މާލެ ސިޓީ ތައްޔާރީ ޙާލަތަކަށް ގެނެސްފި!

23 May 2019 | 15:10

މާލެއަށް މިއަދު ހެނދުނުން ފަށައިގެން ކުރަމުންދާ ވިއްސާރާއާއި ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް ތައްޔާރީ ޙާލަތުގައި ވާކަމަށް ސިޓީ ކައުންސިލްއިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ކުރެއްވި ޓުވީޓެއްގައެވެ.

ޝަމާއު ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ޤާއިމުކުރެވިފައިވާ 12 ސްޓޯމްވޯޓަރ ޕަމްޕްގެ އިތުރުން އެމްއެންޑީއެފްގެ ޕަމްޕްތަކެއް މިހާރު ޖައްސާފައިވާ ކަމަށާއި ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަމާއި އެފަދަ ޚާލަތްތައް އިތުރަށް ގޯސްވިޔަނުދިނުމަށް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުން މިހާރުވެސް ޙަރަކާތްތެރިވަމުންދާކަމަށެވެ.

މާލޭގެ ފެންބޮޑުވުމާ އެކު ފެން ހިންދުމަށް މިހާރު އެމްއެންޑީއެފްގެ ޕަންޕްތައް އަންނަނީ ބޭނުންކުރަމުންކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސާރ އާޒިމް މީޑިއާތަކަށް މައުލޫމާތު ދެއްވިއެވެ.

އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އަންނަނީ ވެސްޓްޕާކް ސަަރަހައްދާއި، އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގެ އިތުރުން އެކުވެރި ދުވާ ޓްރެކް ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ފެން ހިންދުމަށް ޕަންޕް ބޭނުން ކުރަމުންނެވެ.

މާލެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މާލެސިޓީ ކައުންސިލުން ކުރަމުން އަނަކަމަށް ސިޓީ ކައުންސިލުން ވަނީ މީގެކުރިންވެސް ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް