އެމެރިކާއިން އުފައްދާ ޖެވްލިން އެންޓި-ޓޭންކް މިސައިލް ސިސްޓަމް ގަތުމަށް އިންޑިއާއިން ރާވަމުންދާކަން، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯރ ކަށަވަރުކޮށްދެއްވައިފިއެވެ. ސަފީރު ގޯރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަތަކުގައި ބޭނުންކޮށްގެން އޭގެ ގާބިލުކަން ސާބިތުކޮށްދީފައިވާ މި މިސައިލް ސިސްޓަމް އިންޑިއާއިން ގަންނަން ނިންމުމަކީ ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި އިންޑިއާ ގުޅިގެން މިސައިލް އުފެއްދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލޮކްހީޑް މާޓިން އާއި ރޭތިއޯން ގުޅިގެން އުފައްދާ ޖެވްލިން ސިސްޓަމަކީ ކޮނޑުމަތީގައި ބައިންދައިގެން ބަޑިޖަހާ އުސޫލުން ޓޭންކުތަކާއި އެހެނިހެން ހަތިޔާރުއެޅި އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ، އަތްމަތީގައި މޮބައިލްކޮށް ގެންގުޅެވޭ ސިސްޓަމެކެވެ. މި ސިސްޓަމްގެ އެންމެ ހާއްސަ އެއް ސިފައަކީ "ފަޔަރ-އެންޑް-ފޮގެޓް" ޓެކްނޮލޮޖީ އެކުލެވިގެންވުމެވެ.
މި ނިންމުމަކީ ފަހަކަށް އައިސް އެމެރިކާއިން އަސްކަރީ އާލާތްތައް ގަތުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. ކުރިންވެސް ޕެންޓަގަންއިން ވަނީ ޖެވްލިން ސިސްޓަމާއި އެކްސްކެލިބާ ގައިޑެޑް އާޓިލަރީ ވަޒަން އިންޑިއާއަށް ވިއްކުމުގެ ހުއްދަ ދީފައެވެ. މި ސިސްޓަމްތައް ލިބުމުން އިންޑިއާގެ އެއްގަމު ސިފައިންގެ ގާބިލްކަން ބޮޑުތަނުން އިތުރުވެގެން ދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists