ރާއްޖެ އާ އެންމެ އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްއަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ އިތުރުވެފައިވާކަމަށް އެޤައުމުގެ ކަސްޓަމްސްއިން ބުނެފިއެވެ.
ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ޗަންދަނާ ޕުންޗިހޭވާ ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މުއައްސަސާއަށް 2 ޓްރިލިއަނަށް ވުރެ ގިނަ ރުޕީސް އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށެވެ. މިއީ 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 2.207 ޓްރިލިއަން ރުޕީސްގެ އާމްދަނީގެ އަމާޒުގެ 90 އިންސައްތައަށްވުރެ މަތީ މިންވަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަހަރުގެ ނުވަ މަސްދުވަސް ހަމަނުވަނީސް މި ބޮޑު އަމާޒު ހާސިލްކޮށްފައިވާއިރު، މުޅި އަހަރުގެ އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް 207 ބިލިއަން ރުޕީސްއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޯގަސްޓް މަސް ނިމުނުއިރުވެސް ކަސްޓަމްސްއިން ވަނީ އެ މުއްދަތަށް ކަނޑައެޅި އަމާޒަށްވުރެ އިތުރަށް، 1.85 ޓްރިލިއަން ރުޕީސް ހޯދާފައެވެ.
ސްރީލަންކާ ކަސްޓަމްސްގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވޭތުވެދިޔަ 2025 ވަނަ އަހަރުއެވެ. އެ އަހަރު ކަނޑައެޅި އަމާޒަށްވުރެ އިތުރަށް، ޖުމްލަ 2.56 ޓްރިލިއަން ރުޕީސް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ސްރީލަންކާގެ އިގްތިސާދު ރަނގަޅުވެ، އެޤައުމަށް ލިބޭ އާމްދަނީ އިތުރުވާން ފަށާފައި މިވަނީ މިހާރުގެ ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެގޮތުން އެޤައުމުގެ މިހާރުގެ ސަރުކާރުން ވަނީ ދަރަނި މުރާޖައާކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ސަރުކާރުެގ އެތެރޭގެ ކޮރަޕްޝަން ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއްކޮށް ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists