ކޮމަންވެލްތްގެ ޓީމަކުން ގާސިމްއާއި ބައްދަލުކޮށްފި

31 Jan 2019 | 16:27

ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމާއި ގުޅޭގޮތުން، އެސެސްމަންޓެއް ހެދުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކޮމަންވެލްތުގެ ވަފުދަށް މަރުޚަބާ ވިދާޅުވެ ރައްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

އެގޮތުން ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާ ގާސިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ޤާޞިމް އިބްރާހީމް ވަނީ 53 މެންބަރު ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހީތަކާއި އެއްބާރުލުން ފާހަގަކުރެއްވައި ރާއްޖޭގެ ތަރައްޤީގައި ކޮމަންވެލްތްގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަޙައްދުތަކާއިބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާ ދެއްކެވި ވާހަކަފުޅުގައި، ރައްޖެއަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިން ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިކަމަށް މަޖިލީހުން މައުލޫމާތުދެއެވެ.

ކޮމެންޓް