ގަނޑުވެގެން މަރުވި ޣައްޒާގެ ތުއްތު ކުއްޖާގެ މަންމަގެ ހިތްދަތި ވާހަކަތައް: އަދިވެސް އެ ތުއްތު ދަރިފުޅު ރޯ އަޑުއިވޭ
ފިނިން ރައްކާތެރިވުމަށް ވަންނާނެ ރަނގަޅު ގެދޮރެއް ނުވަތަ ލާނެ ފިނި ހެދުމެއްނެތި ފިނި މޫސުމުގެ އެންމެ ފިނި ދުވަސްތައް ހޭދަކުރަމުންދާ ޣައްޒާގައި، ގަނޑުވެގެން މަރުވި 14 ދުވަހުގެ ތުއްތު ކުއްޖެއްގެ މަންމައެއްގެ ހިތްދަތި އިހްސާސްތައް ބަންޑުންކޮށްލައިފިއެވެ.
އަލްޖަޒީރާއަށް ދިން ޚާއްސަ އިންޓަވިޔު އެއްގައި، އުފަންވިތާ އެންމެ 14 ދުވަސްވީ ދުވަހު ނިޔާވި ތުއްތު މުޙައްމަދުގެ މަންމަ އީމާން އަބޫ އަލް-ޚައިރު (34އ) ވަނީ ދަރިފުޅު މަރުވި ދުވަހު ކަން ހިނގިގޮތާއި ޣައްޒާގައި އެ ޢާއިލާ ދިރިއުޅެމުންދާ ހިތްދަތި ހާލަތު ބަޔާންކޮށްދީފައެވެ.
ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ފޭލިގެތަކުގެ ތެރެއިން ފޭލި ގެއެއްގައި އީމާން އަބޫ އަލް-ޚައިރު އެވާހަކަތައް ކިޔައިދީފައިވަނީ، އޭނާގެ ދަރިފުޅުގެ ހެދުންކޮޅުތައް އަޅާފައިހުރި ކުޑަ ދަބަހުގައި ބައްދާލައިގެން އިނދެއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމަޔާއި މޮޅިވެރިކަމެވެ.
އެ އާއިލާ ދިރިއުޅެމުން އަންނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ހުޅަނގަށް އޮންނަ އަލް-މަވާސީގެ ފޭލި ގެއެއްގައެވެ. އެއީ ޚާން ޔޫނިސްގެ އިރުމަތީގައި ހުރި އެމީހުންގެ ގެއިން ހިޖުރަކޮށް، ދިރިއުޅެމުންދިޔަ ތަނެވެ.
ޑިސެމްބަރު 13 ވަނަ ދުވަހުގެރޭ އީމާން އޭނާގެ ތުއްތު ދަރިފުޅު ނިންދެވުމަށްފަހު، ފަހުން ހޭލައި ބެލިއިރު، ކުއްޖާ އޮތީ ކަންބޮޑުކުރުވަނިވި ހާލަތެއްގައެވެ.
އެރެއަކީ ޣައްޒާއަށް އިންތިހާއަށް ފިނި ދުވަހަކަށް ވީއިރު، އެ ފިނިން ސަލާމަތްވުމަށް ތުއްތު ކުއްޖަކަށް ބޭނުންވާ ފަދަ އެކަށީގެންވާ ވަގުތީ ހިޔާއެއް ނުވަތަ ހެދުންކޮޅެއް ނެތުމުން، މުހައްމަދު ރައްކާތެރިކުރާނެ އެއްވެސް ގޮތެއް އޭނާގެ މަންމައަކަށް ނެތެވެ.
"އެކުއްޖާގެ ހަށިގަނޑު ހުރީ އައިސް ފަދައިން ފިނިވެފަ. އަތްފައި ގަނޑުވެ، މޫނު ރީނދޫވެ، ވިންދުހުރީ ކިރިޔަ ކިރިޔާ. އަހަރެން އަވަހަށް ފިރިމީހާއަށް ގޮވައި ހޭލެއްވިން. ހޮސްޕިޓަލަށް ދާން. ނަމަވެސް އެތަނަށް ދާނެ އެއްވެސް ދަތުރުފަތުރުކުރާ ވަސީލަތެއް ފިރިމީހާއަށް ނުފެނު. އެއީ ދަންވަރު. އެވަގުތު ދިޔައީ ބޯކޮށް ވާރޭ ވެހެމުން. އެހެންކަމުން، ދަރިފުޅު އުރައިގެން ހިނގާފައިވެސް ހޮސްޕިޓަލަށް ދިއުމަކީ ނުކުރެވޭނެ ކަމެއް.“ އީމާން ކިޔައިދިނެވެ.
އެހެންކަމުން، އެ އާއިލާއަށް ޖެހުނީ ހެނދުނު ވަންދެން މަޑުކުރާށެވެ.
"ހެނދުނު އަލިވިލުމާއެކު، އަހަރެމެން ހޮސްޕިޓަލަށް ދިޔުމަށް އަވަސްވީމު. ދެވުނުއިރު ދަރިފުޅު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި." އީމާން ބުންޏެވެ.
އީމާން އާއި އޭނާގެ އަންހެން ދަރިފުޅު:ފޮޓޯ/ އަލްޖަޒީރާ
ޚާން ޔޫނިސްގައި ހުންނަ ރެޑް ކްރެސެންޓް ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނާ ހަމައަށް ގެންދެވުނުއިރު ތުއްތު ދަރިފުޅުގެ މޫނު މުޅިން ނޫކުލައަށް ބަދަލުވެ، އެކުއްޖާގެ ހަށިގަނޑު އޮތީ ގަނޑުވެފައެވެ. ޑޮކްޓަރުން ވަގުތުން އެކުއްޖާ ތުއްތު ކުދިންގެ އިންޓެންސިވް ކެއާރ ޔުނިޓަށް ގެންދިޔައެވެ.
ދެ ދުވަސްވަންދެން ވެންޓިލޭޓަރުގައި އޮތުމަށްފަހު، މުހައްމަދު މަރުވީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ހެނދުނުއެވެ.
"އަހަރެންގެ ދަރިފުޅުގެ އެއްވެސް ބައްޔެއް ނެތް. ޓެސްޓުތަކުން އެއްވެސް ބައްޔެއް ނުފެނޭ. އެކުއްޖާގެ ކުޑަކުޑަ ހަށިގަނޑަށް ފޭލިގެތެރޭގައި ހުރި ގަދަފަދަ ފިނިކަން ތަހައްމަލެއް ނުކުރެވުނު." ލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލު އީމާން ކިޔައިދީފައިވެއެވެ.
"އެކުއްޖާގެ ތުއްތު ރުއިމުގެ އަޑު އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމާލާ. ދެން އެ ތުއްތު ދަރިފުޅުގެ ރުއިމުން އަހަރެން ހޭލައްވަން ދުވަހަކުވެސް ނާންނާނެކަން އަދިވެސް ގަބޫލެއްނުކުރެވޭ."
މުޙައްމަދުގެ މަންމަ
މުހައްމަދު އުފަންވީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. އިސްރާއިލުގެ ޤަތުލުޢާއްމު ކުރިއަށްދިޔަ ނަމަވެސް، ދަތި އުނދަގޫ ދުވަސްތަކެއްގެ ފަހުން ލިބުނު މި ދަރިފުޅުގެ އުފާވެރިކަން އަބޫ އަލް-ޚައިރުގެ އާއިލާއިން ފާޅުކުރިއެވެ.
"އަހަރެން ބަނޑުބޮޑުވެގެން އުޅުނީ ވަރަށް ދަތި ހާލެއްގައި. އަހަރެމެން ވަރަށް ދަތި ހާލަތްތަކާއި ބަނޑުހައިހޫނުކަން ތަހައްމަލުކުރީމު، އަދި އަހަރެން ވަރަށް ވަރުބަލިވި. ނަމަވެސް މުހައްމަދު ސަލާމަތުން އުފަންވުމާއެކު، އަހަރެންގެ ހުރިހާ ތަކްލީފެއް ފިލައިގެންދިޔަ. ދެ ހަފްތާފަހުން އެކުއްޖާ ގެއްލިދާނެކަމަކަށް ދުވަހަކުވެސް ހިއެއްނުކުރަން." މުހައްމަދުގެ މަންމަ އީމާން ކިޔައިދިނެވެ.
އީމާން އާއި އޭނާގެ އަންހެން ދަރިފުޅު:ފޮޓޯ/ އަލްޖަޒީރާ
އީމާން ކިޔައިދިން ގޮތުގައި، އޭނާގެ ދަރިފުޅު ހޫނުކޮށް ބެހެއްޓުމަށްޓަކައި އޭނާގެ އަތުގައި ހުރި ހެދުންތަކާ އަދި ފޮތިގަނޑުތައް ބޭނުންކުރިއެވެ. އަދި ދަރިފުޅުގެ ބައްޕަ، ޚަލީލް، ފޭލިގެ ރައްކާތެރިކޮށް، ފިނިކަމުން ރައްކާތެރިކުރުމަށްޓަކައި ހުރިހާ ދޮރުތަކާއި ހުޅުވިފައިހުރި ތަންތަން ބަންދުކުރަން މަސައްކަތްކުރިއެވެ.
ނަމަވެސް އެމީހުންގެ ހުރިހާ މަސައްކަތެއްވެސް ވީ ބޭކާރެވެ.
"އަހަރެމެން މި އުޅެނީ މަގުމަތީގައި ހުންނަ ފޭލިގެތަކުގައި، ތިޔަބޭފުޅުންނަށް. ފޮތިކޮޅަކުން ނުވަތަ ޕްލާސްޓިކް ކޮޅަކުން ކުރާނެ ކަމެއް ކޮބައިތޯ؟ ފިނިކަން ހުއްޓުވޭކަށް ނެތް. ކޮންމެ ދުވަހަކު ހެނދުނު އަހަރެމެން ހޭލާއިރު، އަހަރެމެންގެ ތިރީގައި އޮންނަ ފޮތިގަނޑު ހުންނަނީ ފެނުން ފޯވެފައި." އީމާން ބުންޏެވެ.
ތުއްތު މުހައްމަދަކީ އީމާން އާއި ޚަލީލްގެ ދެވަނަ ދަރިފުޅެވެ. އެމީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު، މޯނާ، ބޮޑުވަމުން އައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ގަތުލު އާއްމުގެ ތެރޭގައެވެ.
"ތުއްތު މުހައްމަދު ވަޅުލުމަށްފަހު އަހަރުމެން އެނބުރި އައުމުން، ކުޑަ މޯނާ އަހަރެންގެ ގާތަށް އައިސް އެހީ 'ބޭބީ ކޮބާ؟' ދޭތެރެއަކުން ބޭބީ ކޮބައިތޯ އަހާލާ." އީމާން އޭނާގެ އަންހެން ދަރިފުޅު ގައިގައި ބައްދާލަމުން ރޯންފެށިއެވެ.
މިދިޔަ އަންގާރަ ދުވަހު ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި، ވުޒާރާއިން ބުނެފައިވަނީ އުމުރުން ދެ ހަފްތާގެ ތުއްތު ކުއްޖާ މުހައްމަދު ޚަލީލް އަބޫ އަލް-ޚައިރު މަރުވީ ގަދަފަދަ ފިނިކަމުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްވުމުން ކަމަށެވެ.
މުހައްމަދު މަރުވުމާއެކު މި މަހު ޣައްޒާގައި ފިނިހޫނުމިނުގެ ސަބަބުން މަރުވި ކުދިންގެ އަދަދު ހަތަރަކަށް އަރާފައިވާއިރު، ވުޒާރާއިން މިދިޔަ ހަފްތާގައިވެސް މިފަދަ ތިން މަރު އިއުލާންކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists