ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.
ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބޭއްވި މި ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.
އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން -- އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަން -- މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނު ކަމަށް ބުންޏެވެ.
އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށްފައިވެ އެވެ.
އޭގެ އިތުރުން، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists