ޕިއްޒާކިޗަން ކުރު ވާހަކަ: މަންމަ

24 Oct 2022 | 05:28
ކުރު ވާހަކަ: މަންމަ

މަންމައެއްގެ ދަރަޖައަކީ ކިހާ މަތިވެރި ދަރަޖައެއްކަން އިހުސާސްކުރެވެނީ ކިތަން މީހުންނަށް ބާއެެވެ. އެއީ ހަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި ތިމާއާއި އެކު ބައިވެރިވާ މަދަދުދާރެކެވެ. ދުނިޔެއަށް އުފަންވުމާއެކު ތިމާއަށްޓަކައި ހަޔާތުގެ ހުރިހާ އުފާތަކެއް ގުރުބާން ކުރާ މީހަކީ މައިމީހާއެވެ. މަންމަ ހައިހޫނުކަން މަތީގައި ހުރެފައިވެސް ދަރިއަށް ކާންދޭނެއެވެ. ސްކޫލަށް ދާ އުމުރާއި ކުއްޖާ ބައްދަލުވުމާއެކު، ކުއްޖާގެ ބޮލުގައި ފުނާ އަޅުވައިދީ، ގައިގައި ހުވަނދުލާދޭނެއެވެ. ދަރީންނަށް ކިޔަވައިދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެ ދަރީންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމުގެ ނިޔަތުގައެވެ. މައިންބަފައިން ދަރިން ބަލާބޮޑުކުރަނީ ނުހަނު ލޯތްބާއެކުގައެވެ. މަަޔަކު ދަރިއަކު ބަލާބޮޑުކުރަނީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. ނަމަވެސް ގިނަ ފަހަރު ހެދޭ ކުޑަކުޑަ ގޯހަކުން އެ މައިމީހާއާއި ދަރިފުޅާއި މެދު ލެވެނީ ހީވެސް ނުކުރާފަދަ ވަރުގަދަ ފާރެކެވެ.

ބޯކޮށް ވާރޭވެހި ވިއްސާރަވާ ރޭތަކުގައި ގޭގެ ފުރާޅުމަތީގައި ޖަހާފައި ހުންނަ ޓިނުތައް ހީވާނީ އެއް ރާގަކަށް ނަށާހެންނެވެ. ފުރާޅުގެ ޓިނުތައް ބާވެފައި ހުރުމާއެކު އެކި ދިމަދިމާލުން ހެދިފައި ހުރި ލޯވަޅުތަކުން ގޭތެރެއަށް ފެންތިކި ތަޅާނެއެވެ. ތެޅިގަލުން ރާނާފާއިވާ އެ ކުޑަކުޑަ ގޭގައި ހުންނަނީ އެންމެ ކޮޓަރިއެކެވެ. ފާޚާނާއަށް ދާންވެއްޖެނަމަ، ދުވެފައި ނިކުންނަންޖެހެނީ ގެއިން ބޭރުގައި ހުރި ގިފިއްޔާއި ދިމާލަށެވެ. ވިއްސާރާއިގެ ރޭތަކުގައި ދުނިޔެމައްޗަށް އަދިރިވާހިނދު ގޭތެރޭގައި ދިއްލާލާ ކުޑަ ފާނޫޒު ބައްތިން ގޭތެރެއަށް އަލިކަމެއް ގެނެސްދެއެވެ. މިފަދަ ރޭތަކުގަައި ގޭގައި ހުންނަ ކުޑަ ހޮޅިގަނޑުން ހުޅުކޮޅެއްގެ އުއްމީދުކުރުމަކީ ބޭކާރު ކަމެކެވެ. އެއީ ވިއްސާރަ ނުވިއަސް ގިނަ ފަހަރު ކަރަންޓު ލިބޭ ހޮޅިގަނޑެއް ނޫނެވެ.

އެރެއަކީވެސް ހަސަނު މަހަށް ފުރާފައިވާ ރެއެކެވެ. ގޭގައި ތިބީ އަހަރެންނާއި، އަހަރެންގެ ލޮލުގެކޮއި ފަދައިގެން ބަލަމުން އަންނަ އަހަރެންގެ ލޯބިވާ ދަރިފުޅު ލުޔޫނެވެ. އަހަރެމެން އެ ނިކަމެތި ހާލުގައިވެސް، އެންމެ އިސްކަމެއް ދިނީ ލިބިފައިވާ ހަމައެކަނި ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ހަސަނުގެ ވެސް ހަމައެކަނި އެދުމަކީ އެއީއެވެ. ހަސަނު މަހަށް ގޮސްގެން ލިބޭ އެއްޗަކުން ގޭގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްފަހުގައި ދެކޮޅު ޖެހެނީ ކިރިޔާއެވެ. މި ހާލުގައިވެސް ޚަރަދުކޮށްފައި އެންމެ ރުފިޔާ ފޮއްޗެއް ނަމަވެސް ފަހަށް ރައްކާ ކުރެވޭތޯ އަަހަރެން އަބަދުވެސް ބަލަމެވެ. ލުޔޫންގެ މުސްތަޤު ބަލަށްޓަކައެވެ. ލުޔޫން ބޮޑުވަމުން އައީ މަންމައާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބެމުންނެވެ. ފިރުކެމުން، ހިނގަމުން، ލުޔޫން ދިޔައީ ވަރަށް ވެސް އުފާވެރި މާހައުލެއްގައި ބޮޑުވަމުންނެވެ.

Advertisement

ސްކޫލަށްދާ އުމުރަށް އެޅުމާއެކު، ލުޔޫން ސްކޫލަށް ފޮނުވަން ފެށިީމެވެ. ނާސަރީއަށް ދިޔައިރު، އަލިފްބާ ކިޔާލެއް ނިކަން ފަރިތައެވެ. ލުޔޫން ބޮޑުވަމުން އައީ އިސްލާމްދީނުގެ ފުރިހަމަ ހިދާޔަތް ލިބިގަންނަމުންނެވެ. އަހަރެންގެ ދަރިއަށް ނަމާދުކޮށް ޤުރްއާން ކިޔަވަން ވަރަށް ޅަ އުމުރުގައި ދަސްކޮށްދޭން ފެށީމެވެ. ލުޔޫންގެ ތޫނުފިލިކަމާއި، ކިޔެވުމަށް ހުންނަ ފޯރި ފެނިފައި ގިނަ ޓީޗަރުންވެސް ތިބެނީ އާޝޯޚުވެފައެވެ. އަހަރުތަކެއް ފާއިތުވަމުން ގޮސް ޕްރައިމަރީ ގްރޭޑް ނިމި، ސެކަންޑްރީ ގްރޭޑުގައި ލުޔޫން ކިޔަވަން ފެށިއެވެ. އޭރު ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ލުޔޫން އައީ އެހެން ކުދިންނަށް މިސާލު ދައްކަމުންނެވެ. އަހަރެމެންފަދަ ފޯރާ ފޮތިން ކިރިޔާ ފޫގަޅާލައިގެން އުޅޭ ބަޔެއްގެ ދަރިއަކު އެހާ މޮޅަށް ކިޔަވާތީ ހަސަދަވެރިވާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެފަދަ ހަސަދަވެރިންގެ ހިތްތައް މިލާމޯޅިވެގެންދަނީ ލުޔޫން ފުލުފުލުގައި ހޯދާ ކާމިޔާބީ ތަކުންނެވެ.

ސާނަވީ ތަޢުލީމުގެ އެންމެ ފަހު މަރުހަލާއަށް އައިއިރު، ލުޔޫން އިތުރު ހަރަކާތްތަކަށްވުރެ ބޮޑަށް އިސްކަން ދިނީ އޭނާގެ ކިޔެވުމަށެވެ. އޯލެވެލްގެ ނަތީޖާ ރީތިކުރުމަށެވެ. އަހަރެން އެކަނލާގެ ހަޒުރަތުގައި ކެނޑިނޭޅި ލޯބިވާ ދަރިފުޅުގެ ކާމިޔާބަށް އެދި އަބަދުވެސް ދިޔައީ ދުޢާކުރަމުންނެވެ. އެކަނލާންގެ އަހަރެންގެ ދުޢާ އިޖާބަ ކުރެއްވި ކަމުގެ ހެއްކަކީ، އޯލެވެލްގެ ގަދަ ތިނެއްގައި ލުޔޫންގެ ނަން ރަން އަކުރުން ފެވިގެން ދިއުމެވެ. އަހަރެންގެ ދަރިފުޅާއި މެދު އެދުވަހު ވަރަށް ބޮޑަށް ފަޚުރުވެރިވިއެވެ. ގަދަ ތިނެއްގައި ލުޔޫން ހިމެނިގެން ދިއުމުގެ ނަތީޖާ އަކަށްވީ ސަރުކާރުން ދޭ ސްކޮލާޝިޕްގެ ފުރުޞަތު ލުޔޫނަށްވެސް ލިބުމެވެ. ލުޔޫން އަބަދުވެސް ބޭނުންވީ ޑޮކްޓަރަށް ވާށެވެ. އަހަރެން ހުރީ އެ ހުވަފެންތަކުގައި ކުލަ ޖައްސައިދިނުމަށް ކެތްމަދުވެފައެވެ. ލިބުނު ސްކޮލަޝިޕާއެކު، ލުޔޫން ޑޮކްޓަރުކަން ކިޔެވުމަށް ދާން ޚިޔާރުކުރީ ނޭޕާލެވެ. ދަރިފުޅު ފުރާ ވާހަކަ ދެއްކީއްސުރެން އަހަރެން ހިތް ދިޔައީ ރޮމުންނެވެ. ހިތާމަކުރީ ދަރިފުޅު ދެން އެހާ އަވަހަށް ލޮލަށް ނުފެންނާނެތީއެވެ. ހަމަ އެ ނޭވާގައި އުފާވެސް ކުރީމެވެ.

ސްކޮލަޝިޕްގައި ލުޔޫން ފުރައިގެން ދިޔަ ނަމަވެސް، ބައެއް ޚަރަދުތައް ކުރުމަށްޓަކައި ފައިސާ ހޭދަކުރަންޖެހުނެވެ. އެދުވަހު އަހަރެން ލުޔޫންގެ މުސްތަޤުބަލަށްޓަކައި ރައްކާކުރި ފައިިސާގެ ބޭނުން ކުރީމެވެ. ދަރިފުޅު ފަސް އަހަރު ދުވަހަށް ލޯމަތިން ގެއްލުނު ނަމަވެސް، ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނަކަށްވުމާއެކު، ވީޑިއޯ ކޯލު މެދުވެރިކޮށް ދަރިފުޅު އަބަދުވެސް ފެނެއެވެ. "މަންމާ. ބައްޕައާއެކު ދެން މާލެ ބަދަލުވާންވީނު. އަހަރެންވެސް މި އަހަރު ދެން މި ނިމުނީ. މިހާރު ވަޒީފާވެސް މިއޮތީ ހަމަޖެހިފަ." ވީޑިއޯ ކޯލު ކުރާ ކޮންމެ ފަހަރަކު ލުޔޫން އެދެމުން ދިޔައީ އަހަރެންނާއި ހަސަނު މާލެ ބަދަލުވާށެވެ. އޭރު ލުޔޫންގެ ކިޔެވުން ނިމެން އޮތީ މަދު ދުވަސްކޮޅެކެވެ. މުޅި އުމުރު ރަށްފުށުގައި ދިރިއުޅުން ހޭދަކޮށްފައިވާ އަހަރެން ކަހަލަ މީހަކު މާލޭ ފެނަށް ދިރޭނެތޯ ހިތާހިތުން ދިޔައީ ސުވާލުކުރަމުންނެވެ. އެހެން ނަމަވެސް އެ ސުވާލުތަށް ހިތުތެރޭގައި ކަފުންކޮށް ލުޔޫނަށްޓަކައި މާލެ ބަދަލުވާން ނިންމީމެވެ.

ރަށުން އެންމެ އަވަހަށް މާލެއަށް ފުރަން އޮތް އޮޑިދޯނީގައި ހަސަނާއެކު މާލެ ދިއުމަށް ދަތުރު ހެދީމެވެ. ލުޔޫން އަންނަންދެން އަހަރެން ގާތު މާލޭގައި މަޑުކުރުމަށްޓަކައި، ހަސަނު މަހަށްދާ އޮޑިން ދުވަސްކޮޅަކަށް ފޭބިއެވެ. އަހަރެން މާލެ ބަދަލުވީ، ލުޔޫނަށް ވަޒީފާ ހަމަޖެހިފައިވާ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ދޭ، ދެ ކޮޓަރީގެ އެޕާޓްމަންޓަކަށެވެ. އެއީ ތަނަވަސް ރީތި އެޕާޓްމަންޓެކެވެ. ޒަމާނީ ކުލަޔާއި ރަހައަށް ހެޔޮވަރަށް ހަދާފައިވާ ހިތްގައިމު ގެއެެކެވެ. އަހަރެން މާލެއަށް ބަދަލުވިތާ ދެ ހަފްތާ ފަހުން ލުޔޫނު މާލެއަށް އަންނަ ޚަބަރު އޭނާ ދިނެވެ. އެދުވަހު އަހަރެންގެ ހިތް އުފަލުން ނަށަން ފެށިއެވެ. އަހަރެންގެ ދަރިފުޅު ހަމަލޮލަށް ނުފެންނަތާ ފަސް އަހަރު ވެފައިވާއިރު، ދަރިފުޅު ހަމަ ލޮލަށް ފެންނާނެތީއެވެ. އަހަރެންގެ ފުރާނައިން ގުރުބާންވެގެން ބަލާބޮޑުކުރި ދަރިފުޅު ހަމަލޮލުން ދެކިލުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ.

އެއާޕޯޓުގައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނިކުތުމަށް ޚާއްސަކޮށްފައިވާ ޓާމިނަލް ކައިރީގައި ހަސަނާއި ދެމީހުން މަޑުކޮށްލައިގެން ތިބިއިރު އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ޓާމިނަލުން ނިކުންނަ މީހުނަށް ޚާއްސަކޮށްފައިވާ ދޮރު ދެފަރާތަށް ފޭވާ ކޮންމެ ފަހަރަކު ތެޅިތެޅި އޮތް ހިތަކާއެކު އެ ދިމާލަށް ބަލާލެވެއެވެ. މި އިންތިޒާރެއްގައި ހުއްޓާ އަހަރެންގެ ލުޔޫން ނިކުންނަތަން ފެނުނެވެ. ލުޔޫން ފެނުމާއެކު ދުވެފައި ގޮސް އަހަރެން އޭނާ ގައިގައި ބައްދައިލީމެވެ. ފަހަތުން ހަސަނުވެސް ދުވެފައި އައިސް ބައްދާލިއެވެ. އެއީ ދުލާއި ގަލަމަކުންވެސް ބަޔާން ނުކުރެވޭނެފަދަ އުފާވެރި އިހުސާސްތަކެއް ކުރުވި ވަގުތުކޮޅެކެވެ. އެ ދަޑިވަޅުގައި އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެމެންނާއި ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި ޒުވާން ފުރާގެ ކުލަފަތި އަންހެން ކުއްޖެކެވެ. ރީތި އިސްކޮޅެއްގެ ވެރި އެ އަންހެން ކުއްޖާ ލާފައި ހުރި ޕާކިސްތާނު ހެދުމާއި، އަޅާފައި ހުރި ބުރުގަލުން އެ ކުއްޖާއަށް އިތުރު ފުރިހަމަ ކަމެއް ގެނަސްދިނެވެ. "ނީޝިޔާ." ހަމަ އެވަގުތު ލުޔޫން އެ ކުއްޖާ އޭނާއާއި ކައިރިކޮށްލިއެވެ. "މަންމާ. ބައްޕާ. މިއީ އަހަރެން އިންނަން އުޅޭ ކުއްޖާ، ނީޝިޔާ. ނީޝް، މިއީ ފެންނަން ތިތިބީ އަހަރެންގެ މުޅި ދުނިޔެ." ލުޔޫންގެ އެ ޖުމްލައިން އަހަރެންނަށް އިތުރު އުފާވެރިކަމެއް ލިބުނެވެ. މަޔަކަށް ދަރިއެއްގެ ފަރާތުން އުފާލިބޭނީ މި ވަރަކަށެވެ.

އަހަރެން ނީޝިޔާ ބަލައިގަތީ، ނުހަނު ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. ދެކުދިންވެސް ބޭނުންވީ ލަސްނުކޮށް އަވަހަށް ކައިވެނީގެ ކަންކަން ނިންމުމަށެވެ. ކައިވެނީގައި ނީޝީޔާގެ ޢާއިލާގެ ހުރިހާ އެންމެންވެސް ބައިވެރިވިއެެވެ. ނީޝިޔާގެ ޢާއިލާ ހުރިހާ މެންބަރުންވެސް ދިރިއުޅެމުން އައީ މާލޭގައެވެ. އެއީ އައްޑޫ އަށް ނިސްބަތްވާ ބައެކެވެ. ދެމީހުންގެ ކައިވެނި ވެވުމާއެކު، ނީޝިޔާ ބަދަލުވީ އަހަރެމެން ދިރިއުޅެމުން އައި އެޕާޓްމަންޓަށެވެ. ކައިވެނި ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ހަސަނު މަހަށް ދިއުމަށްޓަކައި އެނބުރި ރަށަށް ދިޔައެވެ. ކައިވެނިކޮށްގެން އެއްވެސް ޗުއްޓީއެއް ނުނަގައި ދެމީހުންވެސް ވަޒީފާއަށް ނިކުންނަން ފެށިއެވެ. ވުމާއެކު، ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން، ދެމީހުންގެ ހުރިހާ ކަމެއް ބެލުމުގެ ޒިންމާ އުފުލީ އަހަރެންނެވެ.

ނަމަވެސް ކައިވެންޏަށް ގާތްގަނޑަކަށް ހަ މަސް ފާއިތުވެދިޔަ ތަނާ، ލުޔޫން ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ. ނީޝިޔާގެ މޫނުމަތީގެ ކުލަވަރުވެސް ދިޔައީ ދުވަހެއް ދުވަހަަކަށްފަހު ބަދަލުވަމުންނެވެ. އަހަރެން ލުޔޫންގެ އަންނައުނުތައް އިސްތިރިކުރާ ގޮތާއިމެދު އޭނާ ކޮންމެ ދުވަހަކު ނުރުހުން ފާޅުކުރެއެވެ. ގޭތެރޭގައި ކުނިފުކެއް ފެންނަން އޮތަސް ހިތް ފަޅައިގެންދާ ވަރަށް ދެމީހުންވެސް އެއްޗެހި ގޮވަން ފެށިއެވެ. އަހަރެންނާއެކު އެއް ސުފުރާ މަތީގައި ކާއެތިކޮޅެއް ކާލަން އެއިން މީހަކަށް ދުވަހަކު ވަގުތެއް ނުވެއެވެ. އަހަރެންނެކޭ ގޭގައި ގެންގުޅޭ ނޯކަރަކާއި އެއްފަދަ ވިއެެވެ. ގިނަ ފަހަރު ދެމީހުންކުރެ އެކަކުވެސް އަހަރެންނާއި އަނގައަކުން ނުބުނެއެވެ. މައެއްގެ ހިތަށް އަސަރުކުރާނެ އެންމެ ފުން ދަރަޖައަށް އަަހަރެންގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އަހަރެން ކެތްތެރިކަމާއެކު، ދުޢާކުރަމުން ދިއައީ އަހަރެން ލޮލުގެކޮއި ފަދައިން ބަލާބޮޑުކުރި ދަރިފުޅާއި، އޭނާ އެންމެ ލޯބިވާ އަނބިމީހާއަށް ހެޔޮ ވިސްނުން ދެއްވާ އުފާވެރި ދިރިއުޅުމެއް ދެއްވާތޯއެވެ.

މި ހާލުގައި އުޅެމުން އަަހަރެން ވަރަށް ބޮޑަށް ބަލިވާންފެށިއެވެ. ނުފިލާ ކެއްސުމަކާއެކު، ބަނޑުގައި އަޅާ ވޭނުން ކެތްނުކުރެވެެއެވެ. ހަމަ އެ ދަނޑިވަޅުގައި ނީޝިޔާ މި ދުނިޔެއަށް ލޯބިލޯބި ތުއްތު ކުއްޖަކު އުފަން ކުރިއެވެ. އާރާ އަކީ އަހަރެންނަށް މާމަ ކިޔާ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް އާރާއާއި ގާތްވެލަން ލިބެނީ މަދު ފުރުޞަތެކެވެ. އަހަރެން އަބަދު ކެއްސާތީ، އެމީހުން އަހަރެން އާރާއާއި ކައިރިވިޔަ ނުދީ ފޮރުވައިގެން ގެންގުޅެން ފެށިއެވެ. ދެމީހުން ޑިއުޓީއަށް ދާއިރު އާރާ، ނީޝިޔާގެ މަންމަ ގާތަށް ގެންދަންފެށިއެވެ. ގޭތެރޭގައި އަހަރެން މުޅިން ބާކީވެ އެކަނިވެރިވިއެވެ. ލުޔޫނަށް އަހަރެންގެ ހާލު ފެނުނަސް ފެންނަ ކަމަކަށް ނުހަދައެވެ. ދެމީހުން ގޭގައި އުޅޭނަމަ ތިބެނީ ކޮޓަރިއަށްވަދެ ތަޅުލައިގެންނެވެ. އަހަރެންގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ޑޮކްޓަރަށް ދައްކާ ވަރުބަލިވިއިރުވެސް ވާގޮތެއް ކިޔައިދޭން އެނގުނު މީހެއް ނެތެވެ. އަަހަރެން ޑޮކްޓަރަށް ދައްކަން ދަނީ ލުޔޫން މަސައްކަތްކުރާ ހޮސްޕިޓަލަކަށް ނޫނެވެ. ދިޔަސްވެސް ވާނެ ފައިދާއެއް ނޯންނާނެތީއެވެ. އޭނާއަށް މިއަދު އަހަރެން މިއީ އެއްވެސް މީހެއް ނޫނެވެ.

އަހަރެންގެ ހާލު ކިރިޔާވެސް ބަލާލާ މީހަކީ އަހަރެންގެ އަވަށްޓެރި ފާތުމާ މަނިކެއެވެ. ހަސަނަށް ވެސް މިއިން ކަމެއްގެ ހިލަމެއްވެސް ނުވާނެއެވެ. އަހަރެންގެ ދަރިފުޅާއިމެދު ހަސަނުގެ ހިތުގައި އޮތް ލޯބި ގެއްލިދާނެތީއެވެ. އެއްއިރު ކައިފިއްޔާ އަނެއްއިރު ހުންނަނީ ބަނޑަށެވެ. ތަންއެޅި ކުނަލުގައި މަރު ތުންފަން މަތީގައި އޮވެވޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އެ ހާލުގައިވެސް އެންމެ ހަނދާންވަނީ ލުޔޫން މަތިންނެވެ. މައިމީހާގެ ހިތުން ދަރިފުޅަށް ދީފައި އޮންނަ ޖާގައަކީ އިތުރު އެހެން މީހަކަށް ދެވޭނެ ޖާގައެއް ނޫނެވެ. އެއީ އެއްރެއެއްގެ ފަތިސްދަންމައްޗެވެ. އަަހަރެންނަށް ހޭލެވުނީ ކެއްސުން އަރައިގަނެގެންނެވެ. އެ ކެއްސަން ފެށިގޮތަށް ކަރުބުޑުގައި ހިތި ރަހަ ލާންފެށިއެވެ. އެހިނދު ހޯސްލާފައި އަނގައިން ލޭފައިބަން ފެށިއެވެ. އަހަރެން ފިރުކެމުން އެހީއަށް އެދި ކޮޓަރިން ބޭރަށް ނިކުތީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. "ދަރިފުޅާ. މަންމަ މިއޮތް މަރުވަނީ." އަަހަރެންނަށް ވައި އަޑުން މިހެން ބުނެލެވުނެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

ހޭވެރިކަންވީއިރު އަހަރެން ކައިރީގައި ލުޔޫން އިނީ އިށީންދެގެންނެވެ. އަަހަރެން އޮތީ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. އޭރު އޭނާގެ ދެ ކޯތާފަތްވަނީ ކަރުނައިން ފުރިފައެވެ. "މަންމާ." ލުޔޫން އަޑުން އަޑުނަގައި ރޯންފެށިއެވެ. ހަމަ އެވަގުތު ނީޝިޔާ އެތަނަށް ވަނެވެ. އަދި ދެކަކޫ މައްޗަށް ތިރިވިއެވެ. "މަންމާ. އަހަރެންނަށް މަޢާފްކުރޭ. އަހަރެންނަށް މަންމައާއި މެދު ދެކެވުނީ ވަރަށް ގޯސްކޮށް. މަންމައާއި ލުޔޫން ވެސް ދުރުވީ ހަމަ އަހަރެންގެ ސަބަބުން." ނީޝީޔާ ވެސް ރޯންފެށިއެވެ. "ނީޝް ރޯނެ ކަމެއް ނެތް. މި ހުރިހާ ކަމެއް މިވީ ހަމަ ނީޝްގެ ސަބަބުން. އަހަރެން ބަނޑު އަޅާ ވިހޭ މައިމީހާ މިއަދު ކެންސަރުގެ އެންމެ ފަހު މަރުހަލާގައި މަރާ ހަނގުރާމަ ކުރަމުން ދާއިރު، އަހަރެންނަށް މިއިން ކަމެއް ރެއަކާ ނުލި. އަހަރެން އުޅުނީ އަހަރެންގެ ދިރިއުޅުމައިގެން. ބަނޑުއަޅާ ވިހޭ މައިމީހާ ދުނިޔޭގަ ހުރިތޯވެސް ބަލާނުލާ. އަހަރެން މިއީ ކޮންފަދަ ނުބައި ނުލަފާ ދަރިއެއް؟." ލުޔޫނުގެ ރުއިމުގެ އަޑު ދިޔައީ އިތުރަށް ގަދަވެގެންނެވެ. "ދަރިފުޅާ. ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟. މަންމައަށް ވަމުން އައި ގޮތްތަކުން އިހުސާސްކުރެވުނު މި އުޅެނީ ދެން މަރުވާންކަން. މަންމަގެ ހިތުގައި ތި ދެކުދިންނާއި މެދު އެއްވެސް ހިތްބުރަ ކަމެއް ނެތް. މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަރުގެ ތުންފަތްމަތީގައި ދަރިފުޅުމެން އަންނާނެތޯ ނޫނީ ނާންނާނެތޯ ބަލަން އިންތިޒާރުކުރަން ނުޖެހުނީތީ. ކުށްކުރެވޭނީ އިންސާނުންނަށް. ދުވަހަކުވެސް ނީޝީޔާ ވަރިނުކުރައްޗޭ. ލުޔޫން!. މަންމަ ކިހިނެއް ލުޔޫނާއި މެދު ހިތްބުރަކުރާނީ؟. ތިއީ އަދިވެސް މަންމަގެ ލޯބިލޯބި ލުޔޫން." އަހަރެންގެ އެ ބަސްތައް އަޑުއިވިފައި ނީޝިޔާއާއި، ލުޔޫން އަހަރެން ގައިގައި އޮޅުލައިގަތެވެ. އެވަގުތު ހަސަނު ވެސް އާރާ ގޮވައިގެން، ޑޮކްޓަރަކާއެކު އެތަނަށް ވަނެވެ.

އެއީ އަހަރެން މަރުވުމުގެ ކުރިން އެންމެ އިންތިޒާރުކުރި އެއް ވަގުތުކޮޅެވެ. އަހަރެންގެ ލޯބިވާ ދަރިފުޅު އަހަރެންނަށް އަނބުރާ ލިބުނީއެވެ. ނީޝީޔާއަށް ހެޔޮ ވިސްނުން ލިބުނީތީ އިންތިހާއަށް އުފާކުރީމެވެ. މައިމީހާ އަކީ ދުވަހަކުވެސް ނަގައި އެއްލާލެވޭނެ މީހެއް ނޫނެވެ. އިނދެގެން ގެއަށް ގެންނަ އަނބިމީހާ އަށް ލޯތްބާއި އަޅާލުން ދޭފަދައިން، ތިމާގެ މައިމީހާއަށް ވެސް އަޅާލުމާއި ލޯބިދޭށެވެ. އަނބިމީހާ އާއެކު ވަގުތު ހޭދަކުރާ ފަދައިން މައިމީހާއާއެކު ވެސް ވަގުތު ހޭދަކުރާށެވެ. ތިމާގެ މައިމީހާއާއި، އަނބިމީހާގެ ގުޅުން ވަރުގަދަކޮށްދޭ ތަބަކަށް ތިމާވާށެވެ. އަނބިމީހާ ކުރިމަތީ މައިމީހާއަށް އިހްތިރާމް ކުރާށެވެ. އަނބިމީހާއަށް، މައިމީހާގެ މުހިއްމުކަން އިހުސާސްކޮށްދޭށެވެ. މައެއްގެ މަޤާމަށް އާދެވޭނެ އިތުރު އިންސާނަކު ނުވެއެވެ. މިއީ ފަހުނޭވާޔާއެކު، އަަހަރެންގެ ދަރިފުޅަށް ލޯތްބާއެކު ދިން އެންމެ ފަހުގެ ނަސޭހަތެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement