އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ރާހުލް ގާންދީ އާއި ޤާނޫނުހަދާ މަޖިލީހުގެ އިތުރު މެންބަރުން، ޕާލަމެންޓުން ފެށިގެން އިލެކްޝަން ކޮމިޝަން އޮފީހާ ދިމާއަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ފުލުހުން ވަނީ އެބޭފުޅުންގެ މަގަށް ހުރަސްއަޅައި ހުއްޓުވާފައެވެ. ރާހުލް ގާންދީ ހައްޔަރުކޮށްފައި ވަނީ ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގެ މައްޗަށް އަރައިވަޑައިގެން ޤައުމީ ދިދަ ވިހުރުވަމުން ގެންދަވަނިކޮށެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ދޫކޮށްލުމާ އެކު، ރާހުލް ގާންދީ އާއި އޭނާގެ ކޮއްކޯފުޅު އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޕްރިޔަންކާ ގާންދީ ވަދްރާ ވަނީ ކައިރީގައި ހުރި ދައުލަތުގެ ބްރޯޑްކާސްޓަރުގެ އޮފީހަށް ވަދެވަޑައިގެން އެތެރޭގައި ތަޅުލައްވައިގެން ތިއްބަވާފައެވެ.
އެ އިމާރާތުގެ ގޭޓު ކައިރީ ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާހުލް ވިދާޅުވީ، ވޯޓު ވަގަށް ނަގައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމު ހައިޖެކް ކޮށްފައިވާ ކަމަށެވެ. އަދި ޤައުމާ ދެކޮޅަށް ހިންގާފައި މިވަނީ ޤައުމަށް ޣައްދާރުވުމުގެ އަމަލެއް ކަމަށާއި، މިކަމުން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަގުމަތީގެ މި ވަރުގަދަ މުޒާހަރާތައް ފެށިފައި މިވަނީ، ވޯޓާސް ލިސްޓު އިސްލާހު ކުރުމުގައި ނިންމާފައިވާ މުހިންމު ނިންމުންތަކާ މެދު އިލެކްޝަން ކޮމިޝަނުގެ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރަކު މަދުވެގެން 14 ފަހަރު ރަސްމީކޮށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ "ދަ އިންޑިއަން އެކްސްޕްރެސް" އިން މިދިޔަ މަހު ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ވާގޮތުން 2025 ވަނަ އަހަރު ލިސްޓު އިސްލާހުކުރުމުގެ މަސައްކަތް ފެށި ފަހުން، ގާތްގަނޑަކަށް 130 މިލިއަން ރައްޔިތުން ވަނީ ވޯޓާސް ލިސްޓުން އުނިކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަނީ ނިކަމެތި އަދި މައިނޯރިޓީ މުޖުތަމައުތަކަށް، ހާއްސަކޮށް މުސްލިމުންނަށެވެ. އަދި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ ބޮޑުވަޒީރު މޯދީގެ ހިންދޫ ނޭޝަނަލިސްޓް ބީޖޭޕީ (ބާރަތިޔާ ޖަނަތާ ޕާޓީ) އަށް ފައިދާވާ ގޮތަށް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ބުނަނީ ލިސްޓު އިސްލާހު ކުރުމުގެ ބޭނުމަކީ ހަމައެކަނި ޤަވާއިދާ ހިލާފު ރަޖިސްޓްރޭޝަންތަކާއި "ޤަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުން" ލިސްޓުން އުނިކުރުން ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ކޮމިޝަނުގެ ވެރިޔާ ޔާނޭޝް ކުމާރު އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ހޫނުވަމުންދާއިރު، އިންޑިއާގެ ޒުވާނުންނާއި ވާތުފިޔައިގެ ދަރިވަރުންގެ ޖަމިއްޔާތަކުން ވަނީ ހޮނިހިރު ދުވަހު ބޮޑު އެއްވުމަކަށް ގޮވާލާފައެވެ. އަދި އަންނަ ހަފްތާގައި ބާއްވާ އަޑުއެހުންތަކުގެ ކުރިން، ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކުގެ ސަބަބު ރަސްމީކޮށް ސާފުކޮށްދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށް އަމުރުކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists