ހުޅުމާލޭ ސެންޓްރަލް ޕާކް.. ފޮޓޯ: ވޮއިސް
ލައިފްސްޓައިލް
18 Jul 2026 | 10:21
ޕާކްފަދަ ތަންތަނަށް ގޮސް އުޅޭއިރު، ކުދިންނަށް ދަސްކޮށްދެވިދާނެ ރީތި އާދަތައް

ޕާކުތަކަކީ ކުޑަކުދިން ކުޅިވަރުކުޅެ، ހިތްހަމަޖައްސާލައި، ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އޮންނަ ހިތްގައިމު ތަންތަނެވެ. ކުދިންނަކީ ޕާކުތަކަށް ގޮސް ދުވެ، އެކި ކުޅިވަރުތަކުގައި ބައިވެރިވެ، އާ ކަންތައްތައް ހޯދައި ބަލަން ލޯބިކުރާ ބައެކެވެ. ނަމަވެސް، ޕާކުތަކަކީ ގިނަ ބަޔަކު އެކުގައި ބޭނުންކުރާ އާންމު ތަނަކަށް ވުމާއެކު، އެފަދަ ތަންތަނުގައި އެހެން މީހުންނަށް އިޙުތިރާމުކޮށް، ރައްކާތެރިކަމާއެކު އުޅޭނެ ގޮތް ކުދިންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިފަދަ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދިނުމުން އެކުދިންނަކީ މުޖުތަމައަށް ފައިދާހުރި، ޒިންމާދާރު އަދި އެހެންމީހުނަށް އަޅާލައި އޯގާތެރިވާ ބައެއްގެ ގޮތުގައި ބޮޑުވުމަށް އެހީތެރިވެދޭނެއެވެ.

އެހެން މީހުންނަށް އިޙުތިރާމުކުރުން

ޕާކުތަކަކީ އެންމެންގެ ތަނެއްކަން ކުދިންނަށް ވިސްނައިދޭންޖެހެއެވެ. އެހެން ކުދިން ކޮއްޕުމާއި، މީހުން ތިބޭ ސަރަޙައްދުތަކުގައި މާ ބާރަށް ހަޅޭއްލެވުން ފަދަ ކަންކަން ކުރުމުން ދުރުހެލިވާން ޖެހެއެވެ. އެހެން ކުދިންނާނާއި ވާހަކަދައްކަންވާނީ ރީތިކޮށް، އެކުވެރިކަމާއެކުގައެވެ. ޕާކަކީ އެންމެނަށް އުފާވެރި އަދި އަމާން ތަނަކަށް ހެދުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެހެން މީހުންނަށް އިޙުތިރާމުކުރުމެވެ.

ކިޔޫއަށް ނުވަތަ އެކުއްޖެއްގެ ވަގުތަށް އިންތިޒާރުކުރުން

ޕާކުތަކުގައި ހުންނަ އުނދޯއްޔާއި، ކުޑަކުދިން ކުޅޭ އެކި ސާމާނުތައް ބޭނުންކުރުމަށް ކުދިން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. މިފަދަ ވަގުތުތަކުގައި ކެތްތެރިކަމާއެކު ކިޔޫގައި މަޑުކުރުމަށް ކުދިންނަށް ބެލެނިވެރިން ދަސްކޮށްދޭންޖެހެއެވެ. އެހެން ކުދިން ކޮއްޕުން، ނުވަތަ ކިޔުގައި ކުދިން ތިއްބާ ކުރިއަށް އެރުމަކީ ރަނގަޅުކަމެއް ނޫންކަން އަބަދުވެސް ކުދިންނަށް ބުނެދޭންވާނެއެވެ. މިފަދަ ކަންކަމަކީ ކުދިންގެ ކިބައިގައި ކެތްތެރިކަމާއި ރީތި އަދަބުތައް އަށަގެންނެވުމަށް ލިބޭ ފުރުޞަތެކެވެ.

ހުޅުމާލޭ ޕާކެއް... ފޮޓޯ: ވޮއިސް

ކުޅޭ ސާމާނު އެންމެންނާ ހިއްސާކުރުން

އާންމު ޕާކުތަކުގައި ހުންނަ ކުޅޭ ސާމާނުތަކަކީ ގިނަ ކުދިންތަކެއް ބޭނުންކުރަން ބޭނުންވާ އެއްޗެހިތަކެކެވެ. އެހެންކަމުން، އެ ތަކެތި ހަމަހަމަކަމާއެކު ބޭނުންކޮށް، އެހެން ކުދިންނަށް ފުރުޞަތު ދޭން ދަސްކޮށްދޭންޖެހެއެވެ. އެއް ކުއްޖަކު މާ ގިނަ ވަގުތު އުނދޯލީގައި ނުވަތަ އެހެން ކުޅޭއެއްޗެއް ބޭނުންކުރުމުގެ ބަދަލުގައި، ކުޑަ ވަގުތުކޮޅަކަށްފަހު އެހެން ކުއްޖަކަށް ފުރުޞަތު ދިނުމުންވެސް އޯގާތެރިކަމާއި ކެތްތެރިކަން ދަސްވެގެންދެއެވެ. ޢާންމު ތަންތަނަކީ އެންމެންގެ ތަނެއްކަން ބެލެނިވެރިން ކުދިންނަށް ބުނެދޭންވާނެއެވެ.

ޕާކުގެ ސާފުތާހިރުކަން ދެމެހެއްޓުން

ޢާންމު ތަންތަނުގެ ސާފުތާހިރުކަމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިން ކައިބޮއެ ހަދާ ތަކެތީގެ އުރައާއި، ފުޅިއާއި، ޓިޝޫ ފަދަ ކުނި ބިމަށް އުކާލައިގެން ނުވާނެއެވެ. ކުނި އެޅުމަށް ޚާއްސަކޮށްފައިވާ ވަށިގަނޑުތައް ބޭނުންކުރުމަށާއި، ކުނިވަށިގަނޑެއް ނެތް ނަމަ އެ ކުނިތައް ގެއަށް ގެންދިއުމަށް ކުދިންނަށް އާދަކޮށްދޭންޖެހެއެވެ. މިކަމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ކުދިންނަށް ދަސްވާނެއެވެ.

ކުޅޭ ސާމާނު ރައްކާތެރިކަމާއެކު ބޭނުންކުރުން

ކުޅޭ ސާމާނުތައް ބޭނުންކުރަންވާނީ އެ އެއްޗެއް ބޭނުންކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައެވެ. އުނދޯލި މަތީގައި ކޮޅަށް ހުރުމާއި، ސްލައިޑްކުރާބައިން މައްޗައް އެރުން ފަދަ ކަންކަން ނުކުރުމަށް އަބަދު ވެސް ކުދިންނަށް ހަނދާން ކޮށްދޭންވާނެއެވެ. ސްލައިޑް އިން އެގޮތަށް މައްޗަށް އެރުމުން ތިރިއަށް ފައިބާ ކުދިންނާއި ޖެހި ކުއްޖަކަށް އަނިޔާއެއް ލިބުމުގެ ފުރުޞަތު އޮވެދާނެއެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ކުޅުމަކީ ތިމާއަށާއި އެހެން ކުދިންނަށް ލިބިދާނެ އަނިޔާތަކުން ސަލާމަތްވާނެ ކަމެކެވެ.

ޕާކެއްގައި ކުޑަކުއްޖަކު... ފޮޓޯ: ވޮއިސް

ވާހަކަދެއްކުމުގައި އަދަބުވެރިވުން

ރީތި ބަސްތަކުން މުޢާމަލާތްކުރުމަކީ އަދަބުވެރިކަމުގެ ހެއްކެކެވެ. "ޝުކުރިއްޔާ"، "މަޢާފުކުރޭ"، "ލައްބަ" ފަދަ ބަސްތައް ބޭނުންކުރުމަށް ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ނޭނގި ނަމަވެސް މީހެއްގެ ގައިގައި ޖެހިއްޖެނަމަ މަޢާފަށް އެދުމަކީ މުހިންމު ކަމެކެވެ. އަދަބުވެރިކަމާއެކު ވާހަކަދެއްކުމަކީ ގިނަ ރައްޓެހިން ލިބުމަށާއި މައްސަލަތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބެލެނިވެރިންގެ ގާތުގައި އުޅުން

ޕާކުތަކަކީ ބައެއް ވަގުތުތަކުގައި ވަރަށް ގިނަ މީހުން އެއްވާ ތަންތަނަށް ވާތީ، ބެލެނިވެރިންނަށް ނުފެންނަ ހިސާބަށް ދުރަށް ގޮސްގެން ނުވާނެކަން އަބަދުވެސް ބުނެދޭށެވެ. ބެލެނިވެރިން ތިބޭ ތަން އަބަދުވެސް ކުދިންނަށް އެނގެންވާނެއެވެ، އަދި ބެލެނިވެރިން ގޮވާލުމުން ވީ އެންމެ އަވަހަކަށް އިޖާބަދިނުމަށް ހަނދާންކޮށްދޭށެވެ. މިއީ ކުއްޖާގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

އެހެން ކުދިންނަށް އޯގާތެރިވުން

ބައެއް ފަހަރު ޕާކުތަކުން އެކަނިވެފައި ތިބޭ ކުދިން ނުވަތަ ދެރަވެފައި ތިބޭ ކުދިން ފެނިދާނެއެވެ. އެފަދަ ކުދިންނަށް ކުޅުމުގައި ބައިވެރިވުމަށް ދަޢުވަތު ދިނުމާއި، އޯގާތެރިކަމާއެކު ވާހަކަދެއްކުމަކީ ކުދިންގެ ކިބައިގައި ހުންނަންޖެހޭނެ ރީތި ސިފައެކެވެ. ޕާކަކީ އެކުވެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފަ ދަސްކުރަން އޮތް ރަނގަޅު ތަނެކެވެ.

ބެލެނިވެރިން ކެތްތެރިކަމާއެކު މަގުދައްކައިދިނުން

ޢާންމު ތަންތަނުގައި އުޅެންޖެހޭ އަދަބުތަކަކީ ކުއްޖަކަށް އެއް ދުވަހުން ދަސްވާނެ ކަންކަމެއް ނޫނެވެ. ބެލެނިވެރިން ކެތްތެރިކަމާއެކު މިކަންކަން ބުނެދީ، ކުދިންނަށް ނަމޫނާ ދައްކަންޖެހެއެވެ. ހަޅޭއްލެވުމުގެ ބަދަލުގައި، ވަކި ކަމެއް ކުރުން ގޯސްވަނީ ކީއްވެގެންކަން ލޯތްބާއެކު ވިސްނައިދޭންޖެހެއެވެ. އަދި ބެލެނިވެރިން ނަމޫނާ ދެއްކުމުން، ކުދިން އެކަންކަން ބަލައިގެން ދަސްކުރާނެއެވެ.

ޕާކު ފަދަ އާންމު ތަންތަނުގައި ކުދިން އުޅެވީ ރަނގަޅު ގޮތްތައް ކޮންމެ ކުއްޖަކަށް ބުނެދީ ދަސްކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެން މީހުންނަށް އިޙުތިރާމުކުރުމާއި، ކިޔޫއަށް އިންތިޒާރުކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަކީ މުހިންމުކަމެއްކަން ބުނެދޭންވާނެއެވެ.  ބެލެނިވެރިން ލޯތްބާއި ކެތްތެރިކަމާއެކު ކުދިންނަށް މަގުދައްކައިދިނުމުން، ޕާކުތަކަކީ އެންމެންނަށް އަމާން އަދި އުފާވެރި ތަންތަނަށް ވެގެންދާނެއެވެ.

މިއަދު ކުދިންނަށް ދަސްކޮށްދޭ މިފަދަ ރީތި އަޚްލާޤުގެ ސަބަބުން މާދަމާ އެކުދިންނަކީ ޒިންމާދާރު އަދި އަދަބުވެރި ބައެއްގެ ގޮތުގައި ބޮޑުވުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލަކަށް ވެގެންދެއެވެ. އާންމު ތަންތަނުގައި އެހެން މީހުންގެ ޙައްގުތަކަށް އިޙުތިރާމުކޮށް، ތިމާވެއްޓަށް ރައްކާތެރިވުމުގެ އާދަ އަށަގަތުމަކީ، މުޅި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ބެލެނިވެރިންގެ ފަރާތުން ލިބޭ މިފަދަ އިރުޝާދުތަކަކީ ކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރު އަދާކުރާނެ ކަންތައްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.