Advertisement

ޝިރާނީ؛ 4 ދަރިންގެ ޒިންމާ އުފުލަމުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް

ހައްވާ ޝިރާނީ--

މީހުން ބުނެ އުޅޭތީ އަހަމެވެ. މައިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި އަންނަ ކަޅު ވިލާގަނޑުގެ ތެރޭގައި، އެއް ރާޅު މައްޗަށް އަނެއް ރާޅު ނަގަމުން އަންނައިރުވެސް އަމިއްލަ ދަރިންގެ ހައްގުގައި ސާބިތުވެ، ފަހަތަށް ނުޖެހި ކުރިއަށް ދިޔުމުގެ ހިތްވަރު އެ މައިންގެ ހުރެއެވެ. ދަރިންގެ އުފަލަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަށް މައިން ތިބޭނީ ތައްޔާރަށެވެ.

އދ. މަހިބަދޫއަށް އުފަން، ހައްވާ ޝިރާނީ (38އ) އަކީވެސް އެފަދަ ފިސާރި މަންމަ އެކެވެ. ހަތަރު ދަރިންނާއި އެކު، ފުރަ މާލޭގައި ދިރިއުޅެމުން އަންނަ އެކަނިވެރި މައެކެވެ. އެންމެ ދޮށްޓަށް ހުރި ފިރިހެން ދަރިފުޅުގެ އުމުން 17 ވެފައިވާއިރު، ޖެހިގެން ހުރި އަންހެން ކުއްޖާއަށް އަދި ވީ 14 އަހަރެވެ. އެންމެ ހަގަށް ތިބީ 8 އަހަރުގެ އެއްމާބަނޑު ދެކުދިންނެވެ.

ހަޔާތަށް ނެގި ބިޔަ ރާޅުން އަރައިގަނެ  އަމިއްލަ ފައިމައްޗަށް ތެދުވަން އެހީވީ ރަހުމަތްތެރިން

ކުރީގެ ފިރިމީހާ (ކުދިންގެ ބައްޕަ) އާއި ދެމީހުންގެ ކައިވެނީގެ ގުޅުން ނިމި، ޝިރާނީގެ ހަޔާތަށް އައި އެންމެ ބަނަ ދުވަސްތައް ކުރިމަތިވީ އެންމެ ހަގަށް ތިބި ދެކުދިންގެ އުމުރުން އަހަރެއްވެސް ނުވަނީހެވެ.

އެ ހިތްދަތި ކަމުގައިވެސް ޝިރާނީ އަށް ޖެހުނީ ކަށިން ހިތްވަރު ނަގައި ދަރިންގެ ހައްގުގައި ތެދުވާށެވެ. ކުދިންގެ ބައްޕަ އޭނާ އަށާއި ކުދިން ދިރިއުޅޭނެ ކޮޓަރިއަކާއި ކުޑަ ބަދިގެއެއް ހިމެނޭ ތަންކޮޅެއް ދީފައި ހުރެއެވެ. އަދި ލިބުނު މިންވަރަކުން ކުދިންނަށް ޚަރަދުވެސް ކުރެއެވެ. އެހެންނަމަވެސް، އެއިން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައި ދަރިންގެ ހުރިހާ ކަންކަމަަށް ޚަރަދު ކުރެވޭ ވަރެއް ނުވެއެވެ.

ބަނބުކެޔޮ ބޮނޑިބަތް

ހަޔާތުގެ އެ އަޑިގަޑުން އަރައިގަތުމަށް ޝިރާނީގެ އަތުގައި ހިފީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. ހިތްވަރު އެލުވާ ނުލައި ކުރިއަށްދާނެ މަގު ކޮށައިދިނީ އެ ރަހުމަތްތެރިން ދިން އެހީތެރިކަމާއި އެއްބާރުލުމުންނެވެ.

"ދިރިއުޅެމުންދާ ތަނުގެ ކުލި ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ދަރިންގެ ކަންކަމަށް ވަރަށް ބޮޑު ޚަރަދެއް ދޭ. އެކަންކަން ކުރާނެ ފައިސާއެއް އަތުގައެއް ނެތް. ދެން އެ ދަނޑިވަޅުގައި އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިން އަޅުގަނޑަށް ދިން ޚިޔާލެއް އެއީ އަމިއްލައަށް ފައިސާ ހޯދަން މަސައްކަތެއް ކުރަން. އެމީހުން އަބަދުވެސް ބުނާނެ އަޅުގަނޑު ތައްޔާރު ކުރާ އެއްޗެހި މީރު ވާހަކަ. އެހެންވެ އެމީހުން އެހީތެރިވީ ލާރި ހޯދަން މަސައްކަތެއް ފަށަން" ޝިރާނީގެ "މީރު ބްރޭންޑް " ގެ މަސައްކަތް ފެށުނުގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

ޝިރާނީގެ މި ދަތުރު ފެށި އިރު އެންމެ ފުރަތަަމަ ހެދީ ސަނާމުގާއި ހަނާކުރި ފޯކެވެ. އެތަކެތި ހެދުމަށްފަހު ވިއްކަން ފިހާރައެއް ހޯދުމަށްވެސް ވަރަށް އުނދަގޫވިއެވެ. އެތައް މަސައްކަތަކުން، އެކަންވެސް ހަމަޖެހި އެތަކެތި ވިއްކެން ފެށުމުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބެންފެށިއެވެ. އެހެންނަމަވެސް، އެއިން ލިބޭ އެއްޗަކުންވެސް ދެކޮޅުޖެހޭ ގޮތެއް ނުވެއެވެ. އެހެންކަމުން، އޭނާގެ ރަހުމަތްތެރިން ޚިޔާލު ދިނީ އެ މަސައްކަތް ފުޅާ ކޮށް އެހެން އުފެއްދުންތައް ތަޢާރަފް ކުރާށެވެ.

ދިވެހި ދެވި ހަވާދު

" ރައްޓެހިން އާއްމުކޮށް ގެއަށް އައިސް އެހެން އުޅޭއިރު ލޮނުމިރުހުގެ މީރު ވާހަކަ ދައްކާނެ. އެހެންވެ، ލޮނުމިރުހާ ހަވާދު ހެދުމަށް އެމީހުން ބުނި. އެކަމުގައި ވެސް އެންމެ ބޮޑަށް އެހީވީ ހަމަ އެމީހުން. ކަރަންޓުން ހަވާދު ފުޑާ ދަލަކާ، ޕްލާސްޓިކް ޕެކެޓް ބަންދުކުރާ މެޝިނެއްވެސް އެމީހުންގެ ޚަރަދުގައި  ގަނެދިނީ. އަޅުގަނޑުގެ އަތުގައި އެކަންކަން ފަށައިގަންނާނެ އެއްޗެއް އޭރު ނެތް. އެމީހުން އެ ހުރިހާ ޚަރަދެއް ވެސް ކުރީ" ރަހުމަތްތެރިން ވެދިން ދީލަތިއެހީއަށް ޝުކުރު އަދާކުރަމުން ޝިރާނީ ބުންޏެވެ.

ލޮނުމިރުސް

ހަވާދާއި ލޮނުމިރުސް ހެދުމަށްޓަކައި ގަންނަންޖެހޭ ހުރިހާ ސާމާނެއްވެސް ޝިރާނީ ގަނެ އުޅުނީ އެކަނި ހިނގާފައި މާރުކޭޓަށް ގޮހެވެ. ތަކެތި ގަނެގެން ގެއަށް އަންނަނީ ޓެކްސީއެއްގައެވެ. އެއަށްފަހު ހަވާދު ހެދުމަށް ބޭނުންވާ ތަކެތި ދޮވެ، އެ އަވީލައި ހިއްކައިގެން ހަވާދު ދެވުމުގެ މަސައްކަތް ކުރެއެވެ. އެ ހުރިހާ ކަމެއްވެސް އޭނާ ކުރަމުންދިޔައީ ދަރިންގެ ހުރިހާ ކަމެއްވެސް އެކަނި މާއެކަނި ކުރަމުންނެވެ.

މީރު ބްރޭންޑްގެ އުފެއްދުންތަކަށް އައު ބޮޅެއް

ލޮނު މިރުހާއި ހަވާދަށްފަހު ދެން ޝިރާނީ ތައްޔާރު ކުރަންފެށީ ސަބްމެރީން ސޯހެވެ. ސަބްމެރިން ސޯސް ވެގެން ދިޔައީ ކަސްޓަމަރުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އެއްޗަކަށެވެ. އެއާއި އެކު މީރު ބްރޭންޑް ވެސް ވަރަށް ގިނަ ބަޔަކަށް އެނގި، އެހެން އުފެއްދުންތައްވެސް ބާރަށް ވިކެން ފެށިއެވެ.

ސަބްމެރިން ސޯސް

ވިޔަފާރި ފުޅާވެގެން ދިޔަ ނަމަވެސް، ޑިމާންޑާއި އެއްވަރަށް ތަކެތި ތައްޔާރު ކުރުމަށް ޝިރާނީ އަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ދަރިންގެ ޒިންމާތައް އަދާކުރަމުން، އަމިއްލަ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް، މާ ބުރަކޮށް މަސައްކަތް ކުރުމަށް އޭނާގެ ސިއްހީ ހާލަތު ތަން ނުދެއެވެ. ހާލު ދެރަވެގެން އޭރުވެސް މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ ފަހަރު ފަހަރު އާދެއެވެ. ބޭސް ފަރުވާއަށް ބޭރަށްވެސް ދާން ޖެހެއެވެ. އެއް އަތުގެ ކަށީގެ މައްސަލަ އުޅޭތީ މާ ގިނައިން އެ އަތުން މަސައްކަތެއް ނުކުރެވެއެވެ.

އެހެންކަމުން، ހަވާދު ހެދުން ފަދަ ބުރަ މަސައްކަތެއް ކުރުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް އެއީ އޭނާ ދެއަތް އުރާލައި، މަސައްކަތް ހުއްޓާލަންޖެހުނު ސަބަބެއް ކަމުގައި ނުދެކުނެވެ. އޭގެ ބަދަލުގައި، ދެން ޝިރާނީ ފެށީ، ހެދިކާ ހަދައިގެން ހެދިކާ ވިއްކުމުގެ މަސައްކަތެވެ. އެގޮތުން، ހެދިކާ އާއި އެކު އެކި ވައްތަރުގެ ކަނދި އާއި، ކަނަމަދު ކޭކާއި ކަށިކެޔޮ ކޭކު ފަދަ ތަކެތިވެސް ހަދަންފެށިއެވެ.

ޝިރާނީ ތައްޔާރު ކޮށްފައިވާ ހެދިކާ އާއި އެކި ވައްތަރުގެ ކަނދި 

ޝިރާނީ ދެކޭގޮތުގައި އޭނާގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ކުރިއަރައި، ކަސްޓަމަރުން އިތުރުވެ، އެއްފަހަރު ތަކެތި ގަންނަ ކަސްޓަމަރުން ތަކުރާރުކޮށް އޯޑަރ ކުރުމަކީ އޭނާ ކައްކާތަކެއްޗަކީ މީރު އަދި ކޮލިޓީ ރަނގަޅު ތަކެތި ކަމަށް އެފަރާތްތަކަށް އޮންނަ ޔަގީން ކަމުގެ ހެއްކެކެވެ.

އެހެނީ ޝިރާނީގެ އަތުން ކައްކާ، ނުވަތަ ތައްޔާރުކުރާ ކޮންމެ އެއްޗަކީވެސް، މީރު އަދި ރަނގަޅު ތަކެތިން ހަދާފައިވާ ތަކެތި ކަން ކަށަވަރު ކުރުމަކީ އޭނާ އެންމެ އިސްކަންދޭ ކަންކަމެވެ.

ބިންބި މާފުށް

"ރިހާކުރުދިޔަ ތައްޔާރުކުރިއަސް، ނޫނީ އެހެން އެއްޗެއް ތައްޔާރު ކުރިޔަސް ކޮލިޓީއަށް ވަރަށް ބަލަން. އެންމެ މީރު، ރިހާކުރު ނުލިބޭނަމަ ރިހާކުރު ދިޔަ ތައްޔާރު ނުކުރަން. އަދި ދިވެހި އެހެން ކެއުންތައް ތައްޔާރު ކުރާއިރުވެސް އެންމެ ދިވެހިވަންތަކޮށް، އޭރުގެ ދިވެހިންވެސް ތައްޔާރު ކުރާގޮތަށް ތައްޔާރު ކުރެވޭތޯ ބަލަނީ. އަޅުގަނޑަށް މީރު ނޫން އެއްޗެއް ވިޔަފާރިއަށް ވިއްކާކަށް ބޭނުމެއް ނޫން. މި ވިއްކާ ތަކެތީގެ އަގުވެސް ބޮޑެއް ނުވާނެ. އާންމުކޮށް ހުންނަ ރޭޓާއި ބަލާއިރު އަގުހެޔޮވާނެ" ޝިރާނީ ބުންޏެވެ.

މީރު ބްރޭންޑްގެ އުފެއްދުންތަށް

މީގެ ގާތްގަނޑަކަށް 7 އަހަރުކުރިން އެންމެ ދެ އުފެއްދުމާއިއެކު ޝިރާނީ ފެށި މަސައްކަތް، ފުޅާވަމުންގޮސް މިހާރު އޭނާގެ އުފެއްދުންތައް ނަން ކިޔައި ހުސް ނުވާ ވަރަށް ގިނައެވެ.

ކުޅި ކަންނެލީ ބަނޑު

މިހާރު ޝިރާނީގެ މީރު ބްރޭންޑްގެ ބަދިގެއިން ދިވެހިވަންތަ އެތައް ކެއުމެއް ލިބެންހުރެއެވެ. ބޯކުރި ފަޅޯ، ބޯކުރި ބަނބުކެޔޮ، އަދި ބޯކުރި ބަރަބޮލަކީ އެންމެ ހަލުއިކަމާއިއެކު ވިކެމުންދާ ދިވެހިވަންތަ ކެއުންތަކެވެ.

ބޯކުރި ބަނބުކެޔޮ

ހަމައެހެންމެ، މާޅޮސްކޭލާއި، ކަށިކެޔޮ، ފުފޫ އަދި ދަނބު ކައްޓަލަ ކަނދި އާއި، ހަޑުލު ބޮނޑިބަތާއި ބަނބުކެޔޮ ބޮނޑިބަތަކީވެސް ޝިރާނީ ތައްޔާރުކޮށް ވިއްކާ ތަކެއްޗެވެ.

ބޮނޑި ބަތާއި، ބޯކިރު މަހާއި އެކު

މީގެ އިތުރުން، ބަނބުކެޔޮބަތާއި، ބަރަބޯ ބަތާއި، ފަޅޯ ބަތާއި، ރިހާކުރުދިޔަ، ފިހުނުމަސް، އަލަ، ކައްޓަލަ ފަދަ ބާވަތްތައް ހިމަނައިގެން ތައްޔާރުކޮށްފަ ހުންނަ މީރު ދިވެހި ކެއުންތަކަކީވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަކެއްޗެވެ.

ޝިރާނީގެ ދިވެހި ކެއުމެއް

ޝިރާނީގެ މީރު ބްރޭންޑް ގެ ބަދިގެން ލިބެނީ ދިވެހިންގެ އެވޭލާ ޒަމާނުގެ މިފަދަ ކެއުންތައް އެކަންޏެއް ނޫނެވެ. ފްރައިޑް ރައީސް، ފްރައިޑް ނޫޑްލްސް، ކުޅި ބޯވާ އާއި ރޮށި، ކުޅި ދޮންބިސް، ކުޅި ކަންނެކި ބަނޑު، އާލިއޯ އޯލިއޯ، ޕާސްތާ، އަދި މިނޫންވެސް ކެއުންތައް އޯޑަރ ކުރުމުން ޝިރާނީ ތައްޔާރުކޮށްދެއެވެ.

ޝިރާނީ ކައްކާފައިވާ ތަކެތި

މިތަކެތީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އެއް އެއްޗަކީ ދާދިފަހުން މީރު ބްރޭންޑުން ތަޢާރަފް ކުރި އައިސް ކްރީމް ތަކުގެ ފްލޭވާސްއެވެ. އެގޮތުން، ކަށިކެޔޮ އައިސް ކްރީމް، ކުއްޅަވައް އައިސް ކްރީމް އަދި ދަނބު ކައްޓަލަ އައިސްކްރީމް ވިއްކަންފަށާފައިވާއިރު، މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް އެއްޗަކީ އެ ތިން ބާވަތުގެ އައިސްކްރީމް ކަން ޝިރާނީ ފާހަގަކުރެއެވެ.

މީރު ބްރޭންޑްގެ އައިސްކްރީމް؛ މިއީ ޝިރާނީގެ އަމިއްލަ އުފެއްދުމެއް

"ސަބްމެރިން ސޯސް އެއީ ވަރަށް ވިކޭ އެއްޗެއް. ކަނަމަދު މެޓާ ގަނޑު ހަދަންވެސް ވަރަށް އޯޑަރު އާދޭ. ދެން ބޯކުރި ފަޅޯ އަދި ބޯކުރި ބަނބުކެޔޮ ވަރަށް ވިކޭ. މިދުވަސްވަރު އެންމެ ހިނގަނީ އައިސް ކްރީމާއި، ބަނބުކެޔޮ ބޮނޑިބަތް. ކަށިކެޔޮ ކޭކާއި ކަށިކެޔޮ ކަނދި އަށްވެސް ވަރަށް ޑިމާންޑް އޮވޭ. އަޅުގަނޑުގެ ދާއިމީ ކަސްޓަމަރުން އެބައުޅޭ. الحمد لله. މީރުވެގެން ތަކުރާރުކޮށް ގަންނާތީ ވަރަށް އުފާވޭ. އަދި ދާދިފަހުން އަޅުގަނޑު ބައިވެރިވި ފޫޑް އެކްސްޕޯ ތަކުގައި ތަކެތި ގަތް މީހުންވެސް އަލުން އޯޑަރ ކުރޭ އެބަ. އެގޮތް ގޮތުން މިހާރު ވަރަށް ކަސްޓަމަރުން ގިނަ ވެއްޖެ. الحمد لله."

ޝިރާނީ ތައްޔާރުކޮށްފައިވާ ދިވެހި ކެއުމެއް

އެންމެ ބޮޑު ގޮންޖެހުމާއި އެންމެ ބޮޑު ހިތްވަރު

ޝިރާނީގެ މީރު ބްރޭންޑްގެ އުފެއްދުންތަށް ގިނަވެ ކަސްޓަމަރުން ވެސް ގިނަވެ އިތުބާރު ލިބިފައިވީ ނަމަވެސް، އޭނާގެ ވިޔަފާރި ކުރިއެރުވުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައްކާ ތަކެތި ޑެލިވަރީ ކޮށްދެވޭނެ ރަނގަޅު ގޮތެއް ނެތުމެވެ.

"ޕޭޖު މެދުވެރިކޮށް މި ވިއްކަނީ. ދެން ބައެއް ކަސްޓަމަރުން އަންނާނެ ގެއަށް ބަލައި. އަނެއް ބައި ފަހަރު އަޅުގަނޑުވެސް ދަން ޓެކްސީގައި ނޫނީ ހިނގާފައި. ދެން މިހާރު ޑެލިވަރީ މި ކުރަނީ ދެ ތައްޓަށް ވުރެ ގިނައިން ގަންނަންޏާ. އެގޮތަޒް ކޮށްދެނީ މާލޭގައި އެ ޚިދުމަތްދޭ ބަޔަކަށް ފައިސާ ދައްކައިގެން." ޝިރާނީ ކިޔައިދިނެވެ.

މީގެ އިތުރުންވެސް ތަނުގެ ޖާގައިގެ ދަތި ކަމަކީވެސް ވިޔަފާރި ކުރިއެރުވުމުގައި ކުރިމަތިވާ ގޮންޖެހުމެއްކަން ޝިރާނީ ފާހަގަކުރެއެވެ.

ޝިރާނީ ތައްޔާރުކޮށްފައިވާ ދިވެހި ކެއުމެއް

ކަން މިހެން ހުރި ނަމަވެސް، އެ ގޮންޖެހުންތަކާއި އެކުގައި އޭނާ އަންނަނީ ހުއްޓުމެއްނެތި ކުރިއަށް ދަމުންނެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރުދީ އެހީތެރިވާން އޭނާގެ ރަހުމަތްތެރިން އަދިވެސް އެންމެ ގާތުގައި އެބަތިއްބެވެ.

"އަޅުގަނޑަށް މިހިސާބަށް އާދެވުނު ކަމަށްޓަކައި އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުމީ ހެއްދެވި ފަރާތަށް. ދެން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން ޒިޔާދާ (ދާދަ) އަށް. އޭނާ އަކީ މިހާތަނަށް ކުރިމަތިވި ހުރިހާ އުފަލަކާއި ހިތާމައެއްގައިވެސް އެކުގައި ހުރެ ހިތްވަރުދޭ އެންމެ ގާތް އެކުވެރިޔާ. ދެން އަޅުގަނޑުގެ ބައްޕަ ފަރާތުގެ ބޮޑު ދައިތަ އަށާއި ނަދީމާ ދައްތައަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން. ދެން ކުދިންގެ ބައްޕައަށްވެސް. އޭނާއަށްވެސް ވެވުނު މިންވަރަކުން އެހީވެދޭ. އެމީހުންގެ އެހީތެރިކަން އަބަދުވެސް އަންނަނީ ލިބެމުން." ޝިރާނީ ބުންޏެވެ. 

މުސްތަގުބަލަށް ކުރާ އުއްމީދު

މީރު ބްރޭންޑްގެ އުފެއްދުންތައް މިހާރު ވިއްކަމުންދަނީ ޝިރާނީގެ ފޭސްބުކުންނާއި، މީރު ބްރޭންޑްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުންނެވެ. އެގޮތުން، އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކަށް އިންސްޓަގްރާމް ނޫނީ ފޭސްބުކު ޕޭޖަށް މެސެޖު ކޮށްގެން ނުވަތަ ނުވަތަ 9165358 ގުޅައިގެން އޯޑަރ ކުރެވޭނެއެވެ.

ޝިރާނީ އާއްމުކޮށް ކެއުންތައް ވިއްކާ އުޅެނީ ވަގުތު ވުމުން ތައްޔާރު ކުރުމަށްފަހު "އިންސްޓަންޓް" ކޮށް ގަންނަ ގޮތަށެވެ. އެހެން ނަމަވެސް، ދެދުވަސް ކުރިން ޕްރީ އޯޑަރ ދިނުމުން އެ ބުނާ ދުވަހެއްގެ ގަޑިއަށް ކައްކައިވެސް ދެއެވެ. އެގޮތުން ގާތްގަނޑަކަށް 20 ނޫނީ 30 މީހުންނަށް ވާވަރަށްވެސް ކެއުން ތައްޔާރު ކޮށްދެވޭނެ ކަމަށް ޝިރާނީ ފާހަގަކުރެއެވެ.

ޝިރާނީގެ އުފެއްދުންތައް

"މިހާރު މިގޮތަށް ކައްކައިގެން، ނޫނީ ޕްރޮޑަކްޓް ތައް ފިހާރައަށް ލައިގެން ވިއްކި ނަމަވެސް، ބޭނުންވަނީ އަމިއްލަ ކުޑަ ފިހާރައެއް ހުޅުވައިގެން މިކަން ކުރަން. ހަދާފައި ހުއްޓަސް ހަލާކު ނުވާ ޒާތުގެ އެއްޗެހިވެސް އެބަ ހުރޭ. ބޭނުމީ އަމިއްލަ ތަނެއްގައި އެ ތަކެތި ވިއްކަން." ޝިރާނީ ބުންޏެވެ.

ކަނބަލުންނަށް ޝިރާނީގެ ނަސޭހަތް

ޝިރާނީގެ ހަޔާތުގެ މި ކުޑަ ކުޑަ ވާހަކައިންވެސް އެނގިގެން ދިޔައީ އޭނާގެ ހިތްވަރު ގަދަ ކަމެވެ. ދާއިމީކޮށް ބައްޔަކަށް ފަރުވާ ކުރަމުން ދިޔަ ނަމަވެސް ހިތްވަރު އެލުވައި ނުލާ މަސައްކަތް ކުރުމުގެ ފޮނި ނަތީޖާ އެވެ.

މިއަދު، ޝިރާނީ ފަދަ އެހެން ކަނބަލުންނަށްވެސް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ ހަޔާތުގައި ތިމާއަށް ދިމާވާ އަޑި ގުޑަން ތަކުގެ ސަބަބުން ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިޔުމެވެ.

އަޅުގަނޑު، އަޅުގަނޑުފަދަ އެހެން އެންމެނަށްވެސް ބުނެލަން ބޭނުމީ ހިތްވަރު ކުރާށޭ. ހިތްވަރު ކޮށްފައި މަސައްކަތް ކުރާށޭ. އޭރުން އިންޝާ الله ކާމިޔާބު ވާނޭ. މަސައްކަތް ކުރާ މީހަކަށް މާތް الله މަގު ތަނަވަސްކޮށް ދެއްވާނެ. އަމިއްލައަށް ހަލާލު މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ވަރަށް ހިތްހަމަޖެހުން ލިބޭނެ. ބުރަކޮށް މަސައްކަތް ކުރަންވީ. އޭރުން ހީވެސް ނުކުރާ ގޮތްގޮތުން ކަންކަން މަގުފަހިވެގެންދާނެ."

ޝިރާނީގެ އުއްމީދަކީ އޭނާގެ ހަޔާތުގެ މި ސަފުހާތަކުން ޢިބްރަތް ހާސިލުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް އެންމެންވެސް މަސައްކަތް ކުރުން ކަމުގައި އޭނާ ބުނެއެވެ. އަދި އިންސާނާއަށް އޮތީ މަސައްކަތް ކުރުން ކަމަށާ ކާމިޔާބު ދެއްވާނީ މާތް الله ކަން ހަދާންކުރުމަށްވެސް އޭނާ ނަސޭހަތްތެރިވެއެވެ.

Advertisement

ކޮމެންޓް
އައިމިނަ
މާޝާﷲ!! ހިތްވަރާ އެކު ކުރިޔައް ދޭ
08 Mar 2023