އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި އިސް ގައުމުތަކުގެ ވެރިންނާއެކު ދެފަރާތުގެ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވައިފައެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ބައްދަލުވުންތައް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ޔޫކްރޭން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާއާއި ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމުގެ މުހިންމުކަން މޯދީ ފާހަގަކުރެއްވިއިރު، ދެގައުމުގެ މެދުގައި ވިޔަފާރިއާއި، ދިފާއީ ދާއިރާގެ އިތުރުން ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ބައްދަލުވުމަކީ ދެގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ސަރަހައްދީ އިމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކޮށްފައި ބެހެއްޓުމަކީ ގުޅުން ކުރިއެރުވުމުގެ އަސާސްކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ނުވަތަ އިގްތިސާދީ ފަރަގުތައް ކުޑަކުރުމަށާއި، ދެފަރާތުގެ މަސްލަހަތަށް ހުރުމަތްތެރިކޮށް ހިތައިގެން ކުރިއަށް ދިއުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
މީގެއިތުރުން، އީރާނުގެ ރައީސާއި އެހެން ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އިންޑިއާގެ ކާމިޔާބު ޑިޖިޓަލް މޮޑެލްތައް ހިއްސާކުރުމަށް މަޝްވަރާ ކުރެވުނެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކަންބޮޑުވުންތަކާއި އިގްތިސާދީ ކުރިއެރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިއަދުގެ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ބްރިކްސްގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް މޯދީ ގޮވާލެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists