ޕިއްޒާކިޗަން ކުރު ވާހަކަ: ހުވަފެން
ހޭލެވުނު އިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. މުޅި ގައިގައި އަތްކާތްތަމުން އެނދުން ފުންމައިގެން ތެދުވެ ބަލާލިއިރު ތަޅުންގަނޑު މަތީގައި އެއްވެސް ވަރަކަށް ފެނެއް ނެތެވެ. މިއީ އެ ހުވަފެން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހާލަތެވެ. އެއީ އަހަރެންނާއި ކޮން ގުޅުމެއް އޮތް ހުވަފެނެއް ހެއްޔެވެ؟. އަހަރެންނަށް ކޮންމެ ރެއަކުހެން ފެންނަ މި ހުވެފެނުގައި، އަހަރެން އޮންނަނީ ފެންގަނޑެއްގެ ތެރޭގައެވެ. އަޑިއަށް ގެނބޭތަން ފެނެއެވެ. ދެން ކުއްލިއަކަށް ހޭލެވެނީއެވެ. އަހަރެންނަށް މި ހުވަފެން ފެންނަން ފެށީ މިދިޔަ އަހަރު އަހަރެން ޑިވޯސްވިތާ ދުވަސްކޮޅެއް ފަހުންނެވެ. ދޭތެރެއަކުން މި ހުވަފެން ފެންނައިރު، ހުވަފެން ފެންނަ ދުވަސްކޮޅެއްގައި ވަކީން ބޮޑަށް ނިދަން އުނދަގޫވެއެވެ. ޑިވޯސްވީ ފަހުން އަދި ރަނގަޅަށް ހަމަ ނިދި ނުލިބެއެވެ. އެ ހުވަފެނަކީ އަހަރެން އަދި އެކަމުން އަރައިނުގަންނާތީވެ ފެންނަ ހުވަފެނެއްގެ ގޮތުގައި އަހަރެން ޤަބޫލުކުރީމެވެ.
ނިދިން ހޭލެވުމާއެކު ފޯނު ހުޅުވާލާއި ގަޑި ބަލާލީމެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ފަތިސް ނަމާދާއި ދެމެދު ވަގުތުކޮޅެއް ހުރުމާއެކު، އަނެއްކާވެސް ނިދާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ނިދަން އުޅެއުޅެ ނުނިދުނެވެ. ވުމާއެކު އަހަރެން އެނދުން ތެދުވެ، ބެލްކަންޏަށް ނިކުންނަން ހުރި ކުޑަދޮރު ހުޅުވާލުމަށްފަހުގައި ބެލްކަންޏަށް ނިކުތީމެވެ. ވަށައިގެންވާ މާހައުލުގައި ވަނީ ހަމަހިމޭން ކަމެވެ. އެއޮތް ކާރުބާރު ބޮޑު ފުރަ މާލެއިން، އެވަގުތު ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ވައިގެ ތެރޭގައި ހުރި ތެތް ފިނިކަން މުޅި ހަށިގަނޑު ވަށާލިއެވެ. އެވަގުތު ގައިން ހީބިހި ނެގިއެވެ. އަހަރެން ހަށިފުރާނޭވާއެއްލީމެވެ. ފިނިވާން ފެށުމުން މާ ގިނައިރު ބެލްކަނީގައި ނުހުރެވުނެވެ. ވުމާއެކު އެތެރެއަށްވަދެ އަނެއްކާވެސް އެނދުގައި އޮށޯތީމެވެ. އެހެން އޮތްވާ ނިދުނެވެ.
ކުޑައިރު މަންމަ އަހަރެން ދޫކޮށްލާފައި ފިލައިގެން ދިޔަގޮތަށް އެހެން މީހަކާއި އިންކަން އެނގެއެވެ. އަހަރެން މަންމަގެ ބަޑު ތެރޭ އޮތްވާ ބައްޕަ މި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. އަހަރެން ބަލާބޮޑުކުރީ މަންމަ ފަރާތުގެ މާމައެވެ. މާމަ އަހަރެންނަށް ކިޔަވައިދީ، ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނެވެ. އެކަމަށްޓަކައި އަހަރެން މާމައަށް އަބަދުގެ އަބަދަށް ޝުކުރުވެރިވަމެވެ. އަހަރެން މިއަދު އޮފީހެއްގައި ކިތަންމެ ރަނގަޅު މަޤާމެއް ފުރަމުން އައި ކަމަކު، ހިތްވަނީ އެކަނިވެރިވެފައެވެ. މަންމަ މަތިން އަބަދުވެސް ވަރަށް ހަނދާންވެއެވެ. ނަމަވެސް ވީތަނެއް ނޭނގެއެވެ. ރާއްޖޭގައި ވެސް އުޅޭހެނެއް ހިއެއް ނުވެއެވެ. އުޅޭނަމަ ކޮންމެވެސް ގޮތަކުން އެނގުނީސްތާއެވެ. މާމަ އަތުގައި އޮތީވެސް މަންމަގެ ވަރަށް ޒުވާން ދައުރުގެ ފޮޓޯއެކެވެ. މަންމަ އަހަރެން މަތިން ހަނދާންކުރާނެބާއޭ އަބަދުވެސް ހިތަށް އަރައެވެ.
އަހަރެންގެ ފަސް އަހަރުވީ ކައިވެނި ރޫޅުނުއިރު ދަރިއަކު ހޯދަން ވަރަށް މަސައްކަތް ކުރީމެވެ. ފަހަރުގައި އަހަރެންނާއި، ޝާދިންގެ ދެމެދުގައި ލެވުނު ފާރަކީ އެއީ ކަމުގައި ވެދާނެއެވެ. ދެމީހުންގެ ދެމެދުގައި ކުދިކުދި މައްސަލަތައް ޖެހެމުން ގޮސް، އެންމެ ފަހުން ވަރިވާ ހިސާބަށް ދިޔައެވެ. ކައިވެނި ރޫޅުމާއެކު، އަހަރެން ޝާދިންމެން ގެއިން ނިކުތީމެވެ. އަދި ދެ ރޫމްގެ އެޕާޓްމަންޓެއް ނަގައި، ރަށުގައި ހުރި މާމަ އަހަރެންގެ ގާތަށް ގެނައީމެވެ. އަހަރެންގެ ޢާއިލާ މީހަކަށް ހަމައެކަނި ހުރި މީހަކީ އެއީއެވެ. ދެން ހުރީ އަހަރެންގެ ބެސްޓްފްރެންޑް ނީލަމް އެވެ. އެއީ ސްކޫލު ދައުރުން ފެށިގެންވެސް ދެގޮތެއް ނުވެ ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިއާއެވެ. އަހަރެން ނީލަމް އާއި މެދު ދެކެނީ ދައްތައެއްގެ ގޮތުގައެވެ. އެހާވެސް އޭނާ އަހަރެންނަށް ރަނގަޅެވެ.
އަހަރެންގެ ދުވަސް ފެށެނީ ފަތިސް ނަމާދުންނެވެ. ނަމާދުކޮށްލައިގެން ކުޑަ ވަގުތު ކޮޅަކު ނިދާލުމަށްފަހުގައި އޮފީހަށްދާން ހޭލަމެވެ. އޮފީހަށްދާން ހޭލެވުނަސް، އޮފީހަށް ދާހިތެއް ނުވެއެވެ. އަހަރެން ބޭނުންވަނީ އެނދުން ނުތެދުވެ އޮންނާށެވެ. ނަމަވެސް، މިއީ ރުފިޔާނެތި ނޫޅެވޭ ޒަމާނެވެ. އަހަރެން އޮފީހަށް ދަނީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ހެނދުނު އަށެއް ޖަހާއިރު، އޮފީހަށްދާން ހޭލާއިރު މާމަ ހުންނާނީ ސައި ތައްޔާރުކޮށްފައެވެ. އަހަރެން ސައިނުބޮއެ ގެއިން ނިކުމެއްޖެ ނަމަ މާމަ މުޅި ދުވަހު އެ ޝަކުވާ ކުރާނެއެވެ. ވުމާއެކު އެއް ފޮތި ޕާން ވިއަސް ކައިގެން ނޫނީ އަހަރެން ގެއިން ނުނިކުންނަމެވެ.
"ކީއްވެ އެ މަސައްކަތް ނުނިމުނީ؟" އަހަރެންގެ ހެޑު އަހަރެންނާއި ސުވާލުކުރިއެވެ. "ނުނިމުނީއެއް ނޫން. ކުރާ ހިތްނުވީ. މިހާރު ތިން ހަތަރު ފަހަރު ތި ޤަވާއިދު ޑްރާފްޓް ކޮށްފިން. އަދިވެސް ހަމަ ޑްރާފްޓް ކުރަންވީ؟" އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހިފައި އިދެ ވާހަކަ ދެއްކީމެވެ. "އާ..! އަހަރެންނަށް ވެސް ނެތޭ އިތުރު ޗޮއިސްއެއް. ދެން އެނގެއެއްނު. އަހަރެމެންގެ މައްޗަށް ތިބޭ މީހުންގެ ކަންތައް ހުންނަ ގޮތް. މިހާރު ދެ ހަފުތާވީ ތިޔާ ހިފާތާ. ހަމަ އެއްތަންކޮޅު ބަދަލު ކުރާއިރަށް އަނެއްކާ އަނެކެއްޗެއް ބަދަލުކުރަން ޖެހޭ. ތިއެއް ނޫނޭ!. ކީއްވެ މަސައްކަތް ކުރާ ހިތްނުވަނީ؟. ސުޕަވައިޒަރެއްގެ މަޤާމަށް އަންނަން އެހާ ބުރަ މަސައްކަތްކޮށްފައި ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް ތިއައީ ހަމަ ޑިވޯސްވީމަ؟." ފަރުހާދުގެ އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންނަށް ނޭނގުނެވެ. އަހަރެން ފުންނޭވާއެއް ބޭރުކޮށްލީމެވެ. "ނޭނގެ ފަރުހާދު. ޑިވޯސްވި ފަހުން ވެސް މިހާރު އަހަރެއް ވަނީ. އެކަމަކާ އެއް ނުވިސްނަން. ހަމަ އެއްވެސް ކަމެއް ކުރާހިތް ނުވަނީ." އަހަރެން ފަރުހާދުގެ ކެބިން ތެރެއިން ނިކުންނަމުން ބުނީމެވެ.
އަހަރެން މަޑު ހިނގުމެއްގައ ހިނގާފައި ގޮސް އަހަރެންގެ ކެބިނަށް ވަނީމެވެ. ވަދެވުމާއެކު، އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. މިއީ ވެސް އަހަރެންނަކަށް އައު ކަމެއް ނޫނެވެ. ކިތަންމެ ކުޑަކުޑަ ކަމެއް ވިއަސް ރޮވެނީއެވެ. އަހަރެން ހިތްފުރެންދެން ރޯލުމަށްފަހުގައި ޓިޝޫ ބޮކްސްއިން ދެތިން ޓިޝޫ ނަގައި މޫނުގައި ހުރި ކަރުނަތައް ފޮހެލީމެވެ. އަދި މޭޒުމަތީގައި ހުރި ކުޑަ ލޯގަނޑުން އަހަރެންގެ ސިފަ ބަލާލީމެވެ. އަހަރެންގެ މޫނުމަތީގައި އެއްވެސް އުޖާލާ ކަމެއް ނެތެވެ. ދެލޯ ކައިރި ކަޅުކަމުން ހީވަނީ އަނދުނުން ފަވާފަހުރި ހެންނެވެ. ލޮލުގައި މަޑުމަޑު ރަތް ކަމެއް ހުރިއިރު، މޫނު މަތީގެ އެކި ދިމަދިމާލުގައި ކުދިކުދި ބިހި ނަގާފަ ހުއްޓެވެ. ފަލަ ކަމުން ހީވަނީ ދެކޯ ދުޅަވެފައި ހުރި ހެންނެވެ.
މިގޮތުގައި އިންދާ، އަހަރެންގެ ދަށުން މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާ ޒަހާ ކެބިންގެ ދޮރުގައި ޓަކި ދިނުމަށްފަހު އެތެރެއަށް ވަނެވެ. އަހަރެން ޒަހާ ފެނުމާއެކު ހިނިތުންވެލީމެވެ. "މިރޭ އެންމެން އެއްކަލަ ރެސްޓޯރެންޓަށް ކާންދާން މިއުޅެނީ. ދާނަންތޯ އަހާލަންވެގެން މިއައީ." ޒަހާ ބުންޏެވެ. "ކޮން ރެސްޓޯރެންޓެއް." އަހަރެންގެ ސިކުނޑިށް ނަގައެއް ނުގަނެވުނެވެ. "އިއުފާ ހާދަ ހަނދާން ބައްޔޭދޯ މިހާރު. އިއްޔެ އޮފީސްތެރޭ ކީމެއްނު. ކާނިވާގަ އަލަށް ހުޅުވައިފިއޭ ވަރަށް ފައްކާ ސީފުޑް ރެސްޓޯރެންޓެއް. އެތަން." ޒަހާ އަހަރެންނަށް ހަނދާންކޮށްދިނެވެ. "އޯހް…އާނ..އާނ.. ހަނދާންވެއްޖެ. އާނ.. އޯކޭ. ދާނަން ދާނަން. ގަޑި އެސްއެމްއެސް ކޮށްލާފަ ބާއްވާ." އަހަރެން ހިނިގަނޑެއް ޖަހާލާފައި ބުނީމެވެ. އަހަރެން ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި ނަމަވެސް، އަހަރެންނާއެކު މަސައްކަތްކުރާ މީހުންނާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމެވެ. ވުމާއެކު އެމީހުންނާއި އެއްކޮށް މި ގޮތަށް ވަގުތު ހޭދަކުރުމަކީ އަހަރެން އަބަދުވެސް ކުރާ ކަމެކެވެ.
ޢިޝާ ނަމާދުކޮށްލައިގެން، ޤުރްއާނުން ކޮންމެވެސް ވަރެއް ކިޔަވާލުމަށްފަހުގައި، ބޭރަށް ނިކުތީމެވެ. އޭރު މާމަ އިނީ ޓީވީ ބަލާށެވެ. "މާމަ.. އަންނާނަށް އިނގޭ އޮފީސް ކުދިންނާއި އެއްކޮށް ކާން ގޮސްލާފަ. މާމަ ކައްޗޭ." އަހަރެން މާމަ ކޮލުގައި ހިފައި ތަޅުވާލީމެވެ. "ޕިސް. ދެން އަބަދު މާމަ ކޮލުގަ ނުހިފަބަލަ. ކޯ ބޮޑުވާނެ." މާމަ އަހަރެން ގައިގައި ހިފައި ތަޅުވާލިއެވެ. އަހަރެން ދަތްކުނޑިވިކާލާ، ހިނިގަނޑެއް ޖަހާލުމަށްފަހު އަނެއްކާވެސް މާމަ ކޮލުގައި ހިފީމެވެ. އަހަރެން މާމައަށް ވަރަށް ޖެއްސުން ކުރާ ހިތްވެއެވެ. އެއީ ލޯބިންނެވެ. މާމާ ވެސް މިފަހަރު ހޭން ފެށިއެވެ. އަދި އަވަހަށް ގެއަށް އައުމަށް އެދުނެވެ.
އަހަރެން ސައިކަލަށް އަރައި، ސައިކަލު ސްޓާޓް ކޮށްލީމެވެ. ދުއްވާފައި ވަކި ހިސާބަކަށް ދިޔަތަނާ، ދާން އުޅޭ މިސްރާބު ހަނދާންނެތުނެވެ. އަހަރެން އަވަހަށް މަގުގެ އެއްފަރާތެއްގައި މަޑުކުރީމެވެ. އަދި އިރުކޮޅެއްވަންދެން ސައިކަލު މަތީގައި މަޑުކުރީމެވެ. އެއީ އަހަރެންނަށް އަލަށް ދިމާވި ކަމެއް ނޫނެވެ. މީގެ ކުރިންވެސް، އެތައް ފަހަރަކު މިހެން ވިއެވެ. އޭރު އަހަރެންގެ އަތްފައި ދާހިއްލާ މުޅި މީހާ ހާސްވާން ފެށިއެވެ. އަހަރެން ހިތުން ޤުރްއާން ކިޔަވަން ފެށީމެވެ. އިސާހިތަކު މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ. ކުއްލިއަކަށް ހަނދާންވީ ޒަހާ ފޮނުވާފައި އޮތް މެސެޖު ބަލާށެވެ. އަވަސް އަވަހަށް ދަބަހުން ފޯނު ނަގައި، މެސެޖު ބަލާލީމެވެ. އޭގައި ދާންވި ތަނާއި ގަޑިއާއި ލިޔެފައި އޮތެވެ. އޭރު ޒަހާ އަހަރެންގެ ފޯނަށް ދެ ފަހަރު ގުޅާފައި ވެސް އޮތެވެ.
އަހަރެން އަވަސް އަވަހަށް އެ ދިމާލަށް މިސްރާބު ޖެހީމެވެ. "އިއުފާ ހާދަ ލަހުން ތިއައީ؟. އަވަހަށް އާދޭ. މިއޮށް ކާ އެއްޗެހި ހުސްވަނީ." ޒަހާ އަހަރެން ފެނުމާއެކު ބުންޏެވެ. "އާނ. ވަކި ހިސާބަކުން ސައިކަލު ޕެޓްރޯލު ހުސްވީ. އެހެންވެ ލަސްވީ." އަހަރެންނަށް ކަން ހިނގާދިޔަ ގޮތް ބުނާކަށް ނުކެރުނެވެ. އެމީހުން އަހަރެން ޖަޖު ކޮށްފާނެތީއެވެ. ކެއުމައިގެން ކުރިއަށް ދިޔައިރު، އެތަނުގައި އެތައް ވާހަކައެއް ދެކެވުނެވެ. އަހަރެންވެސް އެންމެނާއި ބައިވެރިވެ ވަރަށް ސަކަރާތް ޖެހީމެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އަހަރެން އިނީ އެތަނުން ގެއަށް ނުދެވިފައެވެ. އޮފީސް ނިންމާގޮތަށް ގެއަށް ދާ މީހާ ގިނަ ފަހަރު ގެއިން ނިކުންނަނީ ބޭރަށް ދާން މަޖުބޫރުވުމުންނެވެ. ކައި ނިމުމާއެކު، ބިލަށްވާ ފައިސާ ދީފައި އަހަރެން ބެލީ އަވަހަށް އެތަނުން ނިކުމެގެން ގެއަށް ދެވޭތޯއެވެ. ގެއަށް ގޮސް އެނދުގައި ހަމަޖެހިލައިގެން، ސީލިންގާއި ދިމާލަށް ބަލަހައްޓައިގެން އޮތީމެވެ. "އަނެއްކާވެސް މާދަން އޮފީހެވެ. ތެދުވަން ޖެހޭނެއެވެ. ގެއިން ބޭރަށް ނިކުންނަން ޖެހޭނެއެވެ. މީހުންނާއި ވާހަކަދައްކާ ބައްދަލުކުރަން ޖެހޭނެއެވެ. ހެވި ދިލެފައި ހުންނަން ޖެހޭނެއެވެ. މި ނޫން ގޮތެއް ހަމަ ނެތީހެއްޔެވެ." އަހަރެން ހިތާހިތުން ކިޔާލީމެވެ.
އެރޭ ވެސް އަހަރެންނަށް ހަމަ އެއްކަލަ ހުވަފެން ފެނުނެވެ. މިދުވަސްކޮޅަކީ އަނެއްކާވެސް ތަކުރާރުކޮށް އެ ހުވަފެން ފެންނަ ދުވަސްކޮޅެކެވެ. އަހަރެން މިހާރު އެ ހުވަފެނަށް އާދަވެއްޖެއެވެ. އެއީ މިހާރު އަހަރެން ބަލާހިތުން ބަލާ ހުވަފެނަކަށް ވެއްޖެއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް އަހަރެން ދީނީ ކަންކަމާއި ކުޑަކޮށް ވެސް ދުރަކަށް ނުދަމެވެ. އަހަރެންނަށް ކިރިޔާވެސް ހަމަޖެހިލައިގެން އުޅެވޭވަރުވަނީ ފަސް ވަގުތު ޖަހާ ސަޖިދައިންނާއި، ފޮތެއްގެ ގޮތުގައި ކިޔަވާ ޤުރްއާނުންނެވެ.
މިގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް، އަހަރެން ދުވަސްކޮޅަކަށް ޗުއްޓީއެއް ނެގީމެވެ. އަހަރެން ޗުއްޓީ ނެގީ ކޮންމެހެން ތާކަށް ދާކަށް ނޫނެވެ. މާގިނަ ރައްޓެހިންތަކެއް ނެތުމާއެކު ވެސް ތަނަކަށް ދާން ޕްލޭނެއް ނުރާވަމެވެ. އަހަރެން ޗުއްޓީ ނަގައިން އޮތީ ގޭގައެވެ. އެއީ އަހަރެން އެންމެ ބޭނުންވާ ގޮތެވެ. ނަމަވެސް ގޭގައި އޮވެވުނީ ހަތަރު ވަރަކަށް ދުވަހުއެވެ. އަހަރެން ޗުއްޓީގައި ހުރިކަން އެނގުމާއެކު ނީލަމް އަހަރެންނާއި ބައްދަލުކުރަން ގެއަށް އައެވެ. "މި ނޫނިއްޔާ ނޫޅޭނެ ޗުއްޓީ ނަގައިގެން ގޭގަ އޮންނަ މީހެއް." ނީލަމް ފުރަތަމަ ވެސް ފެށީ ޝަކުވާ ކުރާށެވެ. "ހަހަ.. ދެން އަހަރެން މުޅި މާލެ ތެރޭ ދުއްވަން ނިކުންނަންވީތަ؟. މިހެން އޮންނަން ހާދަ އަރާމޭ. މީހެއްގެ ހިލަމެއް ނުވެ. މީހަކު އެއްޗެކޭ ކިޔާ އަޑެއް ނީވެ. ވަރަށް ހަމަހިމޭން." އަހަރެން އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިށީންނަމުން ބުނީމެވެ. "އާނ.. ވަރަށް ރަނގަޅު. އަދި މަ މިއައީ މީނަ ގޮވައިގެން ބޭރަށް ނިކުންނަން. މާކުރިން ނޫނެކޭ ބުނަން ރެޑީގަ ދޯ ތީނީ. ހިނގާބަލަ ބުރެއް ޖަހާލާ ކޮފީއެއް ބޯލަންދާން. ތިހެން އަބަދު ގޭގަ އޮންނާކަށް ނުވާނެ." ނީލަމް ކުޑަކުއްޖެއްހެން ބޮޑާހާކަން ފެށިއެވެ.
"އެއްކަލަ އަންހެނާ. މިދެން ކަންތަކާއި ޖެހުނީއޭ. ދެން އެހެން ރެއަކުންދޯ ދާނީ. ޕްލީޒް." އަހަރެން އެނދުމަތީގައި އޮށޯވެލީމެވެ. "އިއުފާ، އަދިވެސް ނުވިސްނަންތަ؟." ކުއްލިއަކަށް ނީލަމް ކުރީ ސުވާލެކެވެ. "ކޮން ކަމަކާ؟." އަހަރެން އެހީމެވެ. "ޑޮކްޓަރަށް ދައްކަން. މިހާރު ކިހާ ދުވަހެއް މިހެން ކިޔާތާ!." ނީލަމް ފެށީ އަހަރެން އަޑުއަހަން ބޭނުންވި ވާހަކައެއް ނޫނެވެ. "އަޅޭ. މިއީ ތިބުނާ ކަހަލަ ކަމެއް ނޫނޭ. އަޅެ ދެން އަހަރެން ޑިޕްރެޝަނަށް ވެއްޓުނު ނަމަ މިހެނެއް ނޫޅޭނެދޯ. އޮފީހަށް ވެސް އެބަ ދަން. އެހެން ތަންތަނަށް ވެސް ދަން. އަހަރެންނަކީ ދީނީ ކަންކަމާއި އަބަދުވެސް ގާތް މީހެން. ދެން؟." އަހަރެން އަބަދުވެސް އެ ސުވާލަށް ދެނީ މި ޖަވާބެވެ. "އިއުފާއަށް ހީވަނީތަ އަޅުވެރިއަކަށް ޑިޕްރެޝަނާއި ހަނގުރާމަ ކުރާކަށް ނުޖެހޭނޭ. އަޅެ އެންމެ ފަހަރަކު އަހަރެން ބުނީތީ ވެސް ހިނގާބަލަ. ތި ހުރީ މިހާރު ޗުއްޓީ ނަގައިގެން. ޕްލީޒް އިއުފާ." މިއީ ނީލަމް އަހަރެންގާތު އާދޭސް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ވުމާއެކު އެ ފަހަރު އަހަރެން ނިންމީ، ހަތިޔާރު ބަހައްޓާ އޭނާ ބުނީތީވެ ޑޮކްޓަރަށް ދެއްކުމަށެވެ.
އައިޖީއެމް ހޮސްޕިޓަލްގެ "ސެންޓަރ ފޯ މެންޓަލް ހެލްތް" ޑިޕާޓްމަންޓުގައި ނަން ނޯޓު ކުރީމެވެ. ގިނަ ދުވަސްތަކެއް ނުވެ އެޕޮއިންޓްމަންޓް ލިބުމާއެކު އަހަރެން ޑޮކްޓަރަށް ދައްކަން ދިޔައީމެވެ. ނީލަމްވެސް އަހަރެންނާއެކު ދިޔައެވެ. އަހަރެން މިއިން އެއްވެސް ކަމެއް މާމަ ގާތު ނުބުނަމެވެ. އަހަރެންގެ ނަންބަރު ޖެހުމާއެކު ޑޮކްޓަރު ކޮޓަރިއަށް ވަނީމެވެ. ޑޮކްޓަރު އަހަރެން ފެނިފައި ހިނިތުންވެލިއެވެ. އަހަރެންނަށް ގާތް ކަމެއް އިހުސާސްކުރެވުނެވެ. އަހަރެންނަށް ވާ ހުރިހާ ގޮތެއް މަޑުމަޑުން ކިޔައިދިނީމެވެ. ޑޮކްޓަރު އިނީ ކަނުލާ އަޑުއަހާށެވެ. ޚާއްޞަކޮށް އަހަރެންނަށް ފެންނަ ހުވަފެނުގެ ވާހަކަ ކިޔައިދިނީމެވެ. އެހިސާބުން ޑޮކްޓަރު އެދުނީ، ކޮޓަރީގެ އެއް ފަރާތެއްގައި ހުރި ސޯފާ އެނދެއްގައި އޮށޯތުމަށެވެ. އަދި ނީލަމް ގާތު ބޭރުގައި މަޑުކޮށްލުމަށް އެދުނެވެ. "ފުންނޭވާއެއްލާ ބޭރުކޮށްލާފަ، ދެލޯ މަރާލާ އިނގޭ. މުޅި ހަށިގަނޑުން ވާގިދޫކޮށްލާ." ޑޮކްޓަރު ދެމުން ގެންދިޔަ އިރުޝާދަށް އަހަރެން ކިޔަމަންވީމެވެ.
"އޯކޭ. މިހާރު އިއުފާއަށް ކޯންޗެއް ފެންނަނީ؟." ޑޮކްޓަރު ސުވާލުކުރިއެވެ. "އެއްވެސް އެއްޗެއް ނުފެނޭ." އަހަރެން ބުނީމެވެ. "އޯކޭ. މިހާރު އިއުފާ ޚިޔާލަށް ގެންނަންވީ ތި ކިޔައިދިން ހުވަފެން. މިހާރު އިއުފާ ތި އޮތީ މޫދުގައި. އޮއްވާ ކުއްލިއަކަށް ގެނބެނީ. އިއުފާ ސަލާމަތްވާން އެބަ ވަރަށް މަސައްކަތްކުރޭ. އެކަމަކު ކޮންމެވެސް މީހަކު އެބަ ހިފަހައްޓާ." ޑޮކްޓަރު ކިޔާދެމުން ދިޔަ ހުރިހާ އެއްޗެއް އަހަރެންގެ ސިކުނޑީގައި ދިޔައީ ކުރެހެމުންނެވެ. އަހަރެން ހާސްވާން ފެށިއެވެ. އަހަރެން ކުއްލިއަކަށް ތެދުވީމެވެ. ތެދުވިއިރު މާނޭވާ ލެވެއެވެ. ޑޮކްޓަރު އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ހަމަޖެހިލައިގެން އެނދުން ތެދުވެގެން އައުމަށް އެދުނެވެ.
"އިއުފާ، ކިޔައިދިން ކަންކަމަށް ބަލާފަ އަދި އިއުފާގެ ބިހޭވިއާއަށް ބަލާފަ އަޅުގަނޑު މި ބުނަނީ. އިޓްސް މޮޑެރޭޓް ޑިޕްރެޝަން. ތިއީ އަދި އެންމެ ބޮޑުވަރެއް ނޫން. މޮޑެރޭޓް އެއީ މެދުމިނެއް. އުފާކުރަން އަމިއްލައަށް މަރުވާން ހިތަށް އެރި އެންމެ ފަހަރަކުވެސް މަރުނުވީތީ. ޑިޕްރެޝަނާއި ދެކޮޅަށް ހަނގުރާމަކުރަން ބޭނުންނަމަ ފުރަތަމަ ޤަބޫލުކުރަންވާނެ އެއީ ބައްޔެއްކަން. އޭރުން ވަރަށް ފަސޭހަވާނެ. އަސްލު ތި ފެންނަނީ ހުވަފެނެއް ނޫން. އިންޓްލް އޯލް ވަޓް ޔޫއާ އިމޭޖިނިންގް. ކުޑައިރުގަ މަންމަ ދޫކޮށްލާފަ ދިއުމާ، ޑިވޯސްވުމާ މިހުރިހާ ކަމެއްގެ ސަބަބުން އަސްލު ތި އިހުސާސްވަނީ ދިރިއުޅުން ވަރަށް ބޮޑަށް ހުއްޓިއްޖެކަން. ޔޫ ފީލް ލައިކް ޔޫ އާ ޑްރޯނިން. އަންކޮންޝަސް މައިންޑަކީ މިބުނި އިހުސާސްތައް، ހިތްދަތި، ހަނދާނުން ފިލުވާލަން އުނދަގޫ ހަނދާންތައް ރައްކާކުރެވިފަ ހުންނަ ތަނެއް. އިޓްސް އޯލް އިން ޔުއަ އަންކޮންޝަސް މައިންޑް. މޫވް އައުޓް. އެއީ ހުވަފެނެއް ނޫން." ޑޮކްޓަރުގެ ވާހަކަ މިހާ ހިސާބަށް ދިއުމާއެކު އަހަރެންނަށް ރޮވޭ ގޮތްވިއެވެ. ހީވީ އެތައް ދުވަހެއް ވަންދެން ނުރޮއެ ހުރެފައި ރޯލެވުނު ހެންނެވެ. ޑޮކްޓަރު އަހަރެންނާއި އެތައް ވާހަކަ އެއް ދައްކާ ހިތްވަރު ދިނެވެ.
އެކަމުން ސަލާމަތްވުމަށް ޑޮކްޓަރު އަހަރެންނަށް ހުށައެޅީ ދެ ގޮތެކެވެ. އެއް ގޮތަކީ ވަކި މުއްދަތަކަށް ހަމައެކަނި ބޭސް ބޭނުން ކުރުމެވެ. އަނެއް ގޮތަކީ ތެރަޕީއާއެކު ބޭސް ބޭނުން ކުރުމެވެ. އަހަރެން ބޭހާއި ތެރަޕީއާއެކު ކުރިއަށްދާން ނިންމީމެވެ. ޑިޕްރެޝަނަކީ ބައްޔެއް ކަމަށް ގަބޫލުކުރި ހިސާބުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި މާމައާއި ހުރިހާ ވާހަކައެއް ހިއްސާކޮށް، މާމަގެ އުނގުމަތީގައި އޮވެ ހިތްފުރެންދެން ރޯލީމެވެ. އަހަރެން މިއޮއްހާ ދުވަހު ހިތު ތެރޭގައި ފޮރުވައިގެން އުޅުނު ހުރިހާ އިހުސާސްތަކެއް ބޭރުކޮށްލީމެވެ.
ތެރަޕީ ނަގަން ފެށިތާ މަހެއްވީއިރު އަހަރެންނަށް ރަނގަޅު ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ހާސްވުމާއި، ހިތްބިރުގަތުމާއި، ކަމެއް ނުވެ ހުރެ ރުއިމާއި، އަމިއްލަ ނަފްސު ދެކެ ފޫހިވުމާއި، މާގިނައިން ކެއުމާއި، އަބަދު ނިދަން ބޭނުންވުން ފަދަ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވުނެވެ. އަހަރެން އަމިއްލަ ނަފުސަށް ކުރާ އިތުބާރު އަލުން އިޔާދަވިއެވެ. އަދި އަމިއްލަ ނަފުސުދެކެ ލޯބިވާން ފެށިއެވެ. ދީނީ ކަންކަމާއި ކުރިއަށްވުރެ ބޮޑަށް ގާތްވީމެވެ. ދަމު ނަމާދު ކުރުން ކުރިއަށްވުރެ ގިނަ ކުރީމެވެ. އޭގެ ދެ މަސް ފަހުން އޮފީހުގައި އޮތް، މައިންޑް ޓޯކް ޕްރޮގްރާމެއްގައި ފުރަތަމަ ފަހަރަށް އެންމެނަށް އަޑުއިވޭނެހާ ބާރަށް ޑިޕްރެޝަންގެ ވާހަކަ ދެއްކީމެވެ. އެންމެންވެސް ތިބީ ހައިރާންވެފައެވެ. މަލާމާތުގެ، ބަދަލުގައި އެންމެންވެސް ކުރީ ތަޢުރީފެވެ. "ހުރިހާ ބައްޔަކީ ބޭރުފުށުން ފެންނަ ބައްޔެއް ނޫން. އަސްލު ގިނަ ފަހަރު މެންޓަލް ހެލްތާއި މެދު އަހަރެމެން ވަރަށް ފަރުވާކުޑަ ކުރޭ. ގިނަ މީހުން ގަބޫލެއްވެސް ނުކުރާނެ. ކުރާނީ މަލާމާތް. ބުނާނެ ކަންނެތް ކަމުންނޭ. ހެއްދެވި ފަރާތް ހަދުމަ ނުކުރާތީއޭ. ނޯ. ޑިޕްރެޝަން އިޒް ރިއަލް. ގިނަގިނައިން މި ވާހަކަ ދައްކަންވީ. އަހަރެން ކަހަލަ ކިތަންމެ މީހެއް އުޅޭނެ، މީހުން އެއްޗެހި ކިޔާފާނެތީ ޑޮކްޓަރަށް ދައްކަން ބޭނުންނުވާ. އެފަދަ ކޮންމެ މީހަކަށް އެހީވާންޖެހޭ. ހިތްވަރުދޭންޖެހޭ." އެދުވަހުގެ މައިންޑް ޓޯކް ޕްރޮގްރާމް ނިމިގެން ޓްރެއިނިން ރޫމުން ބޭރަށް ނިކުތީ ހެވި ދިލިފައެވެ. ހުވަފެނެއްގެ ތެރެއިން ފެށުނު ޑިޕްރެޝަންގެ ދަތުރު ނިމުނު އިރު، އަހަރެންނަށް ހުރީ ލޯބިވެވިފައެވެ. މީހަކު ދެކެއެއް ނޫނެވެ. އަމިއްލަ ނަފުސުދެކެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists