ގަވާއިދުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގިނަ އަދަދެއްގެ ފަރާތްތަކުން ރާއްޖޭގައި ކެމިކަލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހާމަކޮށްފިއެވެ.
ޓީވީ މޯލްޑިވްސް (ޓީވީއެމް) ގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓްގެ ޑިރެކްޓަރ ޒިދްނާ މުހައްމަދު ވިދާޅުވީ، ކެމިކަލް ވިއްކާ ބައެއް ފަރާތްތަކުން އެކަމަށް ބޭނުންވާ ރަސްމީ ހުއްދަ ނުނަގައި ވިޔަފާރިކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ފަރާތްތަކަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން، 26 އޮކްޓޯބަރުގެ ކުރިން ހުއްދަ ނެގުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒިދްނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ގަވާއިދާ ޚިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް، ކެމިކަލް އެތެރެކުރުމުގެ ހުއްދަ (އިމްޕޯޓް ޕާމިޓް) ދޫނުކުރެވޭނެއެވެ. އަދި އިމްޕޯޓް ޕާމިޓްތައް ދޫކުރެވޭނީ ވެސް ކެމިކަލް ވިއްކުމުގެ ހުއްދަ ފުރިހަމައަށް ނެގުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކެމިކަލް އިމްޕޯޓް ނުކުރި ކަމުގައި ވިޔަސް މި ކެމިކަލް ވިއްކާ ފަރާތްތައް، މިސާލަކަށް މާލެއިން ގަނެގެން ރަށްރަށަށް ގެންގޮއްސަ ނޫނީ މާލޭގެ ބޮޑެތި ފިހާރައަކުން ގަނެގެން ކުޑަ ފިހާރައެއްގަ ވިއްކ ފަރާތްތައް ވެސް އެބަ އުޅޭ. އެހެންވީމަ އެފަރާތްތަކުން ވެސް ވާނެ ފިހާރަ ރަޖިސްޓަރ ކުރަން. އަޅުގަނޑުމެންގެ ކުދި ބޯޓުތަކުގެ ތެރެއިން އަދި 200 ކިލޯ އަށްވުރެ ބޮޑެތި އަދި މިނޫންގަނޑު ފިހާރަތައް ގެންގުޅޭ އެފަދަ ފަރާތްތަކަށް ވެސް ހުއްދަނަގައިގެން އެފަދަ ފަރާތްތަކަށް ވެސް ކުރިއަށް ގެންދެވޭނެ
ޑިފެންސް މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓްގެ ޑިރެކްޓަރ ޒިދްނާ މުހައްމަދު
ޒިދްނާ ވަނީ 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުން ވެސް އުސޫލްގެ ދަށުން ހުއްދަ ނަގައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
ހުއްދައަށް އެދި ހުށަހެޅުމުން، އެ ތަނެއް އިންސްޕެކްޓް ކުރުމަށްފަހު ގާތްގަނޑަކަށް ފަސް ދުވަހުގެ ތެރޭގައި ޕާމިޓް ދޫކުރުމުގެ މަސައްކަތް ހަމަޖެހިގެންދާނެ ކަމަށާއި، އާންމުކޮށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާމިޓް ލިބިގެންދާނެ ކަމަށް ވެސް ޒިދްނާ މުހައްމަދު މައުލޫމާތު ދެއްވިއެވެ. މި ފުރުސަތަކީ ގަވާއިދާ ޚިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ދެވޭ މުހިންމު ފުރުސަތެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists