ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދު ރައްކާތެރިކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމަށާއި، އިންޓަރނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ގާއިމުކޮށް، ހުރިހައި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މަގްސަދުގައި އުފެއްދި ކޯލިޝަނެކެވެ.
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ މުއާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މި ކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ގާތްގުޅުންތައް ބާއްވާ ގިނަ ގައުމުތަކަކުން ބައިވެރިވެފައި ވާއިރު، މި ކޯލިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ގާތް އަހްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists