މަންދުން އެދޭ 498 މިލިއަން ދޭކަށް ނުޖެހޭ، މިހާރުވެސް 19 މިލިއަން ދީފި: އޮޑިޓް

މަންދު ކޮލެޖް ކުރީން ހިންގި އެމްއީއެސް އިމާރާތް --

މަންދު ކޮލެޖުން ނުސީދާ ގެއްލުމުގެ ބަދަލަށް ހޯދަން ހުށައަޅާފައިވާ 498 މިލިއަން ދޭން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިއަދު ވަނީ އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސުކޫލެއް ހިންގުމަށް ވެފައިވާ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވާލުމާއި ގުޅިިގެން ބަދަލު ހޯދުމަށް ހުށައަޅާފައިވާ ގެއްލުމުގެ ބަދަލާގުޅޭ އެސެސްމަންޓް ރިޕޯޓް ނެރެފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލްގެ މަންދު ކޮލެޖަށް އެމްއީއެސް ހިންގި އިމާރާތް ދިނީ އިންޓަނޭޝަނަލް ސުކޫލަކާ އެކު އެ ކޮލެޖް ހިންގާށެވެ. ނަމަވެސް އިންޓަނޭޝަނަލް ސުކޫލެއް ނުހިންގުނެވެ. އަދި ފަހުން ވަނީ އެއްބަސްވުން އުވާލާ މަންދު އެ އިމާރާތުން ނެރެފަ އެވެ. އެކަމާއި ގުޅިގެން އެ ކޮލެޖުން ވަނީ ބަދަލު ހޯދަން އެދިފަ އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނީ މަންދު ކޮލެޖުން ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 498,883,522 މިިލިއަން ރުފިޔާ ހޯދަން އެދިފައިވާ ކަމަށާ މިއީ މަންދު ކޮލެޖް ހިންގައިގެން ކިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ އާއި އެމްއީއެސް ހިންގި އިމާރާތުގެ އެއްބަސްވުން ދެމި އޮތްނަމަ އެތަނުގައި ނައިޓް ކުލާސްތައް ހިންގައިގެން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ އާއި އިންޓަނޭޝަނަލް ސުކޫލު ހިންގައިގެން މުސްތަޤްބަލުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާ ހިމައިގެން ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ.

ނަމަވެސް އެއްބަސްވުން ދެމި އޮތްނަމަ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ ހިސާބުކޮށްފައިވަނީ އެއްބަސްވުން ދެމިއޮތްނަމަ މުސްތަގްބަލުގައި ލިބޭނެ ފައިސާ ހިސާބުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށްވާ އެ އޮފީހުން ނުދެކޭ ކަމަށެވެ. އެހެން ކަމުން އެ ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެފަދަ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަކީ އެކަށީގެންނުވާ އަދަދެއްގެ މާލީ ބަދަލެއްް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

މަންދު ކޮލެޖަށް ކުރީން ވަނީ 19 މިލިއަން ދީފައި

އެ ރިޕޯޓްގައިވާ ގޮތުން އެމްއީއެސް ހިންގި އިމާރާތުގެ އެއްބަސްވުމާއި ގުޅުންހުރި އެކި ކަންކަމާއި ގުޅިގެން މަންދުކޮލެޖަށް ވަނީ 19,709,808 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

އެގޮތުން އަރަބިއްޔާ ސުކޫލު ހިންގުން ވަގުތީ ގޮތުން އެމްއީއެސް އިމާރާތަށް ބަދަލުކުރުމަށްޓަކައި މަންދު ކޮލެޖަށް 286,819 ރުފިޔާ ދީފައިވެ އެވެ. އަރަބިއްޔާ ހިންގުމަށް ދޫކުރި ބައިތައް ހުސްކުުރމުން އެ ސުކޫލުން ބޭނުންކުރި ބައިތައް މަރާމާތު ކުރުމަށްވެސް 264,300 ރުފިޔާ ވަނީ ދޫކޮށްފަ އެެވެ.

މީގެ އިތުރުން އެމްއީއެސްގެ އިމާރާތުގެ ކަރަންޓާއި ގުޅުންހުރި މަރާމާތުގެ މަސައްކަތުގެ ޚަރަަދަށް 451,189 ރުފިޔާ ވެސް ވަނީ ދޫކޮށްފަ އެވެ.

އަދި އެއްބަސްވެފައިވާ މުއްދަތަށް އަރަބިއްޔާ ސުކޫލު ހިންގުމަށް އެމްއީއެސްގެ އިމާރާތުން ދޫކޮށްފައިވާ ބައިތައް ހުސްކޮށްފައި ނުވުމުން ގެއްލުމުގެ ބަދަލުގެގޮތުގައި ސިވިލް ކޯޓު ހުކުމާއި އެއްގޮތަށް 3,480,000 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ފަހުން މަންދު ކޮލެޖްގެ ކިޔެވުމުން ވަގުތުން ކުރިއަށް ގެންދިއުމަށްޓަކައި ތަނެއް ހޯދާ ކުލި ދެއްކުމަށާއި ތަން ހިންގުމަށް އާލާތްތައް ހޯދުމަށް 2021 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގެ ހުކުމައި އެއްގޮތަށް ވަނީ 15,012,500 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓްގައި ވެ އެވެ.

ކޮމެންޓް