ބީއެމްއެލްގެ އެކައުންޓު ތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އެވެ.
މޮސްޓާގެ ކުއްލި މައްސަލައިގައި ބުނީ، ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސް ގެ ގިނަ ކަސްޓަމަރުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާ ކަމަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވަނީ ބީއެމްއެލްގައި ރައްކާކޮށްފައިވާ ވަރަށް ޚައްސާސް ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނު ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެެވެ.
އަދި އެ މައްސަލަ ބީއެލްއެމްއެލް އަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ ފައިސާ ނުލިބި އަދި ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
މޮސްޓާ ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ބީއެމްއެލްއަށް ކުރަން ޖެހޭ އިތުބާރު ގެއްލޭއިރު އެހެން ބޭންކުތަކުން އެފަދަ މައްސަލަތައް ކުރިމަތި ނުވެ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއަށް އިނގިލި ދިއްކުރެވޭ މިންވަރަށް އެއް ދުވަހުން އަނެއް ދުވަހަށް އެފަދަ މައްސަލަތައް އިތުރުވަމުންދާކަމަށެވެ.
އެހެންކަމުން ހަމައެކަނި ބީއެމްއެލްގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލްތަކާއި އިންޓަނެޓް ލިންކް މެދުވެރިކޮށް އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ ކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ.
މެންބަރު ނަޝީދުގެ މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު މަޖިލީހުން ނެގި ވޯޓުން އެ މައްސަލައަށް ބަހުސްކުރުމަށް ވަނީ ފާސްވެފައެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ ތެރެއިން 33 މެންބަރަކު ވަނީ ނިންމަވާފައެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists