އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!

ވަން ކްލިކްގެ ފައުންޑަރ، އިސްމާޢީލް ޢަލީ--

ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށްޓަކައި ބޭނުންވަނީ، ވަރުގަދަ ޢަޒުމަކާއި، މިންނެތް މަސައްކަތެވެ. އެކަން ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ފަސް ނުޖެހި, އެކަމަށް ކުރިމަތި ލުމުގެ ހިތްވަރެވެ.

އެކަން 2013 ވަނަ އަހަރު ވުޖޫދުވެގެންއައި "ވަން ކްލިކް" ވިޔަފާރީގެ ސީއީއޯ އިސްމާއިލް ޢަލީގެ ހަޔާތަށް ނަޒަރު ހިންގާލުމުންވެސް އެނގިގެންދާނެއެވެ. 

އިސްމާޢީލް އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެ އާއިލާގައި އަމިއްލަ ވިޔަފާރި ހިންގާ ނުވަތަ ހިންގުމުގެ ތަޖުރިބާ ހުރި އެކެއްވެސް ނެތެވެ. ޚުދު އިސްމާއިލް ވެސް، އޭނާގެ ހަޔާތުގެ 22 އަހަރު ހޭދަކުރީ ދިވެހި ސިފައިންގެ ޚިދުމަތުގެ ވަޒީފާގައެވެ. ނަމަވެސް އެ ވަޒީފާ އަދާކުރަމުންދިޔައިރުވެސް އޭނާގެ ވަރަށް ބޮޑު ހުވަފެނެއް އޮވެއެވެ. އެއީ އަމިއްލަ ވިޔަފާރިއެއް ފަށައި، އެ ވިޔަފާރި ކުރިއަރުވައި، އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހުވަފެނެވެ.

އެ ހުވަފެން ދެކުމަށްފަހު ދެ އަތް އުރާލައިގެން، މަސައްކަތެއް ނުކޮށް، "ބައި ޗާންސް" ހުވަފެން ހަގީގަތަކަށް ވާނޭ ކަމަށް  ހުރުމުގެ ބަދަލުގައި، ހުވަފެނުގައި ކުލަ ޖެއްސުމުގެ އަމާޒުގައި އިސްމާއިލް މަސައްކަތް ކުރަންފެށިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، "މަލްޓި ލެވެލް މާކެޓިންގ ބިޒްނަސް" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އެ މަސައްކަތުގައި ހޭދަކުރެވުނު 10 އަހަރު ތެރޭ، މެލޭޝިޔާ އާއި ޖަޕާންގެ ބައިނަލްއަގުވާމީ ކުންފުނި ތަކާއިއެކު މަސައްކަތްކޮށް، ތަފާތު އެކި މީހުންނާއި މުއާމަލާތްތައް ކުރާނެ ގޮތާއި، ބޮޑެތި ވިޔަފާރިތައް ދަމަހައްޓާނެ ގޮތުގެ އިތުރުން، ވަގުތުން ވަގުތަށް ކަންކަން ކޮށް، ވަގުތުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމުގެ މުހިންމުކަން  އެނގިގެންދިޔައެވެ.

ލިބެމުންދިޔަ ތަޖުރިބާގެ އެހީގައި އަމިއްލަ ވިޔަފާރިއެއް ފެށިގެން އައި ގޮތް!

"ވަން ކްލިކް" ގެ ވިޔަފާރި ފެށުމުގެ ކުރިންވެސް އިސްމާއިލް އަކީ ވަރަށް އަވަދިނެތި މަސައްކަތް ކުރަމުން އައި މީހެކެވެ. ވަޒީފާގައި، އުޅެމުން އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސް ކުރަމުންދިޔައީ ވަރުބަލިކަމެއް ނެތިއެވެ. ނަމަވެސް އެފަދައިން މަސައްކަތްތައް ކުރަމުންދާއިރު ވަރަށް ގިނައިން ދިމާވާ މައްސަލައެއް އޮވެއެވެ. ފިހާރަ ތަކުން ގަންނަން ބުނާ އެއްޗެހި ގަންނަން ހަނދާން ނެތުމުގެ މައްސަލަ އެވެ. ނުވަތަ ގަންނަން ބުނާ ބައެއް ތަކެތި ނުގަނެ ގެއަށް އާދެވުމުގެ މައްސަލަ އެވެ. ބައެއް ފަހަރު ހަނދާންނެތީގެންނެވެ. އަނެއް ބައި ފަހަރު، ވަގުތު ނެތީގެންނެވެ.

ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ މިކަންކަން ހަމަހަމަ ކުރުމަށް އިސްމާއިލަށް ކުރިމަތިވަމުންދިޔަ ދަތި އުދަގޫ ތަކާއި ގޮންޖެހުންތައް، އެނޫންވެސް އެތައް ބަޔަކާއި ކުރިމަތިވަމުންދާކަން ފެންނަ ފެނުމާއި އިވޭ އަޑުތަކުން އިސްމާއީލަށް ޔަގީންވިއެވެ.

އެހެންކަމުން, އެ ގޮންޖެހުންތަކުން އަރައި ގަނެ، އިސްމާއިލާއި، އޭނާފަދަ އެހެން މީހުންނަށްވެސް އެހީވުމުގެ ނިޔަތުގައި އޮންލައިންކޮށް ތަރުކާރީއާއި މޭވާފަދަ، ކެއްކުމުގައި ބޭނުންވާނެ ތަކެތި ގަނެވޭ ވެބްސައިޓެއް ހެދުމުގެ ޚިޔާލު އައެވެ.

" އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެ ކަމެއް. ނަމަވެސް އަހަރެން މަސައްކަތް ކުރަމުންދިޔައީ ވަކި އަމާޒަކަށް، އެކަމަށްޓަކައި އަހަރެންނަށް ވީ އެންމެ ބުރަކޮށް މަސައްކަތް ކުރިން. މާލީ ގޮތުންވެސް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު. ވަޒީފާއެއްގައި އުޅޭތީ، އެ ވަޒީފާއަށްވެސް ވަގުތުދީ، ވަޒީފާގެ މަސްއޫލިއްޔަތުތައްވެސް އަދާކުރަންޖެހުނު. އެކަންކަމާއި ހުރެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު. އެކަމަކު ހިތްވަރު އެލުވައި ނުލައި، ކަމަށް ކަމޭ ހިތައިގެން ގަދައަޅައި މަސައްކަތް ކުރިން. އެކަމުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ. މިއަދު "ވަން ކްލިކް" އެ ދަނީ ކާމިޔާބު ކަމާއިއެކު ކުރިއަށް. " ރާއްޖޭގައި އެންމެ ފުރަތަަމަ އުފެދުނު އޮންލައިން ގްރޮސަރީ ވެބްސައިޓް ގެ ސީއީއޯ އިސްމާއިލް ވިދާޅުވިއެވެ.

"ވަން ކްލިކް" ފުޅާވެ، މުޅިރާއްޖެއަށް ގްރޮސަރީ ފޯރުކޮށްދޭ، އިތުބާރު ހުރި ވިޔަފާރިއަކަށް

2013 ވަނަ އަހަރު، ވަން ކްލިކް" ވުޖޫދުވެގެން އައި އިރު، އެ ވިޔަފާރިން ޑެލިވަރީގެ ޚިދުމަތްތައް ދެމުންއައީ، ރީޓެއިލް އޮންލައިން ފިހާރައެއްގެ ގޮތުގައެވެ. އެގޮތުން، ގޭގެ އަށާއި ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެމުންއައިސް، މިހާރު "ވަން ކްލިކް" އަކީ ރާއްޖޭގެ ހުރިހާ ރަށަކަށް، ޚާއްސަކޮށް ރިސޯޓްތަކަށް ހޯލްސޭލް އަދި ރީޓެއިލް ކޮށް ގްރޮސަރީ ގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ މި ވިޔަފާރީގެ 80 އިންސައްތަ މުދަލަކީ، ގަނެވިއްކުމުގެ އެކްސްކްލޫސިވް ހުއްދަ އާއި އެކު ސީދާ ރާއްޖެއިން ބޭރުން ގެންނަ މުދަލެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަން ކްލިކް ވެގެން ގޮސްފައި ވަނީ  ވަރަށް ބާރަށް ކުރިއަރަމުން އަންނަ ވިޔަފާރިއަކަށެވެ. މިހާރު ވަން ކްލިކް އަކީ ރާއްޖޭގެ މަތީ ފަންތީގެ ވިޔަފާރި ތަކާއި ރިސޯޓްތަކަށް، އިތުބާރާއިއެކު، ފެންވަރު ރަނގަޅު، ގްރޮސަރީ ގެ ޚިދުމަތް އަވަސް ކަމާއި އެކު ފޯރުކޮށްދެމުން އަންނަ ވިޔަފާރިއެކެވެ. އެއީ އަވަދިނެތި އުޅެމުންދާ އެންމެހާ ފަރާތްތަކުގެ ވެސް އެންމެ ގާތް، އިތުބާރު ހިފޭ އެއް އޮންލައިން ވިޔަފާރިއެވެ.

ވަން ކްލިކް އިން ލިބެން ހުންނަ ތަފާތު ޕްރޮޑަކްޓް ތަކާއި އޭގެ ޚާއްސިއްޔަތު

ވަން ކްލިކް އަކީ ކެއިން ބުއިމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުތައް ވިއްކުމުގެ ވިޔަފާރި ކުރާ އޮންލައިން ސްޓޯރ އަކަށް ވާއިރު، އެ ސްޓޯރ ގައި ކަސްޓަމަރުންގެ މެދުގައި ނަން މަޝްހޫރު ބްރޭންޑް ތަކުގެ ޕްރޮޑަކްޓްތައްވެސް މިހާރު ލިބެން ހުރެއެވެ. އެގޮތުން، ލާމާ، ޑެވޮންޑޭލް، ސުޕާ-ޝެފް، ފޮސްމާ، ޖޯނަސް، އޮލޭ އަދި އެޓޮމީ ހިމެނެއެވެ.

"ބައިނަލްއަގުވާމީ ތިން ކުންފުންޏަކާއި އެކު، ވަން ކްލިކް އިން, " އެކްސްކްލޫސިވް ޑިސްޓްރިބިއުޓާޝިޕް" އެއްބަސް ވުމެއްގައި ސޮއިކުރެވިގެން ދިޔުމަކީ  ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއެވުމަށް ލިބުނު ފަހި ފުރުސަތެއް" ވަން ކްލިކް އިން ލިބެން ހުންނަ ޚާއްސަ ޕްރޮޑަކްޓް ތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިސްމާއީލް ވިދާޅުވި އެވެ.

ވަން ކްލިކް އިން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތައް--

'ވަން ކްލިކް އިން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ،  ފެންވަރު ރަނގަޅު، އަދި އެކްސްކްލޫސިވް ޕްރޮޑަކްޓްތައް މެދު އަދި މަތީ ފަންތީގެ ރިސޯޓް ތަކަށާއި، އަދި  ސިއްހަތާއި މެދު ޚާއްސަ ސަމާލުކަމެއްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަން އިސްމާއީލް ފާހަގަކުރައްވައެވެ.  އެގޮތުން، އެތަނުން ލިބެން ހުންނަ ލާމާ ބްރޭންޑަކީ، ސިއްހަތަށް ފައިދާހުރި، ކެއިންބުއިމުގެ އާދަތައް ގެންގުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ވަން ކްލިކް އިން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތައް--

"ވަން ކްލިކް އިން އިމްޕޯޓް ކޮށްގެން ވިއްކަމުންދާ ލާމާ އިން އުފައްދާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި، ޝުޖާ ފްރީ، ޕްރިޒަވޭޓިވް ފްރީ، އަދި ޕްލާންޓް ބޭސްޑް މިލްކް ވެސް ހިމެނޭ. އެހެންކަމުން ލެކްޓޯސް އިންޓޯލަރެންސް ކަސްޓަމަރުންނަށް އެބަ ލިބޭ އޮޕްޝަންސް. އަދި ސިއްހަތު ރަނގަޅު ކާނާ ކެއުމަށް ބޭނުންވާ ފަރާތްތަކަށް އެ އޮޕްޝަންވެސް އެބަ ލިބޭ." އިސްމާއިލް ވިދާޅުވިއެވެ.

ވަން ކްލިކް އިން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތައް--

ވަން ކްލިކް އިން އަބަދުވެސް މަސައްކަތް ކުރަނީ އޯޑަރ ކުރެވޭ ތަކެތި ވީ އެންމެ އަވަހަަށް އޭގެ ހައްގުވެރި ފަރާތަށް ރައްދު ކޮށްދިނުމަށް ކަމަށްވާއިރު، އެކަމަށްޓަކައި، އެ ޓީމުން ކުރަމުންދާ މަސައްކަތާއިމެދު އިސްމާޢީލް ފަޚުރުވެރިއެވެ. އެގޮތުން މާލެސިޓީ އެކި ހިސާބުތަކަށް، އޯޑަރ ކުރާތާ ގިނަ ވެގެން 45 މިނެޓްތެރޭގައި އޯޑަރު ކުރި ތަކެތި ޑެލިވަރީ ކޮށްދެމުންދާކަން އިސްމާއިލް ފާހަގަކުރެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން 40 އަށް ވުރެ ގިނަ ރިސޯޓްތަކަށާއި، ރާއްޖޭގެ ރަށްތަކުގެ، އެތަކެއް ރީޓެއިލް ފިހާރަތަކަށް ވަން ކްލިކް އިން އަންނަނީ ހޯލް ސޭލްކޮށް މުދާ ވިއްކަމުންނެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތް ތަކަކީ ކަސްޓަމަރުން ބަލައިގަންނަ ފެންވަރުގެ ޚިދުމަތަކަށް ހެދުމަށް ވަން ކްލިކް އިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓީމުގެ ލީޑަރެއްގެ ހައިސިއްޔަތުންވެސް ފުރިހަމަ ނަމޫނާއެއް

ވަން ކްލިކްގެ ޓީމުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކަ ދެކެވޭއިރު، އެފަދަ ޚިދުމަތެއް ފޯރުކޮށްދެވޭނީ، ޓީމުގެ މުވައްޒަފުންނަށް ވެސް ދުޅަހެޔޮ ވެއްޓެއް ގާއިމް ކޮށްދެވިގެން ޔަގީނެވެ. އެހެނީ މުވައްޒަފުން ފޯރުކޮށްދޭ ޚިދުމަތާއި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ ގުޅިލާމެހިފައިވާ ކަންކަމެވެ.

އިސްމާއިލް އަކީ އެކަން ނުހަނު ރަނގަޅަށް ދަންނަ ލީޑަރެކެވެ. އެހެންކަމުން، މުވައްޒަފުންގެ މެދުގައި ތަފާތު ނުކޮށް، ބޯހިޔާ ވަހިކަމާއި، ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް އިސްމާޢީލް ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ، ވަގުތަށް ކަމޭހިތުމާއި އެކު ބުރަކޮަށް މަސައްކަތް ކުރާ، މުވައްޒަފުންނަށް އެ މުވައްޒަފުންގެ މަސައްކަތާއި ގުޅޭގޮތުން އިތުރަށް މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އުސޫލެއް ވަން ކްލިކް އިން ގެންގުޅެއެވެ. އެހެނީ، ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ ނޫން މުވައްޒަފުންނަށް އެއް މިންވަރަކަށް މުސާރަ ލިބުމަކީ ނާއިންސާފެއް ކަމުގައި އިސްމާޢީލް ދެކެވެ.

ލީޑަރެއްގެ ހައިސިއްޔަތުން އިސްމާޢީލްގެ ފާހަގަކޮށްލެވޭ އަނެއް ސިފައަކީ، އޭނާގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ދެމުންދާ އެއްބާރުލުމެވެ. އެގޮތުން، މުވައްޒަފުން ކުރިއެރުމަށް ފުރުސަތު ނުދީ، އަބަދު އޭނާގެ ދަށުގައި މަސައްކަތް ކުރަން ބެހެއްޓުމުގެ ބަދަލުގައި، އެ މުވައްޒަފުންވެސް އަމިއްލައަށް ކުރިއަށްދާން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، އިސްމާޢީލް ފަދައިން އަމިއްލަ މަސައްކަތެއް ފަށައި ، އެ ކަމާއިގެން ކުރިއަށްދާ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެ، އެކަމަށް ހިތްވަރުދެއެވެ.

ވަން ކްލިކްގެ ފައުންޑަރ، އިސްމާޢީލް ޢަލީ--

އިސްމާއިލް ގަބޫލުކުރާ ގޮތުގައި، މުވައްޒަފުންނަށް އެފަދައިން ހިތްވަރުދީ، އެއްބާރުލުން ދިނުމަކީ، ވަފާތެރި މުވައްޒަފުންތަކެއް އުފެއްދުމުގެ އެއް އަސްލެވެ. އެ މުވައްޒަފުން މަސައްކަތް ކުރާނީ ހަމައެކަނި ކުންފުންޏަށްޓަކައެއް ނޫނެވެ. އެހެނެއް ކަމަަކު އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައިވެސް މަސައްކަތް ކުރާނެއެވެ.

"އަހަރެން ޕާސަނަލީ ވެސް މުވައްޒަފުންނާއި، ވާހަކަދައްކައި، އެމީހުން ޓްރެއިން ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަން. ކަމައް ކަމޭހިތައިގެން ބުރަކޮށް މަސައްކަތް ކުރުމުގެ މުހިންމުކަން އެމީހުންނަށް ބުނެދީ، ކޮންމެވެސް ދުވަހަކުން އެ މީހުންގެ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ހުވަފެންދެކުމަށް ހިތްވަރުދީ އެކަމަށް ބާރު އަޅަން. އަދި ހަމައެހެންމެ، މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށް، އެމީހުން މޯޓިވޭޓް ކޮށް، އެމީހުންނަށް ކުރިއެރުން ހޯދުމުގެ ފުރުސަތު އޮތް މާހައުލެއް ގާއިމް ކޮށްދިނުމަށް އަހަރެން މަސައްކަތް ކުރަން. އެހެންކަމުން، ނަމޫނާ ލީޑަރެއްގެ ސިފަތައް އަހަރެންގެ ކިބައިން ދައްކުވައިދެވެމުންދާ ކަމަށް އަހަރެންނަށް ގަބޫލު ކުރެވޭ. "

އިސްމާޢީލް ޢަލީ

ވިޔަފާރީގެ މާހައުލަށް އަންނަމުންދާ ބަދަލުތަކާއި، ކުރިމަތި ވަމުންދާ ގޮންޖެހުންތައް

ދިރިއުޅުމުގައި ކޮންމެ ކަމަކާއިވެސް ކުރިމަތިލާއިރު ގޮންޖެހުންތަކާއި ކުރިމަތިވާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. 2013 ވަނަ އަހަރު ވަން ކްލިކް ފަށައިގެން މި ހިސާބަށް އާދެވުނުއިރު، ގިނަ ގޮންޖެހުންތަކާއި ފިލާވަޅުތަކެއް އިސްމާއީލަށްވެސް ވަނީ ލިބިފައެވެ. އަދި އެ ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން އުފަލާއި، ޝުކުރާއިއެކު އިސްމާއީލް ފާހަގަކުރެއެވެ.

"މި މަސައްކަތް ފަށައިގަނެގެން މިހާތަނަށް އައި އިރުވެސް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް, އެހުރިހާ ވަގުތެއްގައިވެސް އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު. އެގޮތުން ބޭރުގެ އެކި ފަރާތްތައް، ޚާއްސަކޮށް މެލޭޝިޔާ އަދި ސިންގަޕޫރުގެ އެކި ފަރާތްތަކުން، ވަރަށް މޯޓިވޭޓް ކޮށްދިން. އަދި ކުރިމަތިވި ދަތި ތައް ގިރާ ކުރުމަށް އެހީތެރިވެދިން. އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ހިންގުމަށް ފެށި މި ދަތުރުގައި އެހީވެދިން އެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން އެއީ މިމަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަހަރެން ގަބޫލު ކުރާގޮތުގައި، ފައްސި ވިސްނުމަކާއި، ވަުރުގަދަ އަޒުމެއްގެ އިތުރުން، ވަށައިގެންވާ އެކި ފަރާތްތަކުގެ އެހީއާއެކު ކޮންމެ ފަދަ ގޮންޖެހުމަކާއިވެސް ކުރިމަތިލެވޭނެ."

އިސްމާޢީލް ޢަލީ

ވަން ކްލިކްގެ ފައުންޑަރ، އިސްމާޢީލް ޢަލީ--

ވަން ކްލިކް ގެ ވިޔަފާރި ފެށިގެން އައި އިރާއި މިހާރާ އަޅާ ބަލާއިރު، ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފައެވެ. އެގޮތުން ، ވިޔަފާރީގެ މާހައުލަށް އަންނަމުންދާ ބަދަލުތަކާއި އެކު ދިމާވާ ގޮންޖެހުންތައްވެސް ތަފާތުވަމުންދާއިރު، އެކަންކަމާއި ކުރިމަތިލާނެ ގޮތްތައް ހޯދައި އެ ގޮންޖެހުންތައްވެސް ގިރާކުރުމުގެ މަސައްކަތް އިސްމާއީލް އަންނަނީ ކުރަމުންނެވެ.

އެގޮތުން، ޕްލާސްޓިކް ކޮތަޅާއި ގުޅިގެން ސަރުކާރާއި އާއްމުންގެ ހުރި ކަންބޮޑުވުންތަކާއިއެކު، ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ މަސައްކަތް ފެށިފައިވާއިރު, ޑެލިވަރީގެ ޚިދުމަތް ކޮށްދޭ ވިޔަފާރިއަކަށް އެކަން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. އެހެންކަމުން، އެ މައްސަލައިގެ ހުރި ޚައްސާސް ކަމަށް ބަލައި، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި، ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ޕެކޭޖިންގ އެއް ޚިޔާރު ކުރުމުގެ މަސައްކަތް ވަން ކްލިކް އިން މިހާރު ވަނީ ފަށާފައެވެ.

ވަން ކްލިކް ގެ ކުރިމަގާއި އުއްމީދުތައް

ވަން ކްލިކް ފެށިގެން އައިއިރު، އެއީ ދިވެހިރާއްޖޭގައި އޮތް ހަމައެކަނި އޮންލައިން ވިޔަފާރިކުރާ ވެބްސައިޓް ކަމުގައި ވީ ނަމަވެސް، މިހާރު އޮންލައިން ވިޔަފާރި އަކީ އާއްމު ކަމަކަށް މިވަނީ ވެފައެވެ. އެހެންކަމުން، ބަދަލުވަމުން އަންނަ ވިޔަފާރި ކުރުމުގެ ޓްެރެންޑާއި އެކު ވަން ކްލިކް އިންވެސް ވަނީ، އެ ކުންފުނީގެ ޔޫސާ ފްރެންޑްލީ ވެބްސައިޓްގެ އިތުރުން، އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ.

އަދި މީގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައިވެސް، ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ވިޔަފާރި ކުރި އަރުވައި، ބިނާކުރުވަނިވި ގޮތެއްގައި، ވަން ކްލިކް އިން ލިބެން ހުންނަ ޕްރޮޑަކްޓްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާނެ ކަމަަށް އިސްމާއީލް ވިދާޅުވި އެވެ.

އަލަށް ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްމާއިލްގެ ނަސޭހަތެއް

މި ފަހަކަށް އައިސް އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތައް އިތުރުވަމުންދާއިރު, ވިޔަފާރި ފަށާތާ މާ ގިނަ ދުވަހެއް ނުވަނީސް ހުއްޓޭ ތަންވެސް އަންނަނީ ފެންަނަމުންނެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށާއި، އަލަށް ވިޔަފާރިތައް ފަށާ ފަރާތަކަަށް އިސްމާއީލްގެ ތަޖުރިބާގެ އަލީގައި އޭނާ ދޭ ނަސޭހަތަކީ، އެމީހެއް އެ ދެކޭ ހުވަފެނާއި މެދު ހިތުގައި ފުރިހަމަ ޔަގީންކަން ބޭއްވުމެވެ.

"އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން އަންނަ ނެގެޓިވިޓީގެ ސަބަބުން، ބައެއް ފަހަރު، އެމީހަކަށް އަމިއްލައަށް ކުރަން އުޅޭ ކަންތައް ކުރެވޭނެ ކަމާއިމެދު ޝައްކު އުފެއްދޭ. އެހެން ކަމުން ޕޮޒިޓިވް ކޮށް ވިސްނައި، ތިމާ އެ ގަބޫލު ކުރާ ކަންތައް، ނުވަތަ ކުރަން އެ ބޭނުންވާ ކަންތައް ހާސިލް ކުރުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. "

އިސްމާޢީލް ޢަލީ

ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ވާދަވެރިކަން އިތުރުވަމުންދާއިރު، އަލަށް ވިޔަފާރި ފަށާ ފަރާތްތަކުގެ ވިޔަފާރި ގަބޫލުނުކުރުމާއި، ބޭނުންވާ އެއްބާރުލުން ނުލިބުމަކީ އާއްމުކޮށް ވަމުންދާ ކަންކަމެވެ. ޚާއްސަކޮށް ކުޑަ ބަޖެޓަކާއި މަދު ވަސީލަތްތަކާއިއެކު ފަށާ ވިޔަފާރިތަކަށް އެފަދަ ކަންކަން ކުރިމަތިވުން ގާތެވެ. އެހެންނަމަވެސް، އެފަރާތްތަކުން ވެސް ހިތްވަރު އެލުވާ ނުލައި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށް އިސްމާއިލް ނަސޭހަތްތެރިވެއެވެ. ތިމާ އެ ދެކޭ ހުވަފެން، ތިމާ ފަދައިން އެހެން އެކަކަށް ވެސް ނުދެކެވޭނެއިރު, ގޮންޖެހުންތަކާއި ކުރިމަތިލައި، ތިމާ ހާސިލް ކުރަންބޭނުން ލަނޑުދަނޑިއަށް ހާސިލްކުރުމުގެ އަމާޒުގައި، އެކަން ވާނެ ކަން ގަބޫލު ކޮށްގެން ކުރިއަށް ދިޔުމަށް އިސްމާޢީލް އެދެއެވެ.

Advertisement

ކޮމެންޓް