ސުޝްމާ ސުވަރާޖު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ހަރ އެކްސެލެންސީ ސުޝްމާ ސުވަރާޖު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރެއްވިއެވެ.
އެގޮތުން އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވާ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ހަރ އެކްސެލެންސީ ސުޝްމާ ސުވަރާޖު ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު ހިއްސާ ކުރައްވައި، ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ރަޝީދާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ހަނާން ޙުސައިން އަދި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists