކާއ އުފުލަން ޖެހޭ ތަކުލީފުތަކުގެ ވާހަކަ ރައީސްއަށް ހިއްސާކޮށްފައެވެ.
ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ
އެ ބައްދަލުވުމަށްފަހު ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޖޫން މަހުގެ ނިޔަލަށް ހައްލުކޮށްދެއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި މުއްދަތު ފަހަނައަޅައިގެން ދިޔައިރު އެކަން ކޮށްދެއްވާފައި ނުވާކަމަށާއި، އެފަހުން އެ ކައުންސިލަށް އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުންވެސް ހިއްސާކޮށްފައި ނުވާކަން ކައުންސިލްގެ ރައީސް ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.
"5 ޖޫންގެ ބައްދަލުވުމުގައި އަޅުގަނޑުމެން ވާނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ރަށް ގިރުމުގެ މައްސަލަވެސްރައީސް އާއި ހިއްސާކޮށްފަ. ރައީސް ވިދާޅުވި ދެ ހަފްތާ ތެރޭގައި ބައެއްކަންކަން ގިނަވެގެން މަސް ދުވަސް ތެރޭގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައިރު އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވޭ"
ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ
ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންގެ އާންމު ސިއްހީ ހާލަތަށްވެސް ނުރައްކާވާވަރުގެ މައްސަލައަކަށް ވަނީ ވެފައެވެ.
ކުނި ގަނޑު ރޯކޮށްލުމާއި ގުޅިގެން ކުނި ގޮނޑާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، އެފަދަ ދާއިމީ ބަލިތައް ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން އެތައް ގެއްލުންތައް ލިބެމުންދާކަމުގެ މައްސަލަތައް ވަނީ ރިކޯޑު ކުރެވިފައެވެ. އަދި ކުނީގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާކުރަން ޖެހިފައިވާ މީހުން ތުލުސްދޫގައި އެބަ ތިއްބެވެ.
ހިތާމައަކީ ކުނީގެ ސަބަބުން، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އަސަރުކުރަމުންދާއިރު، އަދި ރަށުގެ އިގްތިސާދަށްވެސް އެކި ވަރުގެ ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަން ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެވިފައި ވީނަމަވެސް، މި މައްސަލަ ހައްލުކުރުމަށް މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުގެ މާ ބޮޑު އެހީތެރިކަމެއްވެސް ފޯރުކޮށްދެމުން ނުދާކަމެވެ.
ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްު ހޯދާދިނުމަށް ސަރުކާރުން މާ ބޮޑު އެއްބާރުލުމެއް ނުދޭކަމަށް ކައުންސިލުން ބުނަމުން ދިއުމާއި ގުޅިގެން އެންވަޔަރުމަންޓު މިނިސްޓްރީގެ ބަހެއްވެސް "ވޮއިސް" އިން ވާނީ ހޯދާފައެވެ.
ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވޮއިސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ތުލުަސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން އެ ރަށުގައި ކުނި ކޮށި ހެދުމުގެ މަސައްކަތް މިހާރު ޓެންޑަރ ކުރެވިފައިވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ކުނި ކޮށީގެ މަސައްކަތް ނިމުމުން މިހާރު އެރަށަށް ދިމާވެފައިވާ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.
ތުލުސްދޫ ކުނި ގޮނޑު----ފޮޓޯ: ވޮއިސް
އެކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ، އެތައް ޒަމާނެއް ވަންދެން ތުލުސްދޫއަށް ޖަމާވެފައި ހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކޮށްފައިވާނެކަމަށެވެ.
އެގޮތުން ތުލުސްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް 2021 ވަނަ އަހަރު ސަރުކާރުން ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއި ގުޅިގެން ޕްރޮގްރާމެއް ހިންގާފައިވާނެ ކަމަށާއި، އެ ޕްރޮގްރާމުގެ ތެރެއިން އެ ރަށުގައި ޖަމާވެފައި ހުރި 2800 ޓަނުގެ ކުނި ވެމްކޯއިން ސާފުކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަން ކައުންސިލަށްވެސް އެނގޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަލީ ސޯލިހު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފަރުވާކުޑަ ނުކުރާނެކަމަށެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ކުރަން ޖެހޭ ކަމެއްކަމަށް ސަރުކާރު ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެފަދައިން ވިދާޅުވީ، ކުނީގެ މައްސަލައަކީ އެއްފަހަރުން ހައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުންނެވެ.
"ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ނުނިމޭނެ، އެއީ އަބަދުވެސް ކޮށްދޭން ޖެހޭކަމެއް. މި ސަރުކާރުން ކުރަނީ އެ މަސައްކަތް. ޚިދުމަތް ފޯރުކޮށްދިނުމުގައި ވަކި ރަށެއް ތަފާތެއް ނުކުރާނެ"
ސްޓޭޓް މިނިސްޓަރު އަލީ ސާލިހު
ކުނީގެ މައްސަލައާއި ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކުންވެސް އެނގުނީ މި މައްސަލަ އަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެއްކަމެވެ.
ކައުންސިލްގެ ޝަކުވާ އަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ކައުންސިލްތަކުގެ ޝަކުވާތައް އަހައި، ރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ މަގު ތަނަވަސްކޮށްދިނުމުގެ މަސައްކަތް އެ ފަރާތްތައް ބޭނުންވާ ހަލުވިމިނުގައި ނުދާކަމުގެ ޝަކުވާއެވެ.
އަދި މި މައްސަލަ ހައްލު ނުވެ އޮތުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީއާއި އެ މައްސަލައަކީ އެ ރަށުގެ އާމްދަނީ އިތުރުކުރުމަށް އޮތް މަގު ބަންދަކަށް ވެދާނެކަމުގެ ކަންބޮޑުވުމެވެ.
ރައީސުލް ޖުމްހޫރީއްޔާ ކ. ތުލުސްދޫ ކައުންސިލާ ބައްދަލުކުރެއްވުން 5 ޖޫން 2022--ފޮޓޯ: ރައީސް އޮފީސް
ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައަކަށްވާއިރު، މި މައްސަލަ ހައްލުކުރުމަކީ އުނގަދޫކަމެއްކަން ސަރުކާރުންވެސް ދަނީ ފާހަގަކުރަމުންނެވެ. އެއާއެކުވެސް މި މައްސަލަތައް ހައްލުކުރުމަށް މިހާރަށްވުރެ ސަރުކާރުގެ ދުވެހި ބަރުކުރަން ޖެހޭކަމަށް ފެނެއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ގެންދިއުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރަން ޖެހެއެވެ.
މައި ސަރުކާރުންވެސް އަދި ކައުންސިލްތަކުންވެސް ކުރަން އާޚިރުގައި ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ ދިރިއުޅުން ފާގަތިކޮށްދީ އުފާވެރިކަމާއެކު އުޅެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
ތުލުސްދޫއަށް ބަޅާއިރު، އެ މަގްސަދަށް އެޅިފައިވާ އެންމެ ބޮޑު ހިޏަންޔަކީ އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރވެގިން ނޫނީ ސަރުކާރުން ވައުދުވި ފަޚުރުވެރި ދިރިއުޅުން އެ ރަށުގެ ރައްޔިތުންނަށް ހޯދާދެވޭކަަށް ނެތެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists