ޕިއްޒާ ކިޗަން ކުރު ވާހަކަ: ކޮޅިގަނޑު

04 Oct 2022 | 05:52
ޕިއްޒާ ކިޗަން ކުރު ވާހަކަ: ކޮޅިގަނޑު

މެލޭޝިއާގައި ތިން އަހަރު ދުވަހު ކިޔެވުމަށް ހޭދަވެގެން ދިޔަ ބުރަ ދުވަސްތަކަށް އަލްވަދާޢުކީ ވަރަށް ފޮނި ކާމިޔާބަކާއެކުގައެވެ. ކޯހުން އެއްވަނަ ހޯދައިގެން އެނބުރި ޤައުމަށް ދިޔައީ ފަޚުރުވެރިކަމާއެކުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖެއްސުމާއެކު، އަތްމަތީ ދަބަސް ހިފައިގެން ދާނިޝް ބޯޓުން ފޭބީ އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ. ބޭރުން އަންނަ މީހުން ނުކުންނަ ދޮރޯށިން ނުކުތުމާއެކު އޭނާއަށް މަރުޙަބާ ކިޔުމަށް ޢާއިލާގެ މެންބަރުންނާއި ދެލޯފަދައިން ލޯބިވާ މަންމަ، މާ ބޮޑިއެއް ހިފައިގެން ހުއްޓެވެ. "ދާނިޝް." އޭނާ ފެނުމާއެކު ގުރެއިޝާ ގޮވިއެވެ. ދާނިޝް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. އެންމެން ދާނިޝް ގައިގައި އުފަލުން އޮޅުލާން ފެށިއެވެ.

އެދުވަހު ގެއަށް ހީވީ ކުޑަ ޢީދެއް އައިސްގެން އުޅުނު ހެންނެވެ. އެއްބަނޑު ތިމާގެ އެންމެން ތިބީ ދާނިޝް ދިރިއުޅޭ ގެއަށް ޖަމާވެއެވެ. ސުފުރާ މަތީގައި ތައްޔާރުކޮށްފައިވަނީ ދާނިޝްއަށް އެންމެ މީރު ދިވެހި ކެއުމެވެ. މެލޭޝިއާގައި ކިޔަވަން އުޅުނު އިރުވެސް ދިވެހި ކެއުން ލިބެއެވެ. ނަމަވެސް މަންމަގެ އަތުން ތައްޔާރުކޮށްފައިވާ ދިވެހި ކެއުމުގައި ލަނީ މުޅިން ތަފާތު މީރު ރަހައެކެވެ. "އެހަކަށް ދުވަހު އަތުން އަތަށް ލައިގެން ގެންގުޅުނީ. ބަލާބަލަ މިހާރު ޖުމާންބެއަށްވުރެ ވެސް ބޮޑު." ދާނިޝްގެ ބައްޕަ ފަރާތު ބޮޑުބޭބެ ބުންޏެވެ. "ދެން އަހަރެންވެސް ދުނިޔޭގެ ހުންނަންޏާ ބޮޑުވާނެތާ. ހިހިހިހި…" ދާނިޝް ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ކޮބާ ކުންފުންޏާއި ހަވާލުވާނީ ކޮންއިރަކުން؟ ދެން ކުންފުނި ހިންގަންވާނީ ދާނިޝް. ބޮޑުބެ ހުންނާނަން ދާނިޝްގެ ފަހަތުގަ." ޖުމާން ބުންޏެވެ. "ބޮޑުބޭ! ހާދަ އަވަސް އަރުވާލާފައޭ ތިއުޅެނީ. ހަވާލުވާނަމޭ. ކެތްކޮށްލާ ކެތްކޮށްލާ." ދާނިޝް އޭނާގެ ބޮޑުބެ ގައިގައި ބައްދާލަމުން ބުންޏެވެ.

ދާނިޝްގެ އުމުރުން ދިހަ އަހަރުގައި ބައްޕަ ނިޔާވުމާއެކު އޭނާގެ މަންމައާއި އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ ބޮޑުބޭބެ ޖުމާން އެވެ. ބައްޕަގެ މަސް އެކްސްޕޯޓު ކުރާ ކުންފުނި ވެސް ބެލެހެއްޓީ ބޮޑުބޭބެއެވެ. ޖުމާން އޭނާގެ ދަރިންނާއި ދާނިޝް އަކާއި ދުވަހަކުވެސް ތަފާތެއް ނުކުރެއެވެ. ކުންފުނި ހިންގައިގެން ލިބޭ ފައިސާ ވަންނަނީ ދާނިޝް އާއި އޭނާގެ މަންމަގެ އެކައުންޓަށެވެ. ޖުމާން ހަމައެކަނި ނަގަނީ މަހު މުސާރައެވެ. ރާއްޖެއިން ކިޔެވޭނެ ވަރަކަށް ކިޔެވުމާއެކު، ރާއްޖެއިން ބޭރަށް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔެވުމަށް ދާނިޝް ގަދަކަމުން ފޮނުވީ ވެސް ޖުމާން އެވެ. ގުރެއިޝާ ހުރި ހަމައެކަނި ދަރިފުޅު ދުރަށް ފޮނުވާލަން ދެކޮޅު ހެދި ނަމަވެސް، މިއަދު އޭނާ ދާނިޝް އާއި މެދު ފަޚުރުވެރިވެއެވެ.

Advertisement

ދުވަސްތައް ފާއިތުވަމުން ގޮސް، ދާނިޝް ކުންފުނި ހިންގުމާއި ހަވާލުވެ އެކަމުގައި ވަރަށް ބޮޑަށް މަސްއޫލުވާން ފެށިއެވެ. ބޮޑުބޭބެގެ އެހީތެރިކަމާއެކު ކުންފުނީގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދަސްކުރިއެވެ. އޮފީހުގެ މަސައްކަތުގައި އުޅެފައި ގިނަ ފަހަރު ގެއަށް ދެވެނީ ރޭ ވާފަހުންނެވެ. ރޭގަނޑު ގެއަށް ގޮސް ފެންވަރާލައިގެން ކައިގެން އަނެއްކާވެސް ނިދަނީއެވެ. ނޫނީ ބައެއް ރޭރޭ ދާނިޝް އޭނާގެ މަންމަ އާއެކު ޓީވީ ބެލުމުގައި ވަގުތު ހޭދަކުރެއެވެ. "ދަރިފުޅާ. މަންމަ ވާހަކައެއް އަހާލަންތަ؟" ޓީވީ ބަލަން އިނދެފައި ގުރެއިޝާ ސުވާލުކުރިއެވެ. "މަންމައަށް ނޭހޭ ވަރުގެ ވާހަކައެއް އޮވޭތަ ތި ސުވާލުކުރީ." ދާނިޝް ލާނެއް ގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ.

"ހިހި. ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟ ދަރިފުޅު މީހަކާ އިންނާކަށް ނުވިސްނަންތަ؟" ގުރެއިޝާގެ އެ ސުވާލާއެކު ދާނިޝް ހުއްޓުން އެރިއެވެ. "މީހަކާ އިންނަންދޯ. ތިކަމާ ވެސް އުޅެންވީ. އެކަމަކު ކަމެއް ކުރާނެ ވަގުތެއް ނުވޭ މަންމާ." ދާނިޝް ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. "އެރޭންޖް މެރިއޭޖެކަށް ޤަބޫލުތަ؟ އެބަހުރި ވަރަށް ރަނގަޅު ކުއްޖެއް. މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. މި ފެމެލީއަށް މަންމަ ވަރަށް ގެންނަން ބޭނުންވާ ކުއްޖެއް އެއީ. މިއޮއް ބޮޑު ގޭތެރެ ވެސް ފަޅުފިލާނެ ކަންނޭނގެ ދަރިފުޅު މީހަކާ އިނީމަ." ގުރެއިޝާ ދިން ޚިޔާލު ދާނިޝްއަށް ވަރަށް ކަމުދިޔައެވެ.

ހަމަ އެހިނދު ޒުހާގެ ފޮޓޯއެއް ގުރެއިޝާގެ ފޯނުން ދައްކާލިއެވެ. އެއީ ބަލާލަން ވަރަށް ރީތި ކުއްޖެކެވެ. އަޅައިގަންނަ ގޮތެއް ހުރެއެވެ. ދާނިޝް އެރޭންޖް މެރިއޭޖަކަށް އެއްބަސްވުމާއެކު ގުރެއިޝާ އަވަސްވެގަތީ އޭނާގެ ރަޙުމަތްތެރިޔާ ރަޝީދާއަށް ގުޅައި އެ ވާހަކަ ބުނުމަށެވެ. އިސާހިތަކު މި ވާހަކަ ބޮޑުބޭބެ އާއި ޢާއިލާގެ އެހެން މީހުންނަށް ވެސް އެނގިގެން ދިޔައެވެ. އޭގެ ހަފުތާއެއް ފަހުން ދެ ފަރާތުގެ ޢާއިލާއިން ހަވީރުގެ ސަޔަކަށް ދާނިޝްމެން ގޭގެ ޓެރަސްގައި ބައްދަލުކުރިއެވެ. ދާނިޝް ފެނުމާއެކު ފުރަތަމަ ވެސް ޒުހާ ހިނިތުންވެލިއެވެ. ޒުހާގެ ހިނިތުންވުން ދާނިޝްއަށް ވަރަށް ކަމުދިޔައެވެ. އެދުވަހު ދާނިޝް އާއި ޒުހާވެސް ޢާއިލާއާއި ވަކީން ވާހަކަ ދެއްކިއެވެ. "މިއޮއްފަދަ ޒަމާނުގަ ޒުހާ ހަމަ އޯކޭ ވެގެންތަ އޯކޭ އޭ ތިބުނަނީ؟ ފަހުން ނުބުނައްޗޭ ތިމަންނަގެ ބިޓެއް ހުރޭ." ދާނިޝް ކޮފީތަށިން ކޯވަރެއް ބޯލަމުން ބުންޏެވެ. "އަހަރެން އަބަދުވެސް ބޭނުންވީ އެރޭންޖް މެރިއޭޖެއް ކުރަން. ކުރިން ދެމީހުންނާއި ރައްޓެހިވިން. އެކަމަކު އެމީހުން އަހަރެން ދޫކޮށްލާފަ ދިޔައީ. އެހެންވެ ފަހުން ސިންގަލްކޮށް ހުރީ. މަންމަ ބުނާނެ ކައިވެނި ކުރީމަ ލޯބިވެވޭނޭ. ދޯ؟" ޒުހާ، ދާނިޝްއަށް ދޯ ދިނެވެ.

"ލެޓްސް ސީ. އަހަރެން އަންހެން ކުދިންނާއި ވާހަކަދެއްކިން. އެކަމަކު އެއަށްވުރެ ބޮޑަށް އަހަރެންގެ ފޯކަސް ހުރީ ކިޔަވަން. ދެން މިހާރު ކުންފުނި. ނާރޑް އެކޭ ކަންނޭންގެ ދޯ ބުނަންވީ." ދާނިޝް ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. އެދުވަހު ދެމީހުންގެ ދެމެދުގައި ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ. ދެ ފަރާތުގެ ޢާއިލާއިން ވެސް ބޭނުންވީ އަވަހަށް ކައިވެނީގެ ކަންކަން ނިންމާލާށެވެ. ޒުހާ އަކީ ފެޝަން ޑިޒައިނަރެއް ކަމުން އޭނާގެ ހުރި ޕެންޑިން މަސައްކަތްތައް ނިންމާލާފައި ކައިވެނީގެ ހަފުލާތަކަށް ވަގުތުދިނެވެ. ދާނިޝް ވެސް މަސް ދުވަހަށް ކުންފުނީގެ ކަންތައްތަކާއި ތަންކޮޅެއް ދުރުވެލިއެވެ. ދެމީހުންގެ ކައިވެނި ކުރެވި ޒުހާގެ ޑްރީމް ޑެސްޓިނޭޝަނަށް ހަނީމޫނުގެ ދަތުރު ފެށުނެވެ. އިންޑޮނޭޝިއާގެ ބާލީއަކީ ޒުހާ އަބަދުވެސް ދާން ބޭނުންވެ ވަގުތު ނެތުމާއެކު ނުދެވި އޮތް ތަނެކެވެ. އެތަނުގެ ޤުދުރަތީ މާޙައުލުގައި ދެމީހުން ހޭދަކުރަމުން ދިޔައީ ވަރަށް އުފާވެރި ވަގުތުތަކެކެވެ. އެއީ ދެމީހުން އެކަކު އަނެކަކު ދަސްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުޞަތެކެވެ. ކައިވެންޏަށްފަހު ދެމީހުންގެ ދެމެދުގައި ބަދަހިވަމުން އައި ގާތްކަން ލޯތްބަތް ބަދަލުވާން ފެށިއެވެ. ދާނިޝްއަށް ލޯބިވީ ވަރަށް އައު އެއްޗަކަށެވެ.

ކައިވެންޏަށްފަހު ޒުހާ އުޅެމުން އައީ ދާނިޝްގެ ގޭގައެވެ. ޒުހާ، ވަގުތުވާ ވަރަކުން ގޭތެރޭގެ ކަންކަމުގައި ގުރެއިޝާއާއެކު ހަރަކާތްތެރިވެއެވެ. އޭގެތެރެއިން ވެސް ދާނިޝްގެ ކަންކަން ކުރުމަށް އޭނާ ޚާއްޞަ ސަމާލުކަމެއް ދެއެވެ. ކުޑަމިނުން ދާނިޝް ލާ ބައެއް ޖީންސް ތަކުގެ ފައިކުރި ދިގުނަމަ ފައިކުރި ވެސް އޮޅާދެނީ ޒުހާގެ ދެ އަތުންނެވެ.

"ދަނީތަ؟ ހާދަ އަވަހަކަށް ތި ދަނީ؟ ދެންމެ އެއްނު ގެއަށް އައީ." ދާނިޝް ފެންވަރައިގެން ނިކުމެ އަލަމާރިން ޖީންސަކާއި ޓީޝާޓެއް ނަގައި ގަޔަށް މަހާލިއެވެ. "އާނ… އޮފީހުން ގުޅައިފި އާރޖެންޓް ކަމެއް ޖެހިގެން. އަންނާނަން ވަރަށް އަވަހަށް." ދާނިޝް ދިއުމުގެ ކުރިން ޒުހާ ގައިގައި ބައްދާލިއެވެ. ނަމަވެސް ޒުހާ، ދާނިޝް ދިޔަނުދީ ހިފަހައްޓަން މަސައްކަތްކުރިއެވެ. ޒުހާގެ މި ޢަމަލު ދާނިޝްއަށް ކަމަކު ނުދިޔައެވެ. "ޒުހާ ޕްލީޒް… އަހަރެން މެރީ ކުރުމުގެ ކުރިންވެސް ބުނިން، އަހަރެން ވަރަށް ބިޒީވާނެއޭ. އެހެނެކޭ ކިޔާފަ ޒުހާއަށް ވަގުތުވެސް ދެން ދޯ." ދާނިޝް އޭނާގެ އަންހެނުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެހިނދު ޒުހާ، ދާނިޝްގެ އަތުގައި ދަތް އެޅިއެވެ. އަދި އެނދުގެ އަރިމަތީގައި ހުރި އިލޮށިފަތި ނަގައި ދާނިޝްގެ ބުރަކަށީގައި ތަޅަން ފެށިއެވެ. ދާނިޝްއަށް ވީތަދުން ހުރެވުނު ތަންވެސް ނޭނގުނެވެ. " އޮފީހަށް ދިއުން ނޫން ކަމެއް ކުރަން ނޭނގެނީތަ؟ މަ ވީ އަބަދު މިތާ ގޭގަ ހުންނަންތަ؟ ދާނިޝް، ކޮންއިރަކުތަ މަށަށް ވަގުތެއް ދެނީ؟" ޒުހާ ހަޅޭއްލަވައިގަތް އަޑަށް، ގުރެއިޝާ ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ.

އެހިނދު ޒަހާ ވެއްޓިފައި އޮތް ދާނިޝްގެ އަތުގެ މުލައްދަނޑީގައި ހިފައި ވަގުތުން އެނދުމައްޗަށް ލިއެވެ. އަދި އުނަގަނޑުގައި އަތްއަޅާ ރޮމުން ގޮސް ދޮރުހުޅުވިއެވެ. "ދަރިފުޅާ ކިހިނެއްވީ؟" ގުރެއިޝާ ވަތް ގޮތަށް ސުވާލުކުރިއެވެ. "މަންމާ މިއުޅެނީ ދާނިޝް ފާޚާނާ ތެރެއަށް ވެއްޓި ކައްސާލައިގެން. އަނެއްހެން ކަމެއް ނުވެ." ޒުހާ ހެދީ ރޯ ބުހުތާނު ދޮގެވެ. އޭރު ދާނިޝް އިނީ ވާނުވާގައެވެ. "ދެން މާ ބޮޑުވަރު ނުވަންޏާ ދަރިފުޅު ތި ރޮނީ ކީއްވެ؟" ޒުހާ ރޯތަން ފެނިފައި ގުރެއިޝާ ސުވާލުކުރިއެވެ. "ކަމެއް ނުވެ. ދާނިޝް ވެއްޓި ތަދުވިގަޑީގަ އޭނާއަށްވީ ތަދުން އަހަރެންގެ ގައިގައި ޖެހީ." ޒުހާގެ މި ޖުމުލައާއެކު ގުރެއިޝާއަށް ލިބުނީ ސިހުމެކެވެ. ހުދު ދާނިޝްވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަސްލަހަތަށް ބަލައި ދާނިޝް އެވަގުތު ހަނުހުރުން އިސްކުރިއެވެ. އެރޭ ގުރެއިޝާ އެތަނުން ނިކުތީ ދާނިޝްއަށް ވަރަށް ރަނގަޅަށް ނަސޭހަތްތެރިވެފައެވެ. "ޒުހާ ކީއްވެ އަހަރެން ގައިގަ ޖެހީ؟ ކީއްވެ މަންމައަށް ތިހާ ބޮޑު ދޮގެއް ތި ހެދީ؟ ކޮބާތަ މައްސަލައަކީ." ގުރެއިޝާ އެތަނުން ނިކުތުމާއެކު، ދާނިޝް ސުވާލުކުރިއެވެ. "މައްސަލަ އެނގެއެއްނު. އިތުރަށް އަހާކަށް ނުޖެހެ. މަ ބޭނުންވާ ގޮތަކަށް ދާނިޝް ޖެހޭނީ ކަންތައް ކުރަން. އަހަރެން މި ކައިވެންޏަށް ވަގުތު ދޭންވެގެން އަހަރެން ކުރަމުން އައި މަސައްކަތް ލުއި ކުރުމަށް މީހުން މި ގެންގުޅެނީ. ދާނިޝް އޮފީހުގަ މީހުން މަދީތަ އަބަދު ގޮސް އެތާ ފޫހަރައިގެން ތި އިންނަނީ؟ ހަނދާންކުރައްޗޭ. މި ހަތަރު ފާރު އެތެރޭ ހިނގާ އެއްވެސް ކަމެއްގެ ވާހަކަ މީހެއް ގާތު ބުނެފިނަމަ، ދާނިޝްގެ އަގު ވައްޓާލާނަން. އަންހެނަކަށް އަނިޔާ ލިބޭ ބުނެފިއްޔާ އެންމެންވެސް ޤަބޫލުކުރާނެ. އެކަމަކު ތިއީ ފިރިހެނެއް. ވިސްނައްޗޭ." ޒުހާ މިހެން ބުނެފައި ގޮސް ފާޚާނާއަށް ވަނެވެ.

ދާނިޝްގެ ހަޔާތަށް އައި އެންމެ މީހެއްގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ކަންކަން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ޒުހާ އަކީ އިންތިހާއަށް ޒީލަގަދަ އަންހެނެކެވެ. އޭނާ ހުންނަނީ ދާނިޝްއާއި ހެދި މޮޔަވެފައެވެ. ދާނިޝްއަށް އޮފީހުގައި ހަމަޖެހިލައިގެން މަސައްކަތް ކުރަން އުނދަގޫވިއެވެ. ގެއަށް ނައިސް އޮފީހުގައި ގިނަވަގުތު ވާނަމަ ޒުހާ އޭނާ ހޯދަން އޮފީހަށް ވެސް ދަނީއެވެ. މަގުމަތިން ހިނގާފައިދާއިރު، އަންހެނަކު ދާނިޝް އާއި ދިމާލަށް ބަލާލިއަސް އެމީހަކާ ދިމާލަށް އެއްޗެހި ކިޔައެވެ. ނަމަވެސް ގޭތެރޭގައި ދާނިޝްގެ މަންމަ ކުރިމަތީގައި އުޅޭއިރު، ޒުހާގެ އަމަލުތައް މުޅީން ތަފާތެވެ. ދާނިޝް ގައިގައި އޭނާ ލޯބިން ފިރުމައެވެ. ނަމަވެސް ކަމަކާއި ހިތްހަމަ ނުޖެހިފަ ހުންނަ ދުވަހެއްގައި ކޮޓަރި ތެރެއަށް ވަދެވުމާއެކު ދާނިޝްއަށް އެތައް ކުދިކުދި އަނިޔާކުރެއެވެ. މިވަރުންވެސް ދާނިޝް ދުވަހަކުވެސް ޒުހާ ގައިގައި ތަދުވާގޮތަށް އިނގިލިކުރި ވެސް ޖައްސާނުލައެވެ.

ދާނިޝްއަށް އޭނާގެ އަންހެނުންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކާއި މެދު ވިސްނާ ފިކުރުކުރެވެން ފެށިއެވެ. ބައެއް ފަހަރު ކައިވެނި ރޫޅާލަން ވެސް ހިތަށް އަރައެވެ. ނަމަވެސް ދެފަރާތުގެ ޢާއިލާއަކީ މާލޭގައި ނަން ހިނގާ މީހުން ދަންނަ ޢާއިލާއަކަށް ވުމާއި، އޭނާގެ މަންމައާއި މެދު ވިސްނާލާފައި އެކަން ކުރުމަށް ދާނިޝް ފަސްޖެހުނެވެ. ދާނިޝް ނެގިމަޑުވެފައި އިންނާތީ ކިތަންމެ ފަހަރަކު ގުރެއިޝާ ވެގެން އުޅޭ ގޮތަކާއި މެދު ސުވާލުކުރެއެވެ. ނަމަވެސް މަންމަގާތު، އޭނާގެ ޙަލާލު އަނބިމީހާ އޭނާއަށް ކުރާ އަނިޔާތަކުގެ ވާހަކަ ދައްކަން ފަސްޖެހެއެވެ. ދާނިޝްއަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ކައިރިން ފެންނަމުން ދިޔައީ އެ އޮފީހުގެ އެޑްމިން ގައި މަސައްކަތް ކުރަމުން އަންނަ ޝާލިޔާއަށެވެ. ޝާލިޔާ އަކީ އެތަނުގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފަށް ވެފައި، ދާނިޝް ކުންފުންޏާއި ހަވާލުވިއިރު އޮފީހުގެ ގިނަ ކަންކަން ދަސްކުރުމުގައި ޝާލިޔާގެ އެހީތެރިކަން ލިބުނެވެ. ނަމަވެސް އާންމުގޮތެއްގައި ދެމީހުން ވާހަކަދައްކައެއް ނޫޅެއެވެ.

އެކަމަކު ޝާލިޔާއަށް ކެތެއް ނުކުރެވުނެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި އޭނާއަށް ފާހަގަވަމުން ދިޔަ ކަންކަމުގެ ވާހަކަ ދާނިޝްއާއި ހިއްސާކުރިއެވެ. "ހިހި.. ތީ ކުންހީއެއް. މި ދުވަސްކޮޅު އަސްލު ވަރަށް ސްޓްރެސް. އަންހެނުން ވެސް ކުޑަކޮށް ބަލިވެ އުޅެނީ. ދެން މިތާވެސް ކިހާ މަސައްކަތެއް އެބައޮތް." ދާނިޝްއަށް އެއްވެސް ވާހަކައެއް ހިއްސާކުރާކަށް ނުކެރުނެވެ. "އެންމެ ރަނގަޅު. ދާނިޝްގެ ބޮޑުބޭބެ ބުނި ދާނިޝްގެ ރައްޓެހިން ނުތިބޭ ވާހަކަ. އަޅުގަނޑުގެ ޚިޔާލަކީ ކޮންމެވެސް ވަރަކަށް ރައްޓެހިންވެސް ގެންގުޅުން. ކަމަކާ ފިކުރުބޮޑުވެ މީހެއްގެ ޚިޔާލު ހޯދާލަން ބޭނުންވެއްޖިއްޔާ އަޅުގަނޑު ކައިރީ އެ ވާހަކަތައް ހިއްސާކުރެވޭނެ. މި އޮފީހުގެ ވަރަށް ގިނަ ކުދިން އަޅުގަނޑާއި ވަރަށް ކަންކަން ހިއްސާކުރޭ. މިބުނީ ޕާރސަނަލް ކަންކަންވެސް. އެހެންވެ އަޅުގަނޑު މި އަހާލީ." ޝާލިޔާ، ދާނިޝްގެ ކެބިން ތެރެއިން ނިކުންނަމުން ބުންޏެވެ. އެވަގުތު ދާނިޝް ހިނިތުންވެލުމާއެކު އާނއެކޭ ބުންޏެވެ.

ޝާލިޔާ ދޮރުހުޅުވާލި ވަގުތު ކުރިމަތީގައި ހުރީ ޒުހާއެވެ. ކުއްލިއަކަށް ޒުހާ ފެނުމާއެކު ޝާލިޔާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ހިނިތުންވެލައި ޒުހާއަށް ގޮވާލާފައި އޭނާގެ ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. ޒުހާ އެތެރެއަށް ވަންގޮތަށް ދާނިޝްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. "ޒުހާ މިތާނގަ ނުފަށާތި ޕްލީޒް." ދާނިޝް އިނީ ހިތްބިރުގަނެފައެވެ. "ކުރިއަށްއޮތް ވިހި މިނެޓު ތެރޭ ގެއަށް." ޒުހާ މިހެން ބުނެފައި އެތަނުން ނިކުތެވެ. ޒުހާގެ ހަރުކަށިކަން ފެނިފައި ދާނިޝް ބޯ ފަޅައިގެންދާވަރު ވިއެވެ. ދާނިޝް ހުރި އެއްޗެއް ހުރިތަނުގައި ބަހައްޓާފައި އަވަހަށް ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ޒުހާ ގެއަށް ދިޔުމުގެ ކުރިން ދާނިޝް ހުރީ ގޭގައެވެ. "ޝާލިޔާ އާއި ދާނިޝް އާ އޮންނަނީ ކޮން ގުޅުމެއް؟." ކޮޓަރީގެ ދޮރު ތަޅުލިގޮތަށް ފުރަތަމަ ވެސް ޒުހާ ކުރި ސުވާލަކީ އެއީއެވެ. "ވަޓް ޒުހާ. ހަމަ ރަނގަޅަށް އެނގޭނެ އެއީ ކާކުކަން. އަހަރެންގެ ސްޓާފުން އަހަރެންގެ ކެބިންތެރެއަށް ވެސް ނުވަދެތަ އުޅެންވީ. ޒުހާ މަށަކަށް ދެން ނޫޅެވޭނެ ޒުހާއާއި އެކުގައެއް." ދާނިޝްގެ މި ޖުމުލައާއި އެކު ޒުހާ ގޮށްމުއްކޮވާފައި ދާނިޝްގެ ބުރަކަށީގައި ޖެހިއެވެ.

ދާނިޝް، ޒުހާ ކޮންޓްރޯލު ކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ޒުހާ ރުޅިއަންނަ ފަހަރުތަކުގައި އޭނާ ކޮންޓްރޯލު ކުރުމަކީ ދާނިޝްއަށް ވާވަރުގެ ކަމެއް ނޫނެވެ. ޒުހާ، ދާނިޝްގެ ކަރުގައި ހިފައި އެނދުމައްޗަށް ކޮއްޕާލިއެވެ. އަދި އޭނާގެ ގައިމައްޗަށް އަރައި އަތުގައި ހުރި ބާރެއްލާފައި ދާނިޝްގެ މޫނުމަތީގައި ޖެހިއެވެ. ދާނިޝް ތެދުވަން މަސައްކަތް ކުރުމާއެކު އޭނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. "ހަނދާންކުރައްޗޭ، ދެން ޝާލިޔާއާއި ވާހަކަދައްކާފިއްޔާ ގަޔަށް އަޅާނީ ހޫނުފެން. ޒުހާ ފަހު ތަޅާލުންގަނޑު ނިންމާލީ ދާނިޝްގެ މޭމަތީގައި ގޮށްމުއްކުވާފައި ޖެހި ޖެހުމުންނެވެ. ޒުހާ ހިތްހަމަޖެހޭވަރު ވުމާއެކު ދާނިޝްގެ ކޭޝްކާޑު ހިފައިގެން އޭނާ ނުކުތީ ބޭރަށެވެ. ދާނިޝް އަކީ ފިރިހެނެއް ނަމަވެސް، ލިބުނު އަނިޔާއާއެކު އޭނާއަށް ރޮވުނެވެ. މިއީ އޭނާ އެގޮތަށް ރޯ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް ފަހު ފަހަރުކަމުގައި އަޒުމު ކަނޑައެޅިއެވެ. ލިބުނު އަނިޔާގެ ސަބަބުން އެނދުމަތީގައި އިރުކޮޅަކު ދެފައިވައްކޮށްލައިގެން އޭނާ އިށީނެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލެވުމާއެކު، އެނދުގެ އަރިމަތީގައި ހުރި ސައިޑުކަބަޑު މަތީގައި އޮތް ފައުންޓަން ގަލަން އަތަށް ނެގިއެވެ. ދާނިޝް އެ ގަލަން އެތަނުގައި ބާއްވާފައި އޮންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އެއީ ޙަޤީޤަތުގައި ގަލަމެއް ނޫނެވެ. އެއީ ދާނިޝްގެ ފުރާނަ ސަލާމަތްކުރުމަށް ނެގުނު ވަރުގަދަ ފިޔަވަޅެކެވެ. ގަލަމުގައި އިން މިނީ މެމޮރީކާޑު ނަގައި ފޯނަށް އޭތި ލެއްވިއެވެ. އަދި ރެކޯޑުވެފައި ހުރި ހުރިހާ ވީޑިއޯއެއް ފޯނަށް ޓްރާންސާކުރުމަށްފަހުގައި އެ ވީޑިއޯތައް ޒުހާއަށް ނުފެންނާނެގޮތަށް ފޯނުގައި ފޮރުވިއެވެ. އަދި ގަލަން އޮތް ތަނުގައި ބޭއްވިއެވެ. ދާނިޝްއަށް އެ އަނިޔާވެރި ދިރިއުޅުމުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި އޭނާ ދެކުނެވެ. އޭނާއަށް ޒުހާގެ ފަރާތުން ލިބެމުން ދިޔަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުގެ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް އޭނާއަކީ ފިރިހެނަކަށް ވުމާއެކު، އެކަން އެއްވެސް މީހަކު ގަބޫލުނުކުރުމުގެ ބިރު ހީވެފައި އޮތުމުން ދާނިޝްއަށް މަޖުބޫރުވީ އެ އަނިޔާތައް ރިކޯޑު ކުރާށެވެ.

އޭގެ ތިން ދުވަސް ފަހުން ޒުހާ ގޭގައި ނޫޅޭ ވަގުތު ބެލުމަށްފަހުގައި ދާނިޝް އޭނާގެ މަންމައާއި އެ ހުރިހާ ވާހަކައެއް ހިއްސާކުރީ ކަރުނަ އޮހޮރަމުންނެވެ. އަދި އެ ހުރިހާ ވީޑިއޯތަކެއްވެސް އޭނާގެ މަންމައަށް ދެއްކިއެވެ. ވީޑީއޯތައް ފެނިފައި ގުރެއިޝާގެ ހިތް ފަޅައިގެންދިޔައެވެ. އަދި އޭނާގެ ދަރިފުޅު ގައިގައި ބައްދާލިއެވެ. ގުރެއިޝާއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ޒުހާ އަކީ އެފަދަ އަނިޔާވެރި މީހެއްކަން ގުރެއިޝާއަށް ނޭނގުނީތީ އެކަމާއި މެދު ރޮއެ ހިތްހަލާކުވިއެވެ. ނަމަވެސް ދާނިޝް އާދޭސްކުރަމުން ދިޔައީ އެގޮތަށް ނުވިސްނުމަށެވެ. ގުރެއިޝާ ވަގުތުން ޖުމާނަށް ގުޅިއެވެ. ޖުމާނު ހުރީ އެ ވާހަކަތައް އަޑުއިވިފައި ޝޮކެއް ލިބިފައެވެ. ޒުހާ އެރޭ ގެއަށް އައިއިރު ޖުމާނުއާއި ގުރެއިޝާ ތިބީ ސޯފާގައެވެ. އޭރު ދާނިޝް، ޒުހާގެ ހުރިހާ އަންނައުނަކާއި ސާމާނެއް ހިފައިގެން ކޮޓަރިން ނިކުންނަނީއެވެ. ގުރެއިޝާ، ދާނިޝްގެ އަތުން ފޮށިތަންމަތި އަތުލައި ޒުހާއާއި ދިމާލަށް ހޫރާލިއެވެ. "ތިހުރި ތަނުން އެންމެ ފިޔަވަޅެއް އަޅައިފިއްޔާވެސް ދެފައި ބިންދާލާނަން. ތިހުރީ ކަލޭގެ ސާމާނުތައް. މިތަނުން ރައްކާވޭ. ކަލޭ އަމިއްލައަށް ގޮސް ދާނިޝްއަށް ކުރި އަނިޔާ ތަކުގެ ވާހަކަ މައިންބަފައިންނަށް ކިޔައިދީ. ނޫނީ އަހަރެން ކަލޭ މުޅި ޤައުމަށް ބޭޒާރުކުރާނަން. ޖާހިލު އަންހެނާ. ނުކުމޭ!" ގުރެއިޝާގެ ލޮލުން ފެންނަން ހުރީ ރުޅިވެރިކަމުގެ އަލިފާނެވެ. ޒުހާ ވަގުތުން އެ ގެއިން ނިކުތެވެ.

ދާނިޝް، ޒުހާ ވަރިކުރި ދުވަހު ކޯޓު ދޮރުމަތީގައި ހުރެގެން އޭނާ ވަރަށް ރުޔެއެވެ. އެދުވަހު ޒުހާގެ ޢާއިލާގެ މީހަކުވެސް އޭނާގާތުގަ އެއް ނެތެވެ. ޚުދު އޭނާގެ މައިންބަފައިންވެސް ތިބީ ޒުހާގެ އެ ޢަމަލުތަކާއި މެދު ލަދުވެތިވެ ބޭރަށް ނުކުންނަންވެސް ނުކެރިފައެވެ. "ޒުހާ މިއަދު ރޯނެ ކަމެއް ނެތް. ޝުކުރު ކުރޭ އަހަރެން ފުލުހަށް މައްސަލަ ހުށަނޭޅީތީ. އަހަރެން އެކަން ނުކުރީ ޒުހާގެ ކެރިއަރަށް ވިސްނާފަ. މީހުން، މީހުންދެކެ ލޯބިވެސްވޭ. އަހަރެންވެސް ޒުހާދެކެ ލޯބިވިން. އެކަމަކު މޮޔައެއް ނުވަން. ޒުހާ އަހަރެންނާއި ހެދި މޮޔަވެގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެ. އަނިޔާ ކޮށްފަވެސް ކިތައް ފަހަރަށް މަޢާފަށް އެދުނީ. އަހަރެން މަޢާފުކުރީ ހަމަ ކައިވެނި ދަމަހައްޓަން. ދެންވެސް ތި ރުޅި ކޮންޓްރޯލުކުރަން ދަސްކުރޭ. ނޫނީ މާދަން އެހެން މީހަކާއި އިނަސް ޒުހާއަކަށް ނޫޅެވޭނެ. އަހަރެންވާ ކެތްކޮށްފިން. އެއްވެސް މީހަކަށް އަނެކާއަށް އަނިޔާ ކުރުމުގެ ޙައްޤެއް ނޯންނާނެ. ފިރިހެނުންނަށް ކުރާ އަނިޔާގެ ވާހަކަ ގިނަ ފަހަރު އެކަކުވެސް ނުދައްކާނެ. ޚުދު ފިރިހެން މީހާވެސް އެ ވާހަކަ ނުދައްކާނެ. އެކަމަކު އަހަރުމެންގެ ވެސް ޙައްޤުތަކެއްވާކަން ހަނދާން ބަހައްޓާތި. އަހަރެން މަޢާފުކޮށްފިން." ދާނިޝް އެތަނުން ހިނގައިގަތް އިރުވެސް، ޒުހާ ހުރީ ރޯލަރޯލައެވެ.

ނަމަވެސް ދާނިޝް ފަސްއެނބުރި ބަލާވެސް ނުލައެވެ. އޭނާއަށް ދިރިއުޅުމުގައި ކުރެވުނު ހިތި ތަޖުރިބާ ހިތުން ފޮހެލެވޭތޯ މަސައްކަތްކުރިއެވެ. ކުރިއެކޭ އެއްގޮތަށް އަމިއްލަ ދިރިއުޅުމަށް ރުޖޫޢަވިއެވެ. ނަފްސާނީ ގޮތުން ކުރި އަސަރުތަކަށް ފަރުވާ ހޯދިއެވެ. "އަނިޔާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރާ އަންހެނުންނާއި ވަރަށް ގިނައިން ދިމާވޭ. ފިރިހެނަކާ ދިމާވަނީ ވަރަށް މަދުފަހަރަކު. އާންގޮތެއްގައި ފިރިހެނުން ޑޮކްޓަރަށް ދައްކަން ލަދުގަނޭ. މީހުންގެ ފުރައްސާރައާއި ހެދި. ނޫނީ ސޮސައިޓީ ދެކޭ ގޮތް. ބަޓް ޔުއާ ވެރީ ބްރޭވް ދާނިޝް. އައިމް ހެޕީ ފޯ ޔޫ." ސެސަންގެ އެންމެ ފަހު ދުވަހު ދާނިޝްގެ ޑޮކްޓަރު ބުނި ވާހަކަތަކުން އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. އެ ހިތްވަރާއެކު އޭނާ ފިރިހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަމަށް ވަކާލާތުކުރުމަށްޓަކައި ނޮން ޕްރޮފިޓް އެންޖީއޯއެއް ހުޅުވިއެވެ. މިއަދު ދާނިޝްއަކީ މީހުން މިސާލެއްގެ ގޮތުގައި ބަލައިގަންނަ މީހެކެވެ. އޭނާ ކުރިއަށް ނެގި ފިޔަވަޅުގެ ސަބަބުން މިއަދު އެ އަނިޔާ ތަހައްމަލް ކުރަމުންދާ އެތައް ފިރިހެނެއް އޭގެ ވާހަކަ ދައްކައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement