ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލުމުން ގައްދޫގައި ވޯޓުލުން ހުއްޓާލައިފި
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫގައި މީހަކު ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލުމުން، އެރަށު ފޮއްޓަށް ވޯޓުލުން ހުއްޓާލައިފިއެވެ.
އެ މައްސަލައިގައި ހަމަނުޖެހުން ހިނގި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ކޮށްފައި ވަނީ އެ ދާއިރާގެ މެންބަރު އަހްމަދު ޒާހިރުއެވެ.
"ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓު އެޅުމުގެ ސަބަބުން ގައްދޫ ވޯޓުލުން ހުއްޓިއްޖެ،" އަހްމަދު ޒާހިރު ވިދާޅުވިއެވެ.
ގައްދޫގައި މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ގއ. ވިލިނގިލީ ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ނެތް ބަޔަކު ވޯޓުލީ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ނެތް ދެ މީހަކު ވޯޓުލީ މައްސަލަ ފެންމަތިވެ، އެކަމާ ގުޅިގެން އެރަށު ވޯޓު ފޮށި ސަރަހައްދުގައި ގިނަ ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ.
ޕްރައިމަރީގެ އިންތިހާބާއި ގުޅިގެން މި ނޫން މައްސަލަތަކެއްވެސް ފެންމަތިވަމުން ދާއިރު، ލ. މުންޑޫގައި 9:00 ޖެހުމުގެ ކުރިން ވޯޓު ލުން ފެށި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލާން ފަށާފައިވަނީ މިއަދު 9:00 އިން ފެށިގެންނެވެ. އަދި މި އިންތިޚާބުގައި ވޯޓުލުން މިއަދުގެ 5:00 އާއި ހަމަޔަށް ކުރިއަށް ދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists