ޕިއްޒާކިޗަން ކުރު ވާހަކަ: ތައުބާ
ވެލިގަނޑުގައި އަތްފުނާ އަޅަމުން ހެވިދިލިފައި އައިނީއާއި ދިމާލަށް ބަލަހައްޓައިގެން އިން ތުއްތު ތުއްތު ފުރާނައަކީ މިހާރު އޭނާގެ މުޅި ދިރިއުޅުމެވެ. ދަރިފުޅު ހީލާ ކޮންމެ ފަހަރަކު ހިތަށް އެ ލިބޭ ހިތްހަމަ ޖެހުމަކީ މިއިން ދުވަހަކުވެސް ނުލިބޭ ފަދަ ހިތްހަމަ ޖެހުމެކެވެ. ދަރިފުޅު އިންތަނުން ތެދުވެގެން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން މަޑުމަޑުން ހިނގާފައި އައިނީއާއި ދިމާލަށް އާދެއެވެ. އައިނީ އޭނާގެ ދެއަތް ހުޅުވާލިއެވެ. އަދި ދަރިފުޅު އޭނާއާއި އަރާ ހަމަވުމުން ލޯބިން ބައްދާލިއެވެ. "މަންމަގެ ލޯބިލޯބި ޝައުން." އައިނީ އޭނާގެ އެއް އަހަރުވީ ދަރިފުޅު އުރާލަމުން އެ ކުއްޖާގެ ކޯތާފަތަށް ބޮސްދިނެވެ. އޭރު، އިރު އިނީ އޭގެ ވާޖިބު އަދާކުރުމަށްފަހު ވިލާތަކުގެ ތެރެއަށް ގެއްލެން ތައްޔާރުވެގެންނެވެ. ވުމާއެކު އައިނީ އަވަސްވެގަތީ، ޝައުން ގޮވައިގެން ގެއަށް ދިއުމަށެވެ.
ރޭވުމާއެކު ޝައުންއަށް ކާން ދިނުމަށްފަހުގައި، ޤުރްއާންޖެހުމަށްފަހު ޝައުން ނިންދެވިއެވެ. ރަށު ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ލިބޭ މަދު އެތިކޮޅުން، އެއްކަމެއް ނުކުރެވުނަސް، ޝައުންގެ ހުރިހާ ކަމެއް ފުރިހަމަ ކުރެވޭތޯ އައިނީ ބަލައެވެ. އައިނީގެ މަންމަ އަކީ މިއަދު މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހެކެވެ. ބައްޕަ އަކީ ރަށުގައި ހުރެގެން ލިޔެލާ ޖެހުމުގެ މަސައްކަތް ކުރާ މީހެކެވެ. ބައްޕައަކީ ވެސް މުސްކުޅިއެއް ނަމަވެސް، ބުރަކޮށް މަސައްކަތް ކުރުމުގައި ރަށުގައި ފާހަގަކޮށްލެވޭ ހިތްވަރުގަދަ މީހެކެވެ. އައިނީގެ އެކަނިވެރި ދިރިއުޅުން ވަށާލެވިފައިވަނީ މި މީހުންނާއި އެކުގައެވެ. ޝައުން ނިންދެވުމަށްފަހުގައި ގޯތިތެރޭގައި އެލުވާފައި ހުރި ބޮޑު އުނދޯލީގައި އައިނީ އިށީންދެލައިގެން އިނީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ހިތުން އަދިވެސް މާޒީ ފޮހެވިގެނެއް ނުދެއެވެ.
އެއީ މީގެ އަހަރަކާއި ދުވަސްކޮޅެއް ކުރީގެ ހަނދާންތަކެކެވެ. އައިނީ އޭރުވެސް ވަޒީފާ އަދާކުރަމުން ދިޔައީ ރަށު ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާއެވެ. އާދަކާދައިގެ މަތިން އެދުވަހު ވެސް އައިނީ އުޅުނީ ސްކޫލުގެ ސެޝަންތައް ނިމުމާއެކު، ކްލާސްރޫމްތައް ސާފުކުރާށެވެ. މިގޮތަށް ކްލާސްރޫމެއް ސާފުކުރަން ހުއްޓާ، އޭނާގެ ސުޕަވައިޒަރު އޭނާއަށް ގޮވިއެވެ. "އައިނީ، ދޭބަލަ ލައިބްރަރީ ކައިރިހުރި ކުޑަ ކޮޓަރި ސާފުކޮށްލަން. މާދަމާ ހދ އިން އެބަ އާދޭ ވަގުތީ ޓީޗަރެއް. މައްސަލައެއް ނެތް ގެއަށް ދިއުމުގެ ކުރިން އެތަން ސާފުކޮށްލާފަ ދިޔަސް." ސުޕަވައިޒަރުގެ އެންގުމަށް އާނއެކޭ ބުނުމުގެ ގޮތުން އައިނީ ބޯ ޖަހާލިއެވެ. އަދި އެދުވަހު ގެއަށް ދިޔައީ އެ ކުޑަ ކޮޓަރި ސާފުކޮށްފައެވެ. އެއީ ލީޑިން ޓީޗަރުންނަށް ޚާއްޞަކޮށްފައި ހުންނަ ކެބިންތަކުގެ ތެރެއިން ކެބިނެކެވެ.
ޖެހިގެން އައި ދުވަހު ވެސް ޑިއުޓީއަށް ނިކުތީ ބުރަ މަސައްކަތެއް ކުރުމަށް ތައްޔާރުވެ އަތުރުކުރި އޮޅާލައިގެންނެވެ. ސްކޫލު ގޯތިތެރޭގައި ހުންނަ ބޮޑު ބޯގަންވިލާ ގަސް ކައިރިއަށް ވެރިފައި ހުރި މާތަކާއި ފަތްތައް ހޮވަން އޮއްވާ، ފަހަތުން މީހަކު "އެކްސްކިއުސް" އޭ ކިޔައި ގޮވާލި އަޑުއިވުނެވެ. އައިނީ ކޮޅަށް ތެދުވެ ފަސް އެނބުރި ބަލާލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ މެދު އުމުރުފުރައެއްގެ ފިރިހެނެކެވެ. އެއީ މީގެ ކުރިން ސްކޫލު ތެރެއިން ފެނިފައިނުވާ މީހަކަށްވުމާއެކު، އެއީ ސުޕަވައިޒަރު އިއްޔެ ހދ އިން އަންނާނެ ކަމަށް ބުނި ޓީޗަރުކަން އައިނީއަށް ޔަގީންވިއެވެ. އިސްކޮޅުން ދިގު، ހަމުގެ ކުލަ މުށިކުލައަކަށްދާއިރު، ތެތްވެފައި އޮތް ބޮލުގެ އިސްތަށިގަނޑުން ރަނގަޅަށް ފެން ނުހިކެއެވެ. ހުދު ގަމީހަކާއި، ކަޅު ފަޓުލޫނެއްލާ، ކަޅު ކުލައިގެ ޓައިއެއް އަޅާލާފައި ހުރި އިރު މީހާ ހީވަނީ މިނިސްޓަރެއް ހެންނެވެ. އަތުގައި ބިއްލޫރި ހުސްކުރި ފެންއަޅާ ފުޅިއެއް އޮތެވެ. "ލައްބަ." އައިނީ ހިނިތުންވެލިއެވެ. "ފެން އަޅަންދާނެ ތަނެއް ނޭނގިގެން މިއުޅެނީ." އޭނާ ވާހަކަ ދެއްކީ މަޑުމައިތިރި ރާގެއްގައެވެ. "ދެއްވާ އަޅުގަނޑު އަތަށް. ރިފިލްކޮށްގެން ގެންގޮސްދޭނަން." އައިނީ ފުޅިއާއި ދިމާލަށް އަތްދިއްކޮށްލިއެވެ.
ފުޅިއަށް ފެންއަޅައިގެން އޭނާގެ ކެބިންއަށް އަރާ ހަމަވުމަށްފަހު ދޮރުގައި ޓަކިދިނެވެ. ޓަކި ދިނުމަށްފަހު އައިނީ އެތެރެއަށް ވަނެވެ. އޭރު އޭނާ އިނީ ފޯނެއްގައެވެ. އައިނީ ފެނުމާއެކު ފޯނު ބޭއްވިއެވެ. އައިނީ ހިނިތުންވެލުމަށްފަހުގައި، މޭޒު މަތީގައި ފެންފުޅި ބެހެއްޓިއެވެ. "ކޮން ނަމެއް ކިޔަނީ؟." ފެންފުޅި ބެހެއްޓުމަށްފަހު ކެބިނުން ނިކުންނަން ދަނިކޮށް އޭނާ ސުވާލުކުރިއެވެ. "އައިނީ." އައިނީ ޖަވާބުދިނެވެ. "އަހަރެންނަށް ކިޔަނީ ޝާހިލް. ވާހަކައެއް ބުނެލަން ބޭނުން. އޯކޭތަ؟" އޭނާ ތަޢާރަފުވެލަމުން ބުންޏެވެ. އައިނީ ހުއްދަ ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. "ތިހާ ޒުވާން އުމުރުގެ ކުދިން ވަރަށް ނުދެކެން މަސައްކަތު މީހެއްގެ ގޮތުގަ އުޅޭތަނެއް. ވަރަށް އުފާވެއްޖެ ތިކަހަލަ މަޤާމަކުން ޒުވާން ކުއްޖެއް ފެނުނީތީ. އުއްމީދުކުރަން އައިނީއާއި ގިނަގިނައިން ބައްދަލުވާނެ ކަމަށް." ޝާހިލް ކުރީ ތަޢުރީފެވެ. އައިނީ އެކަމާ އުފާކުރާ ހާލު ޝުކުރު އަދާކުރިއެވެ.
ޝާހިލްއަކީ ވަގުތީ ގޮތުން އެ ސްކޫލުގެ ސާނަވީ ގްރޭޑްތަކަށް ހިސާބު ކިޔަވައިދޭން އައި ޓީޗަރެކެވެ. އޭނާއަކީ އެންމެންނާއި ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ނަމަވެސް އޭނާ، އައިނީއާއި ދިމާލަށް ބަލަނީ އެހެން މީހުންނާއި ދިމާލަށް ނުބަލާ ނަޒަރަކުންނެވެ. އައިނީ އާއި ޝާހިލް ކޮންމެ ދުވަހަކު ސްކޫލު ތެރެއިން ބައްދަލުވެއެވެ. ޝާހިލް އައިތާ ގާތްގަނޑަކަށް މަސް ދުވަސްވީ ތަނާއި، އައިނީގެ ފޯނު ނަންބަރަށް ޝާހިލް އެދުނެވެ. ހުދު އައިނީވެސް ހުރީ ޝާހިލްއާއި ވާހަކަ ދައްކަން ބޭނުންވެފައެވެ. ދެމީހުން އެކަކު އަނެކަކަށް ފޯނު ނަންބަރު ހިއްސާކޮށް ވާހަކަ ދައްކަން ފެށިއިރު، މިއިން އެއްވެސް ކަމެއްގެ ހިލަމެއް ސްކޫލުތެރެއިން އެކަކަށްވެސް ނުވެއެވެ. ދެމީހުން ވެސް އުޅުނީ ވަރަށް ސިއްރުންނެވެ. ޝާހިލް އަކީ ރަށުން ބޭރުން އައިސް ހުރި މީހަކަށް ވުމުން، އޭނާއާއި ގުޅޭގޮތުން ރަށުތެރޭގައި އެއްވެސް ކަހަލަ ވާހަކައެއް ފެތުރޭކަށް ޝާހިލް ބޭނުމެއް ނޫނެވެ. ރަށުގެ އެންމެންވެސް ޝާހިލަށް ވަރަށް އިޙުތިރާމު ކުރެއެވެ.
ދެމީހުންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. މިގޮތަށް ފޯނުން ވާހަކަދައްކާތާ ދެ މަސް ފާއިތުވެދިޔަ ތަނާއި، ޝާހިލް އެދުނީ ބައްދަލުކޮށްލާށެވެ. އައިނީ ފުރަތަމަ އެކަމާއި ދެކޮޅު ހެދިއެވެ. ނަމަވެސް ޝާހިލް ކުރަމުން ދިޔަ އާދޭހަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެރޭ ދަންވަރުގެ ވަގުތުގައި ޝާހިލް، އައިނީއާއި ބައްދަލުކުރުމަށް އެ ގެއަށް ދިޔައެވެ. "އައިނީ އަހަރެންނާއި އިންނާނަންތަ؟" އައިނީގެ ކޮޓަރީގައި، އޭނާގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ޝާހިލް ސުވާލުކުރިއެވެ. އައިނީއަށް ލިބުނީ ކުށްލި ސިހުމެކެވެ. "ކީކޭ؟ ހާދަ އަވަހަކަށް އިންނަން ތި އެހީ؟ ކީއްވެ އަހަރެން؟" އައިނީ ސުވާލަކަށްފަހު ސުވާލެއް ކުރިއެވެ. "އައިނީ އަކީ ވަރަށް ރީތި ކުއްޖެއް. ތިހާ ރީތި ކުއްޖެއް މީހަކާ ނީންދެ ހުންނާތީވެ އަހަރެން ހައިރާންވޭ. މި ރަށުގައި ވެސް އައިނީ އަށް ކަމުދާ މީހަކު ނޫޅެނީތަ؟ ނުލާހިކު މުރާލި. އަޚުލާޤު ރަނގަޅު. ކިޔަމަންތެރި. މިވަރުން ނުފުދޭތަ؟" ޝާހިލް އައިނީގެ ކޮލުގައި ހިފާލަމުން ބުންޏެވެ. "އަހަރެންނަށް ކިރިޔާވެސް ކަމުދާ މީހަކަށް އަދި ފެނުނީ ޝާހިލް. އެހެން ނޫނަސް މީގެ ކުރިން މިކަހަލަ ކަމަކާމެދު ނުވެސް ވިސްނަން." އައިނީ، ޝާހިލްގެ ފަން އިސްތަށިގަނޑާއި ކުޅެމުން ވާހަކަ ދެއްކިއެވެ.
އައިނީ އާއި ޝާހިލްގެ ބައްދަލުވުންތައް ދިޔައީ އިތުރު ވަމުންނެވެ. ދެމީހުން މުޅިންވެސް ބައްދަލުވަނީ ދަންވަރުގެ ވަގުތުގައެވެ. ދަންވަރަކީ ހަމަހިމޭން ވަގުތަކަށްވެފައި، އަންހެނަކާއި ފިރިހެނެއް އެ ކަހަލަ ވަގުތެއްގައި އެކަހެރިވާނަމަ އެދެމުގައި ކަމެއް ނުހިނގާ ހުންނާނީ މަދު ފަހަރެއްގައެވެ. ޝާހިލްގެ ފަރާތުން އައިނީއަށް ލިބެމުންދިޔަ ލައްޒަތާއި، އަރާމާއި އުފަލަކީ މިއިން ދުވަހެއްގައިވެސް އޭނާ ތަޖުރިބާ ކުރި ކަމެއް ނޫނެވެ. މިގޮތުގައި ރޭތައް ފާއިތުވަމުން ގޮސް، އެއްރެއެއްގެ ދަންވަރު ޝާހިލް، އައިނީގެ ގެއަށް ވަންނަނިކޮށް އެ ރަށުގެ ޒުވާން އުމުރު ފުރައިގެ ފިރިހެނެކަށް ފެނުނެވެ. އޭނާ މި ވާނުވާއެއް ބެލުމަށްޓަކައި ރަށުގައި ނަގާ ކިޔާ ގުރޫޕަކާއެކު ދެތިން ރެއެއް ވަންދެން ޝާހިލަށް ފާރަލިއެވެ. ކޮންމެއަކަސް ފަތުއަޑު ކިޔާފައި މި ވާހަކަ މުޅި ރަށު ތެރޭގައި ފެތުރުނެވެ. އެއްބަޔަކަށް އައިނީ ގޯސްވި އިރު، އަނެއް ބަޔަކަށް ގޯސްވީ ޝާހިލްއެވެ. އެއްބަޔަކު ބުނަމުން ދިޔައީ ޝާހިލް އަކީ މީހެއްގެ ފިރިއެއް ކަމަށެވެ.
ކުއްލިއަކަށް ކަންކަން ބޮއްސުންލައިގެން ދިޔައީ، އައިނީ، ޝާހިލްގެ ދަރިއަކަށް ބަނޑުބޮޑުވި ހިސާބުންނެވެ. އައިނީ އޭރު ހުރީ ސްކޫލުން ވަކި އެއްޗެއް އަންގަންދެން ގޭގައި ބަހައްޓާފައެވެ. ނަމަވެސް ޝާހިލް ދިޔައީ ބަރާބަރަށް ސްކޫލަށް ހާޒިރުވަމުންނެވެ. ކޮންމެއަކަސް މި ކަމުގެ ވާހަކަ ރަށު ތެރެއިން ބޭރުވެ، މުޅި ސޯޝަލް މީޑިއާގައި ދެކެވެންފެށިއެވެ. ޓީޗަރެއްގެ ދަރިއަކަށް، ސްކޫލުގައި މަސައްކަތްކުރާ މަސައްކަތު އަންހެނަކު ބަނޑުބޮޑުވި ވާހަކަ ޚަބަރުތަކަށް ވެސް އަރަން ފެށިއެވެ. ގިނަ މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވީ އައިނީއަށެވެ. ސޯޝަލް މީޑިއާގައި ގިނައިން ދައުރުވީވެސް އައިނީގެ ފޮޓޯއެވެ. ޙަޤީޤަތް ބެލުމެއްނެތި އެކި މީޑިއާތަކުން އެކަން ރިޕޯޓުކުރީ އެކި ގޮތަށެވެ. މިހާ ހިސާބަށް ކަންކަން ދިއުމާއެކު، އައިނީގެ މަންމަ އާއި ބައްޕަގެ އެދުމުގެ މަތިން ކޮޓަރީންވެސް ނުނިކުމެ އެތައް ދުވަސްތަކެއް ހޭދަކުރިއެވެ. ޝާހިލްއަށް ގިނަ ފަހަރު ގުޅުމުން ފޯނެއް ނުނަގައެވެ. އައިނީ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
ރަށުގެ މަދު ރައްޔިތުންކޮޅެއް ފަހުން ނިކުތީ ޝާހިލް އެ ރަށުން ބޭރު ކުރުމަށެވެ. ރަށުގެ ނަން ހުތުރުކޮށް، އެފަދަ ހަޑި މުޑުދާރު ޢަމަލެއް ހިންގި މީހަކު، ރަށު ސްކޫލުގައި ދަރީންތަކަކަށް ކިޔަވައިދޭން ދެކޮޅު ކަމަށް ބުނެ މަދު ބެލެނިވެރީންތަކެއް ސްކޫލު ދޮށުގައި މުޒާހަރާ ކުރަން ފެށިއެވެ. އޭރު ޝާހިލް ރަށު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ހަފުތާއެއް ވަނީއެވެ. އެވަރު ވެގެން ދިޔައިރު ވެސް، އެންމެން ވެސް ދެއްކީ އައިނީ ޒިނޭކުރި ވާހަކައެވެ. އެކަމުގައި އައިނީ އެކޭ އެއްވަރަށް ހިއްސާވި ޝާހިލްގެ ވާހަކަ ދައްކާނެ އެކަކުވެސް ނުވިއެވެ. އަންހެނަކަށްވީތީ އެ ޒިންމާވެސް ނަގަން ޖެހުނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޝާހިލް އެންމެ ފަހުން ރޭގަނޑު ދަންވަރުގެ ވަގުތެއްގައި އޭނާގެ އަމިއްލަ ރަށަށް ފުރުވާލިއެވެ. އާރާއި، ބާރާއި، ފައިސާ އޮތިއްޔާ ހުރިހާ ކަމެއްވެސް ވާނެކަން ޔަގީނެވެ.
ޝާހިލް ފުރައިގެން ދިޔަކަން އެނގުމުން، އައިނީއަށް ލިބުނީ ބަރުދާސްތުކުރަން އުނދަގޫ ހިތްދަތި ކަމެކެވެ. އޭނާ ރޮއެރޮއެ ހަލާކުވިއެވެ. އޭނާ ޝާހިލްދެކެވީ ޙަޤީޤީ ލޯތްބެވެ. ނަމަވެސް ޝާހިލް އޭނާ ބޭނުންކޮށްލުމަށްފަހު، އެއްލާލާފައި ދިޔައީއެވެ. ޙަޤީޤަތް ބެލިއިރު ޝާހިލް އަކީ މީހެއްގެ ފިރިއެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. އަދި އޭނާގެ ޢާއިލާގެ ގިނަ ބަޔަކު ތިބީ ސަރުކާރުގެ މަތީ ފަޑީގައެވެ. އެ ހިތްދަތި ހާލަތުގައި އައިނީ އާއެކު އޭނާގެ މަންމަ އާއި ބައްޕަ ފިޔަވާ އެކަކުވެސް ނެތެވެ. އެމީހުންގެ ކިބައިން ކެނޑިނޭޅި މަޢާފަށް އެދުނެވެ. އައިނީ ބޭނުންވީ އޭނާ ކުރި ކުށުގެ ޙައްޤު އަދަބު ލިބިގަތުމަށެވެ. ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ. އައިނީ ގައިގައި ސަތޭކަ އެތި ފަހަރުން ހައްދު ޖެހުނެވެ. މި މަންޒަރު ބަލަން ތިބި އެންމެން ތިބީ ހަމަ ހިމޭންވެފައެވެ. "ކުށްކުރީ އަހަރެން އެކަންޏެއް ނޫން. އަހަރެން މި ދަރިފުޅުވެސް އިރާދަކުރެއްވިއްޔާ ބަލާނަން. ކަލޭމެން އެންމެނަށްވެސް ގޯސްވީ އަހަރެން. ތީގެ ތެރެއިން ކިތަންމެ މީހެއް ތިބޭނެ ޒިނޭކޮށްފަ، އެ ވާހަކަ ފޮރުވައިގެން ތިބޭ މީހުން. އަހަރެންވާ ތައުބާވެ، ޙައްޤު އަދަބު ހޯދައިފިން. ޒިނޭ ކުރި ފިރިހެން މީހާގެ ވާހަކަ ކީއްވެބާ ނުދެއްކުނީ؟ އެއީ ފިރިހެނަކަށްވީމަތަ؟ އޭނަައަށް އަދަބު ނުލިބުނަސް ކަލޭމެނަށް ވަރިހަމައެއްނު. އަހަރެންގެ ބަނޑުގަތާދޯ ދަރި އޮތީ؟ އެހެންވީމަ ކުށްވެރިވެސް ވާނީ އަހަރެންތާ!" އައިނީ އެއްވެ ތިބި މީހުންނަށް އަޑުއިވޭވަރަށް ރޮމުން ހަޅޭއްލެވިއެވެ.
މި ހަޅޭކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އެއްކަހަލަ އައިނީއާއި ދިމާލަށް މަލާމާތްކުރި މީހުންގެ ރާގުވެސް ބަދަލުވިއެވެ. އެންމެން ހަމަހަމަ ކަމަށް ގޮވަންފެށިއެވެ. އައިނީ މިއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ވިސްނަމުން ދިޔައީ ދަރިފުޅުގެ މުސްތަޤުބަލާއި ދޭތެރޭގައެވެ. އައިނީގެ ބަނޑަށް ހަ މަސްވީ ފަހުން، ސްކޫލުން ގުޅާފައި ވަޒީފާއަށް އަލުން އެނބުރި އައުމުގެ ފުރުޞަތު ދިނެވެ. ރަށުތެރޭގައި އޭނާއާއި މެދު މީހުން ދެކެމުން އައި ގޮތް މަޑުމަޑުން ބަދަލުވާންފެށިއެވެ. ޒިނޭގެ ބޮޑު ފާފަ ކުރެވުނު ނަމަވެސް، އެ ޒިނޭއިން ލިބުނު ދަރިފުޅު ވައްޓާނުލާ، މުޅި ދުނިޔޭގެ ލަދަށް ކެތްކުރީތީ އެންމެން އޭނާއަށް ތަޢުރީފު ކުރިއެވެ. ބަނޑަށް ހަތްމަސްވީ ދުވަހު ޝާހިލްގެ ފޯނު ކޯލެއް އައެވެ. "ކަލޭގެ ދަރިއެއް ނުހުންނާނެ." ޝާހިލްގެ ފޯނު ކޯލަށް އައިނީ ދިނީ ކުރު ޖަވާބެކެވެ. އަދި ބަން ކިޔާފައި ފޯނު ބޭއްވިއެވެ.
ދިރިއުޅުމުގައި އައިނީއަށް ކުރެވުނު އެންމެ ކުށަކުން އޭނާއަށް ދަސްވެގެން ދިޔައީ ރަނގަޅު ފިލާވަޅެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. ދުނިޔެއަކީ ބާރު އޮތް މުއްސަދިންގެ ތަނެކެވެ. ބޭޒާރުވާނީ ފަޤީރެއްގެ ދަރިއެއް ކަމެވެ. މިއީ ދުނިޔޭގެ އާދައެވެ. އޭނާގެ ބަނޑުން އުފަންވި ޝައުން، އެކަހަލަ ދެވަނަ ޝާހިލް އަކަށް ނުވޭތޯ، އައިނީ ތާއަބަދު މާތް ރަސްކަލާނގެ ޙަޟުރަތުގައި ދުޢާ ދެންނެވިއެވެ. ކުރެވުނީ ކުށެކެވެ. ނަމަވެސް އެ ކުށަށް ފުރިހަމައަށް ތައުބާ ވަނީ އައިނީ ކަހަލަ ކިތަން މީހުންބާވައެވެ. ޒިނޭ ކުރާ ފިރިހެން މީހާގެ ވާހަކަ މީހުން ނުދައްކަނީ އޭނާގެ ބަނޑުގައި ދަރިއަކު އަށަނުގަންނާތީ ކަމުގައި ވެސް ވެދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists