އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
އެސްޓަރ ވައިޓްފީލްޑް ހޮސްޕިޓަލްސްގެ އިންޓަރނަލް މެޑިސިންގެ ސީނިއަރ ކޮންސަލްޓެންޓް ޑރ. ބަސަވަރާޖް އެސް ކުމްބާރް ވިދާޅުވާ ގޮތުގައި، އަރިދަފުސް ރޯގާ ޖެހުމަކީ އައިސްކްރީމް ނުވަތަ ފިނި ބުއިންތައް ބޭނުންކުރުން އެއްކޮށް ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ.
އާންމު ރޯގާއަކީ ވައިރަލް އިންފެކްޝަނެކެވެ. އައިސްކްރީމް ކެއުމަކީ ހަށިގަނޑުގައި ވައިރަސް ގިނަވާ ނުވަތަ އިންފެކްޝަން ގޯސްވާ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ހަށިގަނޑު ވެސް ފިނި ކާނާއަށް އިޖާބަދޭ ގޮތް ތަފާތެވެ. ބައެއް މީހުންނަށް ފިނި އެއްޗެހި ކެއުމުން ކަރުތެރޭގެ ރިހުމަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، އަނެއްބައި މީހުންނަށް ކަރު ހިރުވުމާއި، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. އެހެންކަމުން ރޯގާ ޖެހިފައި ހުންނައިރު ކާނާ އިހްތިޔާރުކުރުމުގައި އަމިއްލަ ހަށިގަނޑަށް އެކަމުން ކުރާ އަސަރަށް ބެލުން މުހިންމެވެ.
ކިރުގެ ބާވަތްތައް ހަޖަމުކުރުމުގައި މައްސަލައެއް ނެތް ނަމަ، މެދުމިންވަރަކަށް އައިސްކްރީމް ކެއުމަކީ މައްސަލައެއް ނޫނެވެ. ޑރ. ކުމްބާރް ފާހަގަކުރައްވާ ގޮތުގައި ހަމައެކަނި ރޯގާ ޖެހިފައި ހުރުމަކުން ފިނި އެއްޗެހި އެއްކޮށް ދޫކޮށްލާކަށް ނުޖެހެއެވެ. ފިނި އެއްޗެއް ބޭނުންކުރުމަކުން ރޯގާ އިތުރަށް ގޯހެއް ނުވާނެއެވެ. ނަމަވެސް، އައިސްކްރީމް ކެއުމުން ކަރުތެރެއަށް އުނދަގޫވާނަމަ ނުވަތަ ކެއްސުން އިތުރުވާނަމަ، ރަނގަޅުވަންދެން އެފަދަ ތަކެއްޗާ ދުރުހެލިވުން ބުއްދިވެރިއެވެ.
ކިރާއި ކިރު އެކުލެވޭ ބާވަތްތަކުން އަރިދަފުސް އިތުރުވާ ކަމަށް ގިނަ ބަޔަކު ދެކޭ ދެކުމަކީ ސައިންޓިފިކް އަސާސެއް އޮތް ވާހަކައެއް ނޫނެވެ. ކިރުގެ ބާވަތްތައް ބޭނުންކުރުމަށްފަހު ކަރުތެރޭގައި ތަތްކަމެއް ނުވަތަ ބޯ ފަށަލައެއް ލެވިފައިވާ ކަހަލަ އިހުސާސެއް ވަގުތީގޮތުން ކުރެވިދާނެއެވެ. މިއީ އަރިދަފުސް ގިނަވުން ކަމަށް ހީވި ނަމަވެސް، ހަގީގަތުގައި މިއީ ހަށިގަނޑުން އިތުރަށް އަރިދަފުސް އުފައްދަނީއެއް ނޫނެވެ.
ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެއުމުން އެންމެންނަށް އެއްގޮތަކަށް އަސަރެއް ނުކުރާނެއެވެ. ބައެއް މީހުންނަށް ކަރުގައި ރިއްސާއިރު ފިނި އެއްޗެހި ކެއުމުން ކަރުގެ ރިހުމަށް ވަގުތީ ލުޔެއް ލިބެއެވެ. އެހެންނަމަވެސް، އަނެއްބައި މީހުންނަށް މިކަމުގެ ސަބަބުން ކަރުގެ ރިހުމާއި ކެއްސުން އަދި ނޭވާލާން އުނދަގޫވުމުގެ މައްސަލަ އިތުރުވެދާނެއެވެ. އެފަދަ ހާލަތެއްގައި ފިނި އެއްޗެހި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
އައިސްކްރީމް ނުކައި ހުރުމަށްވުރެ ބޮޑަށް، ބަލިން އަވަހަށް ރަނގަޅުވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދިޔާތަކެއްޗާއި ނިއުޓްރިއެންޓްސް ލިބިދިނުން މުހިންމެވެ. ހާއްސަކޮށް ހުން އަންނަނަމަ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ފެނާއި، ސޫޕް އަދި ބްރޮތް ފަދަ ހޫނު ދިޔާތަކެތި ބޭނުންކުރުމަކީ ކަރުގެ އުނދަގޫތަކަށް ލުއި ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ފުރިހަމަ އަރާމާއި، ފައިދާހުރި ކާނާ ލިބުމަކީ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ މުހިންމު ކަންކަމެވެ.
ކަރުގައި ބޮޑަށް ރިއްސާނަމަ، ހުއްޓުމެއްނެތި ކެއްސާނަމަ، މޭނުބައިކޮށް ހޮޑުލަވާނަމަ، ބޮޑުކަމުދާ އެއްޗެހި ދިޔާވާނަމަ ނުވަތަ ކާއެއްޗެހި ދިރުވަން އުނދަގޫވާނަމަ، މަޑު އަދި ހޫނު ކާނާ ބޭނުންކުރުން މާ ރަނގަޅެވެ. އަދި އާންމުކޮށް ވެސް ކިރުގެ ބާވަތްތަކުން ބަނޑަށް އުނދަގޫވާ މީހެއްނަމަ، ބަލިވެ އުޅޭ ވަގުތު އައިސްކްރީމް ބޭނުންކުރުމުން އިތުރަށް އުނދަގޫ ވެދާނެއެވެ.
އަރިދަފުސް ރޯގާ ޖެހުމަކީ ފިނި ކާނާ މުޅިން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ތިމާގެ އަމިއްލަ ހަށިގަނޑަށް އެކަމުން ކުރާ އަސަރު ދެނެގަތުމެވެ. ގިނައިން ދިޔާތަކެތި ބޭނުންކޮށް، ފައިދާހުރި ކާނާ ކައި، ރަނގަޅަށް އަރާމުކުރާށެވެ. އަދި ހާލަތު މާ ބޮޑަށް ގޯސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists