މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
މީގެ ކުރިން ކޯޕަރޭޝަންގެ އުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހެނީ ހަމައެކަނި މާލެ ސިޓީންނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، އަންނަ ނޮވެމްބަރު ޢުމްރާއިން ފެށިގެން ކޮންމެ ރަށެއްގައި ހުރި މީހަކަށް ވެސް އެ މީހެއްގެ ސަރަޙައްދާ އެންމެ ކައިރީގައި ހުރި މަރުކަޒަކުން ވެކްސިން ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މާލެ ސިޓީގައި ވެކްސިން ޖެހުމަށް ކަނޑައަޅާފައި ވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ޢުމްރާވެރިން ވެކްސިން ޖެހުމަށް ޓަކައި ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލް މެދުވެރިކޮށް "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނެގުމަށް ފަހު ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިޔުމުން ހިލޭ ވެކްސިން ޖެހޭނެއެވެ. ހަމައެއާ އެކު އެ ލިޔުން ހިފައިގެން ސްޓޭޓް ފާމާގެ ބޭސްފިހާރަތަކުން އިތުރު އަގަކާ ނުލައި އިންފްލުއެންޒާ ވެކްސިން ވެސް ގަނެވޭނެއެވެ.
ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކުން ޖަހަން ޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޙައްޖު ކޯޕަރޭޝަނުން ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި ސްޓޭޓް ފާމާއާ އެކުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists