ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އުނގަންނައިދިނުމާއި ދަސްކޮށްދިނުމުގެ ފެންވަރު މަތިކުރުމަށް ޚާއްޞަކޮށްގެން ބާއްވާ ކޮންފަރެންސް، "އެމްއެންޔޫ-އެޖް 2026" ފަށައިފިއެވެ.
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ، ހަމައެކަނި ކިޔަވައިދޭ އެއްޗަކަށް ބެލުމުގެ ބަދަލުގައި ދަރިވަރުންނަށް ޙަޤީޤަތުގައި ދަސްވަނީ ކޮން އެއްޗެއްތޯ ބެލުމަށް އެދިލައްވާފައެވެ.
"ދަރިވަރުންނަށް ދަސްވާކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނެއް؟" މި ޝިޢާރުގެ ދަށުން ދެއްވި ތަޤުރީރުގައި ވައިސް ޗާންސެލަރ ވިދާޅުވީ، ކިޔަވައިދިނުން މެދުނުކެނޑި ކުރިއެރުވުމަށްޓަކައި ދަރިވަރުންގެ މަސައްކަތްތަކާއި، އެސެސްމަންޓްތަކާއި، ކްލާހުގެ ބައިވެރިވުމާއި، ފީޑްބެކް އަދި ދިރާސާތަކުން ލިބޭ ހެކިތަކުގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުން ބައްޓަންކުރުން މުހިންމު ކަމަށެވެ. އަދި ހެކީގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމަކީ ހަމައެކަނި ދިރާސާތަކަށް ބަރޯސާވުން ނޫން ކަމަށާއި، އޭގެ ތެރޭގައި ޕްރޮފެޝަނަލް ވިސްނުމާއި، ދާއިރާގެ ތަޖުރިބާއާއި، ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކުރުން ހިމެނޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މަތީ ތަޢުލީމަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އޭއައި އަކީ ހަމައެކަނި މަނާކުރަންވީ ނުވަތަ ބަލައިގަންނަންވީ އެއްޗެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ދަރިވަރުން ދަސްކުރަންވީ ކަންކަމާއި އެސެސްމަންޓްތަކުގެ އިތުބާރު ހުރި މިންވަރު އަލުން ވަޒަންކުރުމަށް އެދިވަޑައިގެންނެވިއެވެ
. އަދި އައު ޓެކްނޮލޮޖީއެއް ނުވަތަ އައު ގޮތްތަކެއް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކިޔެވުން ރަނގަޅުވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ކޮންމެ އައު އީޖާދެއްވެސް ގެންނަންވާނީ ވަކި މަޤްޞަދެއް އޮވެގެން ކަމަށާއި އޭގެ ނަތީޖާ ހެއްކާއެކު ވަޒަންކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ވަނީ އެމްއެންޔޫގެ އެކަޑަމިކް މުވައްޒަފުންނަށް ޚާއްޞަކޮށްގެން "ޓީޗިންގ އިނޮވޭޝަން ގްރާންޓް" އެއް ތަޢާރަފުކުރައްވާނެކަން އިޢުލާނު ކުރައްވާފައެވެ. މި ގްރާންޓަކީ އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދިރާސާކޮށް، އައު އީޖާދީ ގޮތްތައް ތަޢާރަފުކޮށް، އޭގެ އަސަރު ވަޒަންކުރުމަށް ދެވޭ އެހީއެކެވެ. މި ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްއެންޔޫ-އެޖް" ކޮންފަރެންސަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކުރުން (އެސްޑީޖީ 4)، އީޖާދުތައް ކުރިއެރުވުން (އެސްޑީޖީ 9)، އަދި ގުޅުންތައް ބަދަހިކުރުން (އެސްޑީޖީ 17) ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists