ޝެއިޚް ޝަފީޢު ކިޔައިދެއްވީ އަސްލު އަނިޔާވެރި ކަމަކީ ކޮބައިކަން!
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިވާނެ ކަމަށް އެމްޑީޕީ އާއި އަދުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދާއިރު، އަސްލު އަނިޔާވެރިކަމަކީ ކޮބައިކަން މިސަރުކާރުން ހިންގާފައިވާ ކަންކަމަށް އަލިއަޅުވާލައްވައި، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ޝަފީޢު އަބްދުالله ކިޔައިދެއްވައިފިއެވެ.
ޝެއިޚް ޝަފީއު މިއަދު ކުރެއްވި ޓުވީޓެއްގައި އަސްލު އަނިޔާވެރި ކަމަކީ ކޮބައިތޯ ސުވާލު ކުރައްވައި ގިނަ ކަންކަން ވަނީ ހާމަކޮށްދެއްވާފައެވެ.
އެގޮތުން ވިދާޅުވީ، އަނިޔާވެރި ކަމަކީ ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ މޯދީ ސަރުކާރުން ހިންގި ބިރުވެރި އަދި ނުބައި ޖަރީމާތަކާ ދެކޮޅަށް ޕާކިސްތާނުން އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަންގެ ޖަލްސާއަށް ހުށައެޅި ހުށައެޅުމާ ގުޅިގެން، މުސްލިމު ޤައުމުތަކުގެ މަޖިލިހެއްގައި މުސްލިމުންނާ ދެކޮޅަށް ވަކާލާތުކޮށް، ކަޝްމީރުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުތަކަށް ފައިން އަރައި، އިސްލާމީ އުޚުއްވަތްތެރި ޤައުމެއް ކަމަށްވާ ޕާކިސްތާނަށް ޖެއްސުން ކޮށް، ބީޖޭޕީ އާއި މޯދީ ދިފާޢު ކުރުން ކަމަށެވެ.
އަދި ދިވެހި ޤައުމުގެ މަޞްލަޙަތާއި ޙައްޤުތަކަށް އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތުތަކާއި ޙައްޤުތަކަށް ގެއްލުން ލިބޭނޭ އެއްބަސްވުންތަކުގައި ސިއްރިޔާތުގައި ސޮއިކޮށް، ރައްޔިތުންނަށް އެ އެއްބަސްވުންތައް ސިއްރު ކޮށް ފޮރުވުމަކީވެސް އަނިޔާވެރިކަން ކަމަށް ޝެއިޚް ވިދާޅުވި އެވެ.
ހަމައެހެންމެ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ޤައުމީ ސަލާމަތް ޤުރުބާންކޮށް، ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރެހުމުގެ ފުރުޞަތު ބޭރުގެ ބާރަކަށް ދީ، ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޯގްރަފިކް މަޢުލޫމާތާއި ކަނޑުއަޑީގެ ޖިއޮލޮޖިކަލް އަދި އެހެނިހެން މަޢުލޫމާތު ބޭރުގެ ބަޔަކަށް ހިތަކަށް ދިނުންވެސް އަނިޔާވެރިވުމަށް ވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، އަނިޔާވެރި ވުމަކީ ދިވެހިރާއްޖޭގެ ދެކުނު ކަނޑުން ބައެއް، ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް، ކަން ކުރި ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް އެއްވެސް ސިފައެއްގައި އެންގުމެއް ނެތި، ދެފުށް ފެންނަ ގޮތަށް އެއްވެސް ކަމެއް ކުރުމެއް ނެތި، ސިއްރު ސިޓީއެއްގެ ވަސީލަތުން މޮރިޝަސްއަށް ދޫކުރުން ކަމަށްވެސް ޝެއިޚް ވިދާޅުވި އެވެ.
"(އަނިޔާވެރި ކަމަކީ) ދިވެހިރާއްޖޭގައި ޤައުމު ދެކެ ލޯބިވާ، ޢިލްމުވެރި، އަޚްލާޤު ރަނގަޅު އަދި ޤާބިލު އެތައް ބަޔަކު ތިއްބައި، ޤާނޫނުއަސާސީއަށް ފައިން އަރައި ދިވެހި ސިފައިންނަކީ ފިނޑި ފިނދަނަތަކެއް ކަމަށް ސިފަކޮށް އިންޑިއާ ބޭނުން ވަގުތަކު އަރައި ދިވެހިރާއްޖެ ހިފިދާނެ ބުނި މާރިޔާ ދީދީ ޑިފެންސް މިނިސްޓަރަކަށް ހަދައި އެ މަޤާމުގައި ބެހެއްޓުން."
ޝެއިޚް ޝަފީއު އަބްދުالله
ޝެއިޚް ޝަފީއު އިތުރަށް ވިދާޅުވީ، އަސްލު އަނިޔާވެރި ވުމަކީ ދަރަނި ނެގުމާ ދެކޮޅޭ ކިޔައި، ކުރީ ސަރުކާރަށް އެއްޗެތި ގޮވަމުން، ދަރަނިވެރި ނުކުރުވާނެކަމުގެ ވަޢުދު ވަމުން ވެރިކަމަށް އައިސް، ކުރީގެ ހަތަރު ސަރުކާރުން 40 އަހަރުގެ ތެރޭގައި ނުނަގާ ވަރަށް ދަރަނި ނަގައި، ޤައުމު ދެރުވުން ކަމަށާ، އަދި ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އުފެއްދި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ރައްކާ ކޮށްފައި ހުރި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ މާރު ކޮށް، ފަންޑުގައި ހުރި ފައިސާ ތަޅައިބުރުވައި ހުސްކުރުން ކަމަށެވެ.
މީގެ އިތުރުން ޝެއިޚް އަސްލު އަނިޔާވެރިކަމަކީ ކޮބައިކަން ހާމަކުރައްވައި ވިދާޅުވެފައިވާ ބައެއް ކަން ކަމުގެ ތެރޭގައި؛
• ދިވެހިރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު މެނޭޖްކުރާން ނޭނގި، ދައުލަތުގެ މާލިއްޔަތު ހުސްކޮށް ދައުލަތް ބަނގުރޫޓުވާ ހިސާބަށް ދިޔުމުން، ރާއްޖޭގެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު ބޮޑުވެ، އާޚިރުގައި ހައިޕަރ-އިންފްލޭޝަނުގެ ޙާލަތެއް އުފެދުމަށް މަގުފަހި ވާނޭ ބީދައިން ތަކުރާރުކޮށް އެތައް ބިލިއަނަކުން ފައިސާ ޗާޕުކުރުން.
• ދިވެހިރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު މެނޭޖްކުރާން ނޭނގި، ދައުލަތުގެ މާލިއްޔަތު ހުސްކޮށް ދައުލަތް ބަނގުރޫޓުވާ ހިސާބަށް ދިޔުމުން، ރާއްޖޭގެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު ބޮޑުވެ، އާޚިރުގައި ހައިޕަރ-އިންފްލޭޝަނުގެ ޙާލަތެއް އުފެދުމަށް މަގުފަހި ވާނޭ ބީދައިން ތަކުރާރުކޮށް އެތައް ބިލިއަނަކުން ފައިސާ ޗާޕުކުރުން.
• ފަނޑިޔާރުގެ މިނިވަންކުރުމަށް ޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން ބަދަލު ކޮށް، އެ ތަނުގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ކުރާނެ ކަމަށް ރައްޔިތުންނަށް ވަޢުދުވުމަށް ފަހު، އެ ވަޢުދު އުވައިލައި، ޖޭއެސްސީ އިޞްލާޙު ނުކޮށް، ފަނޑިޔާރުގެއަށް އަތް ބޭނުމަށް ބޭނުން ކުރާ ހަތިޔާރަކަށް ޖޭއެސްސީ ހެދުން.
• ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލައިގެން، މިނިވަން ފަނޑިޔާރުގޭގެ ނިޒާމު "އެމްޑީޕީގެ ހަރުގެއެއްގެ" ގޮތުގައި ސިފަ ކުރެވޭ ޖޭއެސްސީގެ ދަށަށް ގެންގޮސް، ފަނޑިޔާރުގޭގެ އިދާރީ ނިޒާމު ޖޭއެސްސީގެ އަމުރުގެ ދަށަށް ލައި، ކޯޓުތަކުގެ ހިންގުން ހުއްޓުވުން.
• "ފަނޑިޔާރުގެ އިޞްލާޙު ކުރުން" ކަމުގައި ބުނެ އެމްޑީޕީގެ މުށުތެރެޔަށް ބޮޑެތި ކޯޓުތައް ގެންގޮސް، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބެންޗުތަކުގެ އަޣްލަބިއްޔަތަކީ އިސްލާމީ ޝަރީޢަތް އެއްގޮތަކަށް ވެސް ނުދަންނަ، ޤާނޫނުއަސާސީ ބުނާ ގޮތަށް އިސްލާމީ ޝަރީޢަތަކީ ޤާނޫނުގެ މަޞްދަރެއް ކަމުގައި ބަލައިގެން މައްސަލަތައް ބެލުމުގައި އިސްލާމީ ޝަރީޢަތަށް ރިޢާޔަތް ކުރުމުގެ ޢިލްމީ ޤާބިލުކަން ނެތް ފަނޑިޔާރުން ކަމުގައި ހެދުން.
• ދިވެހި ދައުލަތުގެ ޤާނޫނީ މުއައްސަސާއެއް ކަމުގައިވާ ފަތުވާ މަޖިލިހުން، އަންހެނުން ފަނޑިޔާރުކަމަށް ލުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައި ވަނިކޮށް، އެ ފަތުވާ އާއި އެ މުއައްސަސާއަށް ކުޅު ޖަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިސްލާމްދީނާއި އެ ދީނުގެ ޝަރީޢަތަށް ރިޢާޔަތް ކުރުމުގެ ޤާބިލުކަމެއް ނެތް ދެ އަންހެނުން އައްޔަން ކުރި ކުރުން.
• ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ކެންޔާގެ އަންހެން ކުއްޖާއަށް ޢަދުލުއިންޞާފު ލިބުމުގެ ދޮރުތައް ނުފޫޒުގެ ބާރުގައި ބަންދު ކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ވާކޮށް، އެ ކުއްޖާ ރާއްޖެއިން ފިލައިގެން ދާން މަޖުބޫރު ކުރި ކުރުމާ އެކު، ޢަދުލުއިންޞާފުގައި ދިވެހިރާއްޖެއަކީ ޞަދޫމުގެ ދަރަޖައަށް ވެއްޓިފައިވާ ޤައުމެއްކަމަށް ބޭރު ދުނިޔެއަށް ދައްކައިދީ، އަނިޔާ ލިބޭ ބިދޭސީއަކަށް ޙުރުމަތެއް އަދި ޙައްޤެއް ނެތް ޤައުމެއްގެ ހުތުރު ލޭބަލް ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ ނިތްކުރީގައި ޖެހުން.
• ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ރައްޔިތުން ނުހަނު ނިކަމެތި ވީ ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ޓަކައި ވެންޓިލޭޓަރުތަކެއް ގަތުމަށް ކުރި މުޢާމަލާތުގެ ތެރޭގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް ކޮރަޕްޝަން ހިންގައި، އެކަން ކުރި މީހުންނަށް ޤާނޫނަށް ފިލައިގެން އެ ބަޔަކު ދާނޭ ތަނަކަށް ދާން ފުރުޞަތު ދިނުން.
• އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު 270 ވަރަކަށް މީހުން ތިބި ކަމަށް ފުލުހުން ކުރި ޖިނާއީ ތަޙްޤީޤުތަކުގެ ތެރެއިން އެނގިފައި ވާއިރު، އޭގެ ތެރެއިން އެންމެ މީހަކަށް ދަޢުވާކޮށް، އެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ނުވަތަ އެ ކަމުން ފައިދާ ލިބިގަތްކަމަށް ތުހުމަތު ކުރެވޭ އެހެން އެންމެން ދޫކޮށްލުން.
• މާލެއާއި ތިލަފުށްޓާ ދެމެދު ބްރިޖެއް އެޅުމުގެ ނަމުގައި، ސިނަމާލެ ބްރިޖަށް ހޭދަ ވި ވަރަށް ވުރެ އެތައް ތަނެއް ބޮޑު ޢަދަދަކުން ލޯނު ނަގައިގެން، 5 އަހަރު ވީ އިރު ވެސް އެ ބްރިޖް ނޭޅި، ދިވެހީން ދަރަނިވެރިކުރުވުން.
• މަސްތުވާ އެއްޗެއް ބޮއިގެން ހުރިކަމަށް ޝައްކު ކުރެވިގެން ކުޑަކަމުދާ ސާންޕަލް ދޭން ފުލުހުން އަމުރު ކުރުމުން އެ އަމުރަށް ތަބާ ނުވި ހާމިދު އަބްދުލްޣަފޫރު ފަދަ މީސްމީހުން ލައިގެން ޤާނޫނުއަސާސީއާ ޚިލާފަށް ޕޮލިސް ބޯޑުގައި ހިމެނުން.
• އިންޑިއާގެ މޯދީ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމައަށް ހަޖޫ ޖަހައި ހުތުރު އެއްޗެތި ގޮވުމުން، ދުނިޔޭގެ ގިނަ މުސްލިމް ޤައުމުތަކުންނާއި ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް ޝުޢޫރުތައް ފައުޅު ކުރަމުން ދިޔަ ވަގުތު، އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ ފިލައިގެން ތިބުން.
• ގުޖުރާތުން ފެށިގެން ކަޝްމީރާ ހަމަޔަށް، އިންޑިއާގެ ކަންކޮޅުތަކުގައި އެތައް ހާސް މުސްލިމުންނެއް މަރައި، އެތައް ހާސް މުސްލިމް ކުޑަކުދީން ކަތިލައި، އެތައް ހާސް މުސްލިމުން ރޭޕް ކުރުމުގެ ނުބައި ޢަމަލުތައް ހިންގުމުގެ ފަހަތުގައި ހުރި އެއް ބޮޑެއް ކަމުގައިވާ ނަރެންދުރަ މޯދީ ރާއްޖެ ގެނެސް، އޭނާއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ތަޤުރީރު ކުރުމުގެ ފުރުޞަތު ދީ، އޭނާއަށް ދިވެހި ދައުލަތުން ދޭ އެންމެ ޢިއްޒަތްތެރި ލަޤަބު ދިނުން.
• ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނާ ގުޅުވައި، ދައުލަތުގެ ބަޖެޓުން ބޭރުން ވޯޓު ގަތުމަށް ދޭ ރިޝްވަތު ކަމުގައި ވާނޭ ފަދައިން އެތައް މިލިއަނެއް، ޤައުމީ މަޞްލަޙަތާއި އިޤްތިޞާދީ އަދި އިޖުތިމާޢީ މަޞްލަޙަތަށް ބެލުމެއް ނެތި ބަހައި، މިނިވަން އަދި އިންޞާފުވެރި އިންތިޚާބުގެ ޙައްޤުން ރައްޔިތުން މަޙްރޫމު ކުރުން.
• ފާއިތު ވި ފަސް އަހަރުގެ ތެރޭގައި، ކޯވިޑް-19 ގެ ބަލިމަޑުކަމާއި، ސަރުކާރުގެ އިޤްތިޞާދީ ނާޤާބިލުކަމާއި، ހިންގަމުން ދިޔަ ބޮޑެތި ޚިޔާނާތްތަކާއި، ނަގަމުން ދިޔަ ބޮޑެތި ދަރަނިތަކާ ހުރެ ދިވެހި އިޤްތިޞާދު އަނދަވަޅަކަށް ވައްޓައިލައިފައިވާ ޙާލު، އިރުއިރުކޮޅާ ބޭރު ޤައުމުތަކަށް ބޮޑެތި ވަފުދުތައް ގޮވައިގެން ދަތުރު ކުރުމަށް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރުން.
• ދިވެހިރާއްޖޭގައި، އިސްލާމް ދީނުގައި އެންމެ ބޮޑު އެއް ފާފަ ކަމުގައި ކަނޑައެޅިފައިވާ ލިވާޠުގެ ކުށް ފުޅާ ދާއިރާއެއްގައި ކުރި ބަޔަކު ފަޅާ އެރުމުން، އެ މީހުންނަށް ޙިމާޔަތް ދީ، އެ މީހުންގެ މައްޗަށް ދަޢުވާ ކުރި އިރު އެމީހުންގެ މައްޗަށް އަދަބަކަށް ވާ އަދަބެއް ނުލިބޭނޭ ގޮތަށް ދަޢުވާ ކޮށް، ހުރިހައި ގޮތަކުން އެ ކަމާއި އެކަން ކުރި މީހުންނަށް ހިތްވަރު ދީ ޙިމާޔަތް ދީ، އިސްލާމީ ދިވެހިރާއްޖޭގައި ލިވާޠުގެ ބިރުވެރި ޖަރީމާއަކީ ކުޑަކުޑަ ކަމެއް ކަމުގައި ހެދި ހެދުން.
• އިޤްތިޞާދު ހިންގާން ނޭނގި، ދައުލަތާއި ޤައުމަށް ވަންނަ އާމުދަނީ އިތުރު ކުރާނޭ ގޮތެއް ނޭނގުމުން، ޤައުމީ އިޤްތިޞާދު ފުނޑުފުނޑު ވެގެން ހިނގައިދާނޭ ފަދަ ގޮތްގޮތަށް، ފައިސާ ޗާޕުކުރުމާއި، ޖީއެސްޓީ ބޮޑު ކުރުމާއި، ރައްޔިތުން ޖޫރިމަނާ ކޮށްގެން ފައިސާ ހޯދުން ފަދަ، ފަނާ ކުރަނިވި ކަންކަން ކުރުން.
ޝެއިޚް ޝަފީއު
• އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް ހަދައި، އެ ކޮމިޝަނަށް އެތައް މުއައްޒަފުން ލައިގެން، އެތައް އަހަރެއް ވާންދެން މުސާރަ އާއި ޚަރަދުތަކުގެ ގޮތުގައި އެތައް މިލިއަނެއް އެތަނަށް ޚަރަދުކޮށް އިސްރާފު ކުރުން. އަދި އެތަނުން ދިވެހި ދައުލަތަށް އަނބުރައިހޯދައިދެވުނު އެންމެ ލާރިފޮއްޗެއް ވެސް ނެތުން.
• ގެއްލުވައިލި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރައިލެވުނު މީހުންނަށް އިންޞާފު ހޯދައިދިނުމުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ހަދައި، އެ ކޮމިޝަނަށް އެތައް މުއައްޒަފުން ލައިގެން، އެއްވެސް ނަތީޖާއެއް ނުނެރެވުނުތާ، އެތައް އަހަރެއް ވާންދެން މުސާރައާއި ޚަރަދުތަކުގެ ގޮތުގައި އެތައް މިލިއަނެއް އެތަނަށް ޚަރަދުކޮށް އިސްރާފު ކުރުން.
• މުރުތައްދު ވުމާއި، ދީނަށް ގޮން ޖަހައި ހުތުރު އެއްޗެތި ގޮވުމާއި، އަދިވެސް ދީނާ ދެކޮޅު އެކިއެކި ޖަރީމާތައް ހިންގި އެމްޑީއެންގެ ބޮޑުން، އުތެމަ ޖަމްޢިއްޔާގެ ބޮޑުން، ވެލެޒިނީ، ރުސްތުމް، އަދި އުފާ ފަދަ މީސްމީހުންނާ މެދު އިންޞާފުގެ ފިޔަވަޅުތައް ނޭޅުން.
• މިސްކިތްތަކުގެ ޙުރުމަތް ކަނޑައި، މިސްކިތުގެ ތެރެޔަށް ކުޑަކަމު އަދި ބޮޑުކަމު ދިޔުމާއި، ކީރިތި ޤުރްއާނަށް ކުޅު ޖެހުން ފަދަ ނުބައި ޢަމަލުތައް ހިންގި މުޖުރިމުންނާ މެދު އެކަށީގެންވާ ޤާނޫނީ ފިޔަވަޅު ނޭޅުން.
• ކުރެދިކުރި މި ނަމުގައި ވަގު ޓުވިޓަރ އެކައުންޓެއް ހަދައިގެން އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކީ ކާކުކަން ރައްޔިތުންގެ ބަޔަކު އަމިއްލައަށް ހޯދައި އެ މީހާ ހައްޔަރު ކޮށް ޢަދާލަތުގެ ކުރިމައްޗަށް ގެނައުމަށް ގޮވައިލަމުން ދަނިކޮށް، އޭނާއަށް ޙިމާޔަތް ދީ ރާއްޖެއިން ފިލައިގެން ދާން އެހީތެރި ވެދީ ފުރުވުން.
• އެއް ޖިންސުން ކުރާ ކައިވެނިތަކަކީ ވެސް ޞައްޙަ ޢާއިލާތައް އުފެދޭ ގޮތެއް ކަމުގައި ބަލައިގަންނާން ޖެހޭ ކަމުގެ މާނަ ދޭހަވާ ގޮތަށް ލިޔުންތައް ލިޔެފައި ހުރި މީހަކު އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ބެހެއްޓުން.
• އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓު ބޮޑު ކުރަމުން ދާއިރު، ދީނީ ކަންކަމަށް ބަޖެޓުން ހޭދަ ކުރާ މިންވަރު އަހަރުން އަހަރަށް ކުޑަ ކުރުން. (އެގޮތުން، 2018 ވަނަ އަހަރާ އަޅައިބަލާއިރު، މި ވެރިކަމުގެ ފުރަތަމަ އަހަރު ދީނީ ކަންކަމަށް ކަނޑައެޅީ 45 އިންސައްތަ ކުޑަ ބަޖެޓެއް.)
• އިސްލާމް ދީނާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް މަޝްހޫރު އިނގިރޭސި ވިލާތުގެ ކިއުލިއަމް ފައުންޑޭޝަން ރާއްޖެ ގެނެސް ޕޮރްގްރާމުތަކެއް ހިންގުން.
Advertisement
This content is created and paid for by advertisers and does not involve Voice Journalists