ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލިހުގެ ރުހުން ހޯއްދެވުމަށްއެދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
މި މައްސަލަ މިހާރު ވަނީ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ރާއްޖެއިން 5 އެޕްރީލް 2010 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މައި މުޢާހަދާ ތަޞްދީޤުކޮށްފައި އޮތް ނަމަވެސް އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ ނިޒާމުތަކުގެ ތެރެއިން ރާއްޖެ ރިވިއު ކުރެވުނު އިރު މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައިވެއެވެ.
މި ޕްރޮޓޮކޯލްގެ ދަށުން މައިގަނޑު ދެ ނިޒާމެއް ޤާއިމުކުރެވެއެވެ. އެއީ؛
1( ޤައުމެއްގެ ދާޚިލީ ޤާނޫނީ މަރުޙަލާތައް ފުރިހަމަކުރުމަށް ފަހު ޙައްޤެއް ގެއްލިފައިވާ ކަމަށް ބެލެވޭ ޙާލަތެއްގައި ވަކިވަކި ފަރުދުންނަށް ނުވަތަ ބަޔަކަށް އދ. ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅޭ ނިޒާމް.
2) އިންކުއަރީ ނިޒާމް. މި ނިޒާމުގެ ދަށުން މެންބަރު ޤައުމަކުން ނިޒާމީ ސިފައެއްގައި ޙައްޤުތަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތަކަށް ތުހުމަތު ކުރެވޭ ނަމަ އެކަމާ ގުޅިގެން ތަޙުޤީޤު ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދޭ.
މި ޕްރޮޓޮކޯލްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރާ މުޢާހަދާ ފުރިހަމައަށް ތަންފީޒުކުރުން ހަރުދަނާކޮށް ބައިނަލްއަޤުވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists