ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ލެވަންޓޭ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ހަމަޖެހިލައިފިއެވެ.
ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑު ޖަހާފައެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެސްޕާޓް އެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ، 48 ވަނަ މިނެޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުން ޔަމާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ނަމަވެސް، ޔަމާލްގެ މި ލަނޑަށްފަހު ލެވަންޓޭއިން ވަނީ ކުޅުން ރަނގަޅުކޮށް، އެންމެ 10 މިނެޓުގެ ތެރޭގައި ޖެހިޖެހިގެން ދެ ލަނޑު ޖަހައި ބާސެލޯނާ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.
ލެވަންޓޭއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަޑެޔޭމީ ވަނީ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައި، އެ ޓީމަށް މެޗުގެ މޮޅު ކަށަވަރުކޮށްދީފައެވެ.
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists