ޝިނާ
ވިޔަފާރި
16 Nov 2022 | 14:00
ޝިނާގެ ވާހަކަ: ކޭކު އެޅުމުގެ ހޮބީ ވިޔަފާރިއަށް، މަޔަކަށް ވުމަށްފަހުވެސް ކުރިއަށް!

ޕެޓިސަރީ ބައި ޝިނާ މިއީ މިއަދު އިންސްޓާ ގްރާމުގައި ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ ޕޭޖެކެވެ. މިއީ ތުއްތު ކުއްޖަކާއި އާއިލާއެއްގެ ޒިންމާ ކޮނޑުގައި އަޅައިގެން ބޭކިންގެ މަސައްކަތް ކުރަމުންދާ އުމުރުން އެންމެ 25 އަހަރުގެ ޝިނާގެ ކުޑަ ކުޑަ ވިޔަފާރިއެވެ. 

ޕޭޖަށް ޒިޔާރަތްކޮށްލާ ބަލާލުމުން ބޭކިންގެ ދާއިރާގެ ޝިނާގެ ހުނަރު ރަނގަޅަށްވެސް ފެނިގެންދެއެވެ. ޕޭޖުގައި ރީތި ފޮޓޯތަކުން އަތުރާލާގައިވާ ޕޭސްޓްރީގެ އެކި ބާވަތްތަކުގެ ރަހަތައް މީރުވެފައި ތަފާތުކަމަށް ޝިނާގެ ޕޭސްޓްރީ ގަންނަ ފަރާތްތައް އިއްތިފާގުވެއެވެ.

ޔަގީނުންވެސް ތުއްތު ކުއްޖަކު ބަލަހައްޓަމުން އާއިލާގެ ޒިންމާތައް ނަގަމުން، ޕޭސްޓްރީ އާއި ކޭކު އުޅުމުގެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަން ކުރުމަށް ޝައުގުވެރިކަމާއި، ހުނަރާއި އަދި ޓައިމް މެނޭޖުމަންޓު ސިކިލްތައްވެސް ހުންނަން ޖެހޭނެއެވެ. 

ކިހިނެއް ފެށުނު ކަމެއް؟ 

ޕެޓިސަރީ ބައި ޝިނާގެ ޕޭޖްގެ ވެރިފަރާތް އަދި މި މަސައްކަތް ކުރަމުންދާ ޝިނާ އާއި ބައްދަލުވެ ވާހަކަދައްކާލުމުގެ ފުރުސަތު ލިބުމުން އެންމެ ފުރަތަމަވެސް އަހާލުވުނީ މިއީ ކިހެނެއް ފެށުނު ކަމެއް ތޯއާއި މި މަސައްކަތުން އާންމަދީއެއް ހޯދުމަށް ވިސްނި ސަބަބަކީ ކޮބައިތޯ އޮތް ސުވާލެވެ. 

ޝިނާ ކިޔައިދިން ގޮތުގައި އެއީ ގޭތެރެއިން ފެށުނު މަސައްކަތެވެ. ޝިނާގެ މަންމައަކީވެސް ކޭކު އަޅާ މީހެކެވެ. ޝިނާ އެންމެ ކުޑައިރުވެސް މަންމަ އެކި ވައްތަރުގެ ކޭކު އަޅާތަން ފެންނަ ކަމަށާއި، ކުޑައިރުއްސުރެ މަންމަގެ އެ މަސައްކަތަށް ޝައުގުވެރިކަން ހުންނަކަމަށް ޝިނާ ކިޔައިދިނެވެ. އަދި ޝިނާގެ މަންމަ ކޭކު އުޅުމުގެ މަސައްކަތުގައި އެޅޭއިރު، މަންމައާއެކު ވަގުތު ހޭދަކުރާ ކަމަށާއި މަންމަގެ މަަސައްކަތް މަޑުމަޑުން ދަސްކުރަން ފެށީކަމަށް ޝިނާ ކިޔައިދިނެވެ. 

ޝިނާ ކިޔައިދިން ގޮތުގައި ރޯދަމަހާއި ޚާއްސަ މުނާސަބާތަކާއި ދިމާކޮށް ކޮންމެވެސް ވަރަކަށް ކޭކު އެޅުމުގެ މަސައްކަތް އޭރު ކުރެވިފައިވެއެވެ. އަދި އޭރު އެކަން ކުރަނީ ހޮބީ އެއްގެ ގޮތުގައިކަމަށާއި، އޭރުވެސް ޝިނާގެ ކޭކަށް އާއިލާ މީހުންނާއި ރައްޓެހިން ތައުރީފުކުރާ ކަމަށާއި މީރު ކޭކެއް އަޅާލެވޭ ދުވަހެއްގައި ނަމަ ވަރަށް ހިތްހަމަ ޖެހޭކަމަށް ޝިނާ ކިޔައިދިނެވެ. 

އެފަހުން ސުކޫލު ނިންމާ 2014 ވަނަ ޝިނާ ވަނީ ކޭކު އަޅަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވެފައެވެ. އެހެން ނަމަވެސް އެންމެ ހިތްހަމަ ޖެހޭގޮތަށް ކުރިއަށް ގެންދާ ކޯހަކަށް ނުވާތީ އެފަހުން ކޯހުން ވަކިވި ނަމަވެސް 2019 ވަނަ އަހަރު މެލޭޝިޔާއިން ފުލް ޕޭސްޓްރީ ކޯހެއް ޝިނާ ވަނީ ފުރިހަމަކޮށްފައެވެ. 

ރަސްމީކޮށް ޕޭސްޓްރީ ވިއްކާ ޕޭޖެއް ހަދާފައިވަނީ މެލޭޝިޔާއިން ޕޭސްޓްރީ ކޯސް ފުރިހަމަ ކުރުމަށްފަހުގައެވެ. 

ޝިނާގެ އެންމެ މަގުބޫލު އުފެއްދުންތައް!

ޕޭސްޓްރީ ބައި ޝިނާގެ ޕޭޖަށް ވަދެ ބަލާލުމުން އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޑޯނަޓް ޕިއްޒާއަށެވެ. އެއީ ޝިނާގެ ޕޭސްތްރީ ޕޭޖުން ލިބޭ ވަރަށް ތަފާތު ބާވަތެވެ. ރަހަ ތަފާތުވެފައި މީރުވުމުން އެއަށް އޮންނަ ޑިމާންޑުވެސް ވަރަށް ބޮޑެވެ. 

އެންމެ ގިނައިން އޯޑަރު ލިބޭ އެކައްޗެއްގެ ގޮތުގައި ޑޯނަޓު ޕިއްޒާ ޝިނާވެސް ފާހަގަކުރިއެވެ. އޭގެ އިތުރުން ޝިނާ ތައްޔާރުކުރާ ޑޯނަޓާއި، ސީ ސޯލްޓް ކުކީސް، ކޭކު ކަޕްކޭކުގެ އިތުރުން ބްރައުނީސްއާއި ކޭކު ޕޮޕްސް އަކީވެސް ހަމަ މަގުބޫލު އުފެއްދުންތަކެވެ. 

"އެންމެ ގިނަ މީހުން ލައިކް ވަނީ ޑޯނަޓް ޕިއްޒާ، ޝިނާވެސް ވަރަށް ހިތްހަމަ ޖެހޭ ގޮތަށް ރައްޔާރުކޮށްލެވޭ އެއްޗެއް އެއީ، އެޔަށް ވަރަށް ޑިމާންޑު ބޮޑު، ގިނަ ފަހަރަށް އެވަރަށް އޯޑަރު ނުނެގިފަ އޮންނާނީ، އެކަމާއި ބައެއް ފަހަރު ދެރަވެސް ވޭ" 

ޝިނާ 

ޝިނާ ކިޔައިދިން ގޮތުގައި ދަރިއަކު ލިބުމާއި ހަމަޔަށް ބޭކިން އަކީ އޭނާގެ ފުލް ޓައިމް ޖޮބެވެ. ޕްރީ އޯޑަރ ނަގައިގެން ހުރިހާ އުފެއްދުނަތަކެއްވެސް ތައްޔާރު ކުރަމުންދާކަމަށް ޝިނާ ކިޔައިދިނެވެ. 

ބޭކިންއަކީ ވަރަށް ވަގުތު ހޭދަކުރަން ޖެހޭ ކަމަކަށްވުމުން، ޝިނާގެ އުފެއްދުންތަކުގެ ކޮލެޓީ ހިފެހެއްޓުމަށް ކޮންމެ އެއްޗެއްގެ ރަހަތައްވެސް ހެޔޮވަރުކުރުމަށް ވަރަށް ފަރުވާ ބަހައްޓައިގެން ވަގުތު ހުސްކޮށްގެން މަސައްކަތްކުރުމަށް ޝިނާ އިސްކަންދެއެވެ. 

އެހެން ނަމަވެސް ޝިނާގެ ކައިވެންޏަށް ލޯބި ލޯބި ކުއްޖަކު ލިބުނު ހިސާބުން، ފުލް ޓައިމްކޮށް ކުރަމުން އައި އެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލާ، މަސައްކަތަށް ހުސްކުރަމުން ދިޔަ ވަގުތު މަދުކޮށްލަން ޖެހުނެވެ. 

ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ޕްރީ އޯޑާރސް މި ދުވަސްކޮޅު ނުނެގޭތީ ވަރަށް ދެރަވާކަމަށް ޝިނާ ކިޔައިދިނެވެ. އެހެން ނަމަވެސް އާއިލާއާއި ދަރިފުޅަށް ވަގުތު ހުސްކުރުމަކީ މިހާރު އެންމެ އިސްކަންދޭ ކަން ކަމަށާއި، އެހެން ނަމަވެސް ޕޭސްޓްރީގެ މަސައްކަތް އެއްކޮށް ހުއްޓާަލަން ބޭނުން ނުވާކަމަށްވެސް ބުންޏެވެ. 

"ޕްރީ އޯޑަރއެއް ނުނަގަން، ވަކި ވަރަކަށް ތައްޔާރުކޮށްލާފަ ޕޭޖަށް މި ލަނީ މި ދުވަސްކޮޅު. ދެން ތައްޔާރުކުރެވޭ ވަރަކަށް ލިނިޓްކޮށް ޕިއްޒާ ޑޯނަޓް އާ ކޭކު ކަހަލަ އެއްޗެހި ހަދަނީ"

ޝިނާ 

ޝިނާ ކިޔައިދިން ގޮތުގައި ޕޭސްޓްރީގެ މަސައްކަތަކީ ރަނގަޅު އާންމަދީއެއް ލިބޭ މަސައްކަތެކެވެ. މީހުންގެ އިތުބާރާއި ޔަގީންތައް އުފެއްދުންތަކަށް ލިބިއްޖެނަމަ މިއީ ހަމަ ކުރަން ވަރަށް ރަނގަޅު މަސައްކަތެއްކަމަށް ޝިނާ ކިޔައިދިނެވެ. އެގޮތުން ޝިނާގެ މި ވިޔަފާރިންވެސް ވަރަށް ރަނގަޅަށް ފައިދާވާކަމަށާއި، އެކަށީގެންވާ ވަރަށް އޯޑަރުތައް ލިބޭކަމަށް ކިޔައިދިނެވެ. 

މި ފަދަ މަސައްކަތެއް ކުރާއިރު އެންމެ މުހިންމީ ހުއްޓާ ނުލާ ކުރިއަށް ގެންދިއުންކަމަށާއި، މީހުންގެ ފަރާތުން އަންނަ ފާޑުކިޔުންތައް ޕޮސިޓިވްކޮށް ނަގައި، ކަންކަން ރަނގަޅުކޮށް އުފެއްދުންތަކުގެ ކޮލެޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރާނަމަ މިއީ ހަމަ ވަރަށް ރަނގަޅު ވިޔަފާރުއެއްގެ ގިތޮގައި ޝިނާ ގަބޫލުކުރެއެވެ. 

ޕޭސްޓްރީ ބައި ޝިނާ ހިންގުމުގެ ފަހަތުގައި މަންމައާއި ފިރިމީހާގެ އެހީ

ޕޭސްޓްރީގެ ވިޔަފާރިއަކީ ޝިނާގެ ހުވަފެނެވެ. އެ މަސައްކަތް ފެށީ އެ ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަށް ދިއުމަށެވެ. އާއިލާއެއް ފަށާ، ކައިވެންޏަށް ދަރިއަކު ލިބުނު ހިސާބުން ޝިޔާނެގ ވިޔަފާރިއަށް ބުރޫ އެރިނަމަވެސް ހުއްޓާ ނުލާ އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މަންމައާއި ފިރިމީހާއެވެ. 

ޝިނާ 

ދަރިފުޅުގެ ކަންކަން ބެލެހެއްޓުމާއި، ޝިނާގެ މަސައްކަތުގައި ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް މަންމަގެ ފަރާތުން ލިބެއެވެ. އެ އެކަންޏެއް ނޫނެވެ. ޝިޔާގެ "ކޮންފިޑެންސް" އިތުރުކޮށްދިނުމާއި ކުރިއަށް ދިއުމަށް ބާރު އަޅާ އެންމެ ގާތުގައި ހުންނަ މީހަކީ ޝިނާގެ މަންމައެވެ. 

"ޝިނާ ބޭނުންވަނީ ކުރިއަށް ދާން. ބައެއް ފަހަރު ހިތަށް އަރާ ނުވާނެއޭ. އެކަމަކު ހަސްބެންޑު ވަރަށް ސަޕޯޓިވް. ކިޔައިދޭ، ބުނެދޭ ވާނެއޭ. ވަރަށް ހެލްތުފުލް، ހުރިހާ ކަމެއްގައިވެސް ވަރަށް އެހީތެރިވެދޭ، ހުރޭ ހަމަ" 

ޝިނާ 

މަންމަގެ ވަރަށް ބޮޑު އެހީތެރިކަމެއް އަބަދުވެސް ލިބޭކަން ޝިނާ ފާހަގަކުރެއެވެ. އަދި އެކަމަށްޓަކައި އާއިލާއަށް ޝިނާ ޝުކުރުވެރިވާކަމަށް ކިޔައިދިނެވެ. 

ނަސޭހަތް: ފޮލޯ ޔުއަރ ޑްރީމް، އާއިލާއެއް ފެށުމަކީ ޑްރީމް ހުއްޓާލަންވީ ސަބަބެއް ނޫން!

ވަރަށް ޒުވާން އުމުރުގައި ޝިނާ ޕޭސްޓްރީގެ މަސައްކަތް ފެށީ އޭނާއަށް މިހާރު އާދެވިފައި ހުރި ހިސާބަށް ދެވޭކަމަށް މާ ބޮޑު އުންމީދެއް ކޮށްގެނެއް ނޫނެވެ. 

ޝިނާގެ އޮތީ ދާއިރާއިން ކުރިއަށް ދިޔުމަށް ދެކޭ ހުވަފެނެވެ. މަސައްކަތް ފެށީ އެ ހުވަފެން ކާމިޔާބުކުރުމަށެވެ. 

ރާއްޖޭގައި ފާހަގަކޮށްލެވޭ ޕޭސްޓްރީ ބްރޭންްޑަކަށް "ޕޭސްޓްރީ ބައި ޝިނާ" ވެގެން ދިއުމަކީ ޝިނާގެ ހުވަފެނެވެ. އަދި އަމިއްލަ ބޭކަރީއެއް ހަދާ، ވިޔަފާރި ފުޅާކުރުމަކީ އޭނާ މިހާރު ކުރާ އެންމެ ބޮޑު އުންމީދެވެ. 

ގިނަ ފަހަރަށް އަމިއްލަ ގޭގައި ފަށާ ކުދި ވިޔަފާރިތައް އާއިލާއެއް ފަށާ ކުއްޖަކު ލިބޭ ހިސާބުން ގިނަ ފަރާތްތައް ހުއްޓާލި ނަމަވެސް ޝިނާގެ ވިސްނުން ތަފާތެވެ. 

ދަރިއަކު ލިބުމަކީ ޑްރީމް ފޮލޯކުރުން ހުއްޓާލަންވީ ސަބަބެއް ނޫންކަމަށް ޝިނާ ދެކެއެވެ. އަންހެނުންނަކީ މަލްޓިޓާސްކު ކުރުމުގެ ގާބިލްކަން ލިބިފައިވާ ބައެއްކަމަށް ޝިނާ ބުންޏެވެ. 

އެހެންކަމުން ކޭކު އެޅުން ނުވަތަ ޕޭސްޓްރީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހެއް ނަމަ، ނުވަތަ އެހެންވެސް ޑްރީމްއެއް އޮތްކަމުގައި ވާނަމަ ވަކި ހިސާބަކުން ހުއްޓާނުލާ ކުރިއަށް ދިއުން މުހިންމުކަމަށް ޝިނާ ބުންޏެވެ. 

"ޑްރީމްއެއް އޮތިއްޔާ ފޮލޯ ކުރޭ، ބޭބީ އެއް ލިބުނަސް އަދި ފެމެލީއެއް ފެށިޔަސް، ހުއްޓާނުލަންވީ. މުހިންމީ އަމިއްލަ ގޮތަކަށް އޭތި ކުރިއަށް ގެންދިއުމުން. އެއްފަހަރަކުން ނުވާނެ، މަޑުމަޑުން ދަސްކުރަމުން ޑިވެލޮޕްވާނީ. އެހާތަނަށް ހަމަ ކުރިއަށް ދާންވީ" 

ޝިނާ 

ޕޭސްޓްރީ ބައި ޝިނާގެ އުފެއްދުންތަކާއެކު ޝިނާ އެ ދައްކުވައިދިނީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަށް ވަރަށް ފުރިހަމަ މިސާލެކެވެ. އާއިލާއެއް ބަލަހައްޓަމުންވެސް ހުވަފެނެއް އޮތިއްޔާ އެ ހުވަފެން ހަގީގަތަކަށް ހެދިދާނެކަމުގެ މިސާލެވެ. 

ޝިނާގެ ފަހަތުގައި އޮތް އޭނާގެ އާއިލާއަށްވެސް ތައުރީފު ހައްގެވެ. ހިތްވަރާއެކު ކުރިއަށްދާން ބާރު އަޅާނެ އާއިލާއެއް އޮތިއްޔާ ގޭގައި ތިބެގެން އާމްދަނީ ހޯދާ މަސައްކަތް ކުރުމަށް ހުރަހެއް ނެތްކަން ޝިނާގެ ވާހައިން ބުނެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ