Advertisement

ޓްވީޓްކޮށްގެން ފުލުހަށް ހާޒިރުކުރުން: އައު ކަމެއް ނޫން

މި ދެދުވަހަކު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓް، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވި މައްސަލައެވެ. 

”ސަރުކާރަށް ފާޑުކިޔައި“ އޭނާ ކުރި ޓުވީޓަކުން ފުލުހަށް ހާޒިރު ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަަޅައި ޑިމޮކްރަސީން ލިބިދޭ ބާރުތައް ކަނޑުވާލުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ، ޚާއްސަކޮށް އެމްޑީޕީން ޓުވީޓްތައް ކޮށް، މަގުމައްޗަށް ނުކުންނަ ހިސާބަށް ގޮސްފައިވާއިރު، މި މައްސަލާގައި އެޕާޓީން ދިފާޢުގައި ދައްކަމުންދާ ވާހަކަތުގެ ތަފްސީލަށް ދިޔުމުގެ ކުރީން، މައްސަލަ ފެށުނު ޓުވީޓުގައި އޮތް އެއްޗެއް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

މިފަދަ ބަހުރުވައަކުން ”ކައްޒާބަށް“ ނިސްބަތްކޮށް މި ޕޯސްޓުގައި އިންޒާރު ދީފައިވާއިރު، މި މައްސަލާގައި، އޭނާގެ މައްޗަށް ތިން ދައުވާއެއް ފުލުހުން ކުރެއެވެ. އެއީ؛ 

- މީހަކަށް އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ތުހުމަތު

‏- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ބިރެއް ކުރިމަތި ކުރުމުގެ ތުހުމަތު

‏- ހަޑި ހުތުރު އެއްޗެއްކަން އެނގި ހުރެ އަދި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުން/ފޯރުކޮށްދިނުމުގެ ތުހުމަތު. 

މިމައްސަލާގައި ފުލުހުންނަށް ދިން ބަޔާނުގައި ޝާފިއު ބުނީ، އޭނާގެ ޕޯސްޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ކުރި ޕޯސްޓެއް ނޫން ކަމަށެވެ. އަދި އެ ޕޯސްޓުގައި ހަޑި ހުތުރު ބަސްވެސް ބޭނުން ނުކުރާ ކަމަށާ، އިންޒާރުވެސް ނުދޭ ކަމަށެވެ. 

ޝާފިއުގެ ޕޯސްޓުގައި ”ކައްޒާބު“ ނިސްބަތްކުރި ފަރާތާއި އޭނާ ދިފާޢުގައި ދެއްކި ވާހަކަތައް މިނެކިރުން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

އެމްޑީޕީގެ ލީޑަރޝިޕް ޑިމޮކްރަސީގެ ދިފާއުގައި ނުކުތުން

ޝާފިއުގެ ޕޯސްޓާއި ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމާއެކު އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި އަޑު އުފުލަމުންނެވެ. 

އެގޮތުން އެމްޑީޕީގެ އިސް ލީޑަރ އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީސް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. 

ޞާލިޙްގެ އިތުުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އަދި އެޕާޓީގެ ރައީސް ޢަބްދުالله ޝާހިދުވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

މި މައްސަލާގައި ޝާފިއުގެ ދިފާޢުގައި އެމްޑީޕީން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާވެސް ކޮށްފައެވެ.

”ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ“

މީސްމީޑިއާ ޕޯސްޓާއި ގުޅިގެން ޝާފިޢު ފުލުހަށް ހާޒިރު ކުރި މައްސަލާގައި އެމްޑީޕީ ލީޑަރޝިޕަށް ދާހިލީ ވަޒީރު އަލީ އިހުސާން  ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. 

އެގޮތުން ވިދާޅުވީ، ޝާފިޢުގެ ޕޯސްޓުގައި ލިޔެފައިވާ ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތް ކަމަށާ އެކަމުގެ ތަފްސީލް ހޯދުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައި ވާއިރު، މި ސަރުކާރު އައި ފަހުން، މީސްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން މީސްމީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމްވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ، ސައްހަ ނޫން ރިޕޯޓެއް އާއްމު ކުރި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ވެސް ހިފަހައްޓާފައެވެ.

މީސް މީޑިއާ ޕޯސްޓު ތަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރުން؛ މިއީ އައު ކަމެއް ނޫން

މީސް މީޑިއާ ޕޯސްޓަކާއި ގުޅިގެން އެމްޑީޕީ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކޮށްގެން އެ ޕާޓީގެ ލީޑަރޝިޕް ކެކިއަރައިގެންފައިވާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް އެފަދަ ކަންކަން ވަނީ ތަކުރާރުކޮށް ފެންމަތިވެފައެވެ. 

އެގޮތުން، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރީގެ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ވަނީ ދެ ފަހަރެއްގެ މަތީން ފުލުހަށް ހާޒިރުކޮށްފައެވެ. އޭނާވެސް ހާޒިރު ކުރެވުނީ، ޑރ މުހައްމަދު އިޔާޒު އާއި، ޝެއިޚް ޢަލީ ޒައިދުގެ އިތުރުން ޑރ އާދަމް ޝަމީމް ހައްޔަރު ކުރުމަށް ފުލުހުން ތައްޔާރު ވަމުންދާ ކަމަށް ވިދާޅުވެ މީސް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

އެ މައްސަލާގައި ދެފަހަރެއްގެ މަތިން އޭނާ ފުލުހަށް ހާޒިރު ކުރެވުނުއިރު އެހެން މައްސަލައެއްގައި ޖިނާއީ ބޮޑު ތުުހުމަތެއްކޮށް ދެފަހަރު މަތީން ފުލުހަށް ހާޒިރު ކުރެވުނެވެ. 

މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ކޮވިޑު ފެށުނު ދުވަސްވަރު، މީސް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ) ކުރި ޓްވީޓަކާއި ގުޅިގެން، އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ހިފަހައްޓާ ފޯނު އަތުލައި ފުލުަސް އޮފީހަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ، ލަންކާގެ ބުދުތަކަކަށް ގެއްލުންދިން މައްސަލައެއްގައި ހޯދާ ދިވެއްސެއްގެ ސްކެޗެއް ރާއްޖޭގެ ނޫހެއްގައި ޖެހުމުން އޭނާއާ ވައްތަރުކަމަށް ހިޔާލަށް ފެނުނު މީހެއްގެ ފޮޓޯއެއް، މީސްމީޑިއާ އެކްޓިވިސްޓް، އަހުމަދު އިބްރާޙީމް (ޕޮކްމޭން)، ޓްވީޓްކުރުމުން  އެމްޑީޕީ ސަރުކާރުގައި އޭނާ ޕޮލިހަށް ހާޒިރު ކުރެވުނެވެ. އެ މައްސަލާގައި ދެފަހަރެއްގެ މަތީން އޭނާ ފުލުހަށް ހާޒިރުކުރެވުނެވެ.

މީސްމީޑިއާ އެކްޓިވިސްޓުންގެ އިތުރުން، ނިމިދިޔަ ސަރުކާރުން ވަނީ، ދީނީ ޢިލްމުވެރިންވެސް، އެބޭފުޅުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކާއު ގުޅިގެން ފުލުހަށް ހާޒިރު ކޮށްފައެވެ. 

އެގޮތުން، ގާނޫނުލްއުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލާއި ގުޅިގެން ޝެއިޚް މުޖުތަބާ ކުރެއްވި އެކްސް ޕޯސްޓަކާއި ގުޅިގެން ޝެއިޚް، ފުލުހަށް ހާޒިރުކޮށްފައިވެއެވެ.

ހަމަ އެހެންމެ، މީސްމީޑިއާގައި ސިޔާސީ ފަރާތްތަކަށް ފާޑުކިޔައި ޕޯސްޓުތައް އާއްމުކުރަމުންދާ"ސިރޫ އާޓްސް" ޕޭޖު ހިންގާ މުހައްމަދު ސިރުހާނާއި، ގާނޫނީ ވަކީލު އިބްރާޙީމް އިސްމާޢީލް (އިބްރާ) ވެސް މީސްމީޑިއާ ޕޯސްޓުތަކާއި ގުޅިގެން ނިމިދިޔަ ސަރުކާރުގައި ފުލުސް އޮފީހަށް ހާޒިރު ކުރެވުނެވެ.  

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މީސް މީޑިއާގައި ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލުންތަ؟ 

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގެ އެއް މަސްދަރެވެ. 

އެ މިނިވަންކަމުގެ ތެރޭގައި:

ޚިޔާލާއި ޝުޢޫރު ފާޅުކުރުމާއި،

ވެރިން ޖަވާބުދާރީ ކުރުވުމާއި،

ބިނާކުރަނިވި ފާޑުކިޔުމާއި،

ތަހުޒީބުގޮތުގައި ބަހުސްކުރުން ހިމެނެއެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދަ ކޮންމެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ހައްގެއްކަމުގައި ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން، އެމިނިވަންކަން ކިތަންމެ ފުޅާވިޔަސް، އޭގައި ހައްދުތަކަކާއި ހަމަތަކެއްވާކަމަށް، ގާނޫނީ ފަންނުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ގާނޫނީ ވަކީލު، ޑރ. ޝަމްސުލް ފަލާޙް ވިދާޅުވެއެވެ. 

”މީހުންނަށް ގެއްލުމެއް ދޭނެކަމުގެ އިންޒާރުދިނުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ހިމެނޭ ކަމެއް ނޫނެވެ. އެއީ ޙައްޤެއް ނޫނެވެ. އެއީ ކުށެކެވެ.“ ޝަމްސުލް ފަލާހް ވިދާޅުވިއެވެ.

މިއާއެކު އޭނާ ވިދާޅުވީ، ޑިމޮކުރަސީއެއް ދެމިއޮންނަނީ ތަޅާފޮޅައި ބިރުދައްކައިގެނެއް ނޫން ކަމަށާ، އެހެނެއް ކަމަކު، ޚިޔާލު ތަފާތުވިޔަސް، ސަބަބުވެރި އުސޫލުތަކަށް ތަބާވެގެން ފާޅުކުރާ ޚިޔާލުން ކަމަށެވެ.

”މި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށް ދިނުމަކީ، ސަރުކާރު ހިންގާން ތިބޭ މީހުންގެ ވާޖިބެކެވެ. އަދި އިމުގެ ތެރޭގައި ޚިޔާލު ފާޅުކުރުމަކީ އާންމުންގެ ޒިންމާއެކެވެެ.“ ޝަމްސުލް ފަލާހް ވިދާޅުވިއެވެ.

ކަންމިހެން ހުރުމުން، ޚިޔާލު ފާޅުކުރުމުގެ އިމުން ބޭރުން، ބޭނުން އެއްޗެއް ކިޔައި، މީހުންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަން ސާފުކޮށް އެނގިގެންދެއެވެ. އަދި އެފަދައިން، ކަން ކަން ކުރުމުން، ނުވަތަ އެކަމަށް ތުހުމަތު ކުރެވުމުން، އެކަން ބެލުމަކީ ސަރުކާރަކުން އަލަށް ކުރި ކަމެއްވެސް ނޫނެވެ. 

ނަމަވެސް، ސޯޝަލް މީޑިއާ ޕޯސްޓްތަކާއި ގުޅިގެން ކުރިންވެސް މީހުން ފުލުހަށް  ގެންދާކަމަށް ބުނެ، އެކަން ވަރިހަމަކޮށްލައިގެން ތިބުމަކީވެސް ހައްލެއް ނޫނެވެ. ޚިޔާލުފާޅުކުރުމާއި ބިރު ދެއްކުމާ ދެމެދު އޮތް ރޮނގަކީ ކޮބައިކަން އެކްޓިވިސްޓުންވެސް އަދި ސަރުކާރުންވެސް ބޮޑަށް ބަލައި ދިރާސާކޮށް އަހުލުވެރިވާންވީއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement